ބައިޑަން ފަލަސްޠީނުގެ ހައްގުތައް ހަނދުމަފުޅެއް ނެތް، ހަމައެކަނި ފައިސާގެ އެހީއެއް ދެއްވީ

ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސް (ކ) އެމެރިކާގެ ރައީސު ޖޯ ބައިޑަންއާ ބައްދަލުކުރައްވަނީ

މިހާރު މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވާ އެމެރިކާގެ ރައީސު ޖޯ ބައިޑަން އިއްޔެ ދެ ގަޑިއެއްހާއިރު ފަލަސްޠީނުގެ ބައިތުލަޙްމްގައި ހޭދަކުރެއްވިއެވެ. އަދި ފަލަސްޠީނު ރައީސު މަޙްމޫދު ޢައްބާސާ އެކު ބައިގަަޑިއިރުގެ ބައްދަލުވުމެއް ބޭއެްވެވިއެވެ.

ދެ ބޭފުޅުންގެ ބައްދަލުވުން ނިންމާލުމަށްފަހު ގުޅިފައިވާ ބަޔާނެއް ނެރެފައި ނުވެއެވެ. މެދުއިރުމަތީގެ މައްސަލައިގެ "އެންމެ ރަނގަޅު ހައްލަކީ ދެ ދައުލަތު ހައްލު" ކަަމަށް އެއްބަސްވެވުނަސް، ސިޔާސީ ޚިޔާލުތަފާތުވުންތައް ބޮޑުކަމުންނެވެެ.

ފަލަސްޠީނު މީހުންނަށް އެމެރިކާއިން ވެފައިވާ ސިޔާސީ ވައުދުތައް ހަގީގަތަށް ހެދުމުގައްޔާއި، ސުލްހައިގެ މަސައްކަތް ކުރިއަށް ގެންދާނެ އަލިމަގެއް އުދަރެހުން ފެންނަން ނެތުމުން، ފަލަސްޠީނުގެ ރައީސުގެ އޮފީހުން ބައްދަލުވުމަށް ކުރު ބަޔާނެއް ނެރުމުން ފުއްދާލީއެވެ.

ސިޔާސީ ވައުދުތައް ފުއްދައިނުދެއްވުނުތަން ފޫބެއްދެވުށް ރައީސު ބަައިޑަން ކުރެއްވި ކަމަކީ ފައިސާގެ އެހީއެއް ދެއްވެވުމެވެ. އިރުމަތީ ޤުދްސުގެ އަލްމަޠުލަޢު ހޮސްޕިޓަލް (އޮަގަސްޓާ ވިކްޓޯރިޔާ ހޮސްޕިޓަލް) އަށް ކުރެއްވި ޒިޔާރަތުގައި އޭނާ ވަނީ ފަލަސްޠީނުގެ ހޮސްޕިޓަލްތަކަށް 100 މިލިއަން އެމެރިކާ ޑަލަރުގެ އެހީދެއްވަން ނިންމަވާފައެވެ. އަދި ފަލަސްޠީނު ސަރުކާރަށް ފައިސާގެ އެހީދެއްވުމުގެ އިތުރަށް. ފަލަސްޠީނު ރެފިއުޖީންގެ ކަންކަން ބަލަހައްޓާ އދ. ގެ އިދާރާ 'އަންރުވާ' އަށް 200 މިލިއަން ޑޮލަރުގެ އެހީ ދެއްވަން ނިންމަވާފައެެވެ.

ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ދެ ދައުލަތުގެ ހައްލަށް އެމެރިކާއިން ތާއީދުކުރާ ވާހަކަ ދެއްކެވިއިރު، އެކަން ތަންފީޒުކުރަން އަޅާނެ އަމަލީ ފިޔަވަޅުތަކުގެ ވާހަކައެއް ނުދައްކަވައެވެ.

ރައީސު ބައިޑަންއާ ރައީސު ޢައްބާސުގެ ސިޔާސީ ޚިޔާލުފުޅުތަކުގެ ތަފާތު ބޮޑުވެފައިވާއިރު، ރައީސު ޢައްބާސް ވަނީ "74 އަހަރަށް ފަހު އަޅުވެތިކަން ނިމުމަކަށް އަންނަން ނުވޭހޭ؟ ސުވާލުކުރައްވާފައެވެ. "ސަރަހައްދުގައި ސުލްހަ ގާއިމުވުމުގެ ތަޅުދަނޑިއަކީ ފަލަސްޠީނު މީހުންގެ ހައްގުތައް ގަބޫލުކުރުން. އަދި ފަލަސްޠީނު ރައްޔިތުންގެެ ހައްގުތައް އެމީހުންނަށް ލިބޭނެ ގޮތް ހެދުން." ޢައްބާސް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސުގެ ދަތުރުފުޅުގައި އެއްވެސް ސިޔާސީ ކުރިއެރުމެއް ނުލިބުމުން ފަލަސްޠީނު މީހުން ތިބީ މާޔޫސްވެފައެވެ.

"އަހަރުމެންނަށް އިގުތިސާދީ އެހީ މުހިއްމެއް ނޫން. އެހީ އަގެއްހުރި އެއްޗެއް ނޫން. އަހަރުމެނަށް މުހިއްމީ ސިޔާސީ ވާހަކަ. އެވާހަަކަ ވަނީ އެމެރިކާގެ ރަައީސުގެ ވާހަކަފުޅުން ގެއްލިފަައި." ޕެލެސްޓައިން ލިބަރޭޝަން އޮގަނަައިޒޭޝަން (ޕީއެލްއޯ) ގެ ސެންޓްރަލް ކޮމިޓީގެ މެންބަރު ޢައްޒާމް އަލްއަޙްމަދު ވިދާޅުވިއެވެ.

ބައިޑަންގެ ފަރާތްޕުޅުން އުއްމީދީ ވާހަކަފުޅުތަކެއް ނީވުމުން އޭނާގެ އިސްތިގުބާލަށް މާ ހިފައިގެން ގޮސްތިބި ފަލަސްޠީނު މީހުން ވަނީ މާތައް އެއްލާލައި ރުޅިވެރިިކަން ފާޅުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.