ގޮޓަބަޔާ ރާޖަޕަކްސަ ރާއްޖެ ގެނައި މައްސަލަ އެމްއެންޕީން މަޖިލީހަށް ހުށަހަޅައިފި

އަވަށްޓެރި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިލުވައިގެން ދިވެހި އަސްކަރިއްޔާގެ ހުއްދައާއެކު ރާއްޖެ ގެނައި މައްސަލަ ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއީ އެ ޕާޓީން ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަމަށް ފާހަގަކޮށް ބުނީ އެކަންބޮޑުވުން ގުޅިފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ.

އެގޮތުން ފުރަތަމަ ކަންބޮޑުވުމަކީ ރާއްޖެއިން ސްރީލަންކާގެ ރައީސް ފިއްލެވުމަށް އެހީތެރިންކަން ފޯރުކޮށްދިންކަމަށް އެގައުމުގެ ރައްޔިތުންނަށް ގަބޫލު ކުރެވޭތީ އޭގެ ސަބަބުން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލާ ދުއްތުރާވުން ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި ދެވަނަ ކަންބޮޑުވުމަކަށް ފާހަގަކޮށްފައިވަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސަލާމަތާއި ރައްކާތެރިކަމެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ސަރުކާރުގެ މި ފިޔަވަޅުގެ ސަބަބުން ދިމާވެދާނެ ނުރައްކަލާއި ނުރައްކަލުގެ އެސެސްމެންޓެއް ހައްދަވާފައިވާކަން ދޭހާވާނެ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން ނުފެންނަކަން ވަނީ ފާހަގަކޮށްފައެވެ.

މި ކަންކަމަކީ ރާއްޖޭ ގައުމީ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ގުޅިފައިވާ ކަންކަން ކަމަށްވާތީ، އެޕާޓީގެ ޕީޖީ ގުރޫޕުގެ ފަރާތުން ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުން ހިމެނޭ ޖޮއިންޓް ކޮމިޓީއަކުން މިކަންކަން ބަލާ ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް އެދިފައިވާނެ ކަަމަށް އެމްއެންޕީން ބުނެއެވެ.

މީގެ އިތުރުން މި މައްސަލަ ބެލުމުގައި ސަރުކާރުން، ސްރީލަންކާގެ ރައީސްއަށް ދެއްވާފައިވާ ވިސާގެ ބާވަތާއި، އެފަދައިން އަމަލުކުރި ސަބަބު އޮޅުން ފިލުވައި ދިނުމަށް ވެސް ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.