ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގަތުމާއެކު ރައީސް ނަޝީދަށް ހޭފުޅުލެއްވިއްޖެ

ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއިން ފުރާވަޑައިގަތުމާއެކު ރައީސް ނަޝީދަށް ހޭފުޅުލެއްވިއްޖެއެވެ.

ލަންކާގައި ހަމަނުޖެހުން ބޮޑުވެ، ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ފެށުމުން ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވުމުން ރާއްޖެއިން ހިމާޔަތް ދިނުމުގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދު ކަމަށް ގިނަބަޔަކު އައީ ތުހުމަތު ކުރަމުންނެވެ.

އެހެންނަަމަވެސް އެއިން އެއްވެސް ކަމަކަށް އިޖާބަނުދެއްވާ ހުންނެވުމަށްފަހު، ގޮތަބަޔާ ރާއްޖެއިން ފުރާވަޑައިގެން ސިންގަޕޫރަށް ވަޑައިގަތުމުން ރައީސް ނަޝީދު ވަނީ ޓްވީޓެއް ކުރައްވާފައެެވެ.

އެމަނިކުފާނުގެ ޓްވީޓުގައި ރާއްޖެ ވަޑައިގެންނެވި ގޮތަބަޔާ ރާޖަޕްކްޝަޔާއިމެދު ދިވެހި ސަރުކާރުން ކަންތައްކުރި ގޮތަށް، އައްސަރިބަހާއި ސާބަސް ވަނީ ރައްދުކުރައްވާފައެވެ.

ގޮތަބަޔާގެ އިސްތިއުފާގެ ވާހަކަ ހިމެނޭހެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ގޮތަބަޔާ ލަންކާގައި ހުންނެވިނަމަ އިސްތިއުފާ ނުދެއްވީސްކަމަށް ދެކެލައްވާ ކަމަށެވެ. އަދި ގޮތާބަޔާގެ ފުރާނަފުޅަށް އޮތް ނުރައްކާ އެއީ އެކަމުގެ އެއް ސަބަބު ކަމަށެވެ.

ގޮތަބަޔާ ގައުމުން ފިއްލަވައިގެން މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ވަޑައިގެންނެވީ އަސްކަރީ މަތިންދާ ބޯޓެއްގައެވެ.

އޭރު އެ ގައުމުުގެ ހާލަތު ވަނީ ބޮއްސުންލާފައެވެ. އަދި އާންމުން ނިކުމެ އެމަނިކުފާނުގެ އޮފީސް ވެސް ވަނީ ހިސޯރުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.