އަމީރާ ސުލްޠާނާގެ ނާރެސް - 20

(20 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

"ނޫނެކެވެ! ދަރިފުޅަކަށް ނޭނގޭނެއެވެ." އަޅުގަނޑަށް ދެއަތުންބޮލުގައި ހިފައި ރޮއެގަނެވުނެވެ.

"ނޭނގޭނެއެވެ! އަހަރެން އިޢުތިރާފްވާން ބޭނުމެވެ." މިވަގުތު އަޅުގަނޑަށް އިޙްސާސްކުރެވެނީ، ތެދު ހާމަކުރެވޭވަރުގެ ހިތްވަރު އަޅުގަނޑަށް ލިބިފައިވާ ކަމުގައެވެ. އަދި އެކުށްކުށަށް އަޅުގަނޑުގެ ނަފްސު ހުށަހެޅިގެންދިއުމަށް މެދުވެރިވެފައިވާ ސަބަބުތައް ސާފުކޮށްދޭން ޖެހިފައިވާ ކަމެވެ. އަދި ފިރިމީހާއާއި ދަރިފުޅު ހީކުރާ ވަރަށްވުރެ، އަޅުގަނޑުގެ ދީނީ ޢަޤިދާ ބަލިކަށިކަމުގައި ބުނެ ކުރެވިފައިވާ ކުށަށް އިޢުތިރާފްވުން ރަނގަޅުކަމުގައެވެ.

"މަންމަ އަދާކޮށްފައިވަނީ، މުސްލިމަކު އެންމެ ކުޑަމިނުން ފުރިހަމަކުރަންޖެހޭފަދަ ވާޖިބެކެވެ." ލަދުގަންނަވައިލަން އެއްޗެތިކިޔާގޮތަށް  އަމާނީ އަޅުގަނޑާދިމާއަށް ބުނެލިއެވެ. މަލާމާތުގެ ހިނިތުންވުމަކާއެކު އަމާނީ އަޅުގަނޑާ ދިމާއަށް އެއްޗެތި ކިޔައިގަތެވެ.

އަމާނީ އެކީ އެއްޗަކަށް ނުބަލައި، ކަރީމް އަޅުގަނޑުގެ ދެއަތް މޫނުމަތިން ދުރުކޮށްލެވޭތޯ މަސައްކަތް ކުރިއެވެ.

"އިޢުތިރާފް ކޮންކަމަކާހެއްޔެވެ؟ ސުލްޠާނާއެވެ!" ކަރީމް ބުންޏެވެ.

އަމާނީ ކަހަލަ މަޢާފުކުރަން ބޭނުންނުވާ ކުއްޖެއްގެ ކުރިމަތީ، އަޅުގަނޑުގެ ކުށަށް އިޢުތިރާފުވުމަކީ، ބޭނުންކަމެއްނޫންކަމުގައި އަޅުގަނޑަށް އިޙްސާސް ކުރެވުނެވެ. ފުންކޮށް ނޭވާއެއް ލީމެވެ. މާޒީގައި ކުރެވިފައިވާ ފާފަތަކަށް ތައުބާވެ އެކަންކަން އަލުން ތަކުރާރު ނުކޮށްވޭތޯ ބަލަންވީއެވެ. އަޅުގަނޑު  ހިތާހިތުން ކިޔައިލީމެވެ. ކަރީމުގެ ލޮލުން ފައުޅުވި ފަޚުރުވެރިކަމާއި އިޙްތިރާމާ އަދި އޯގާތެރިކަމާއި އިތުބާރުގެ މައްޗަށް އަޅުގަނޑު ލަދުގަތެވެ. އެހައި އަވަހަށް ދޫކޮށްލަންވީ ކީއްކުރަން ހެއްޔެވެ ؟ އަޅުގަނޑު އިސްދަށަށް ޖަހައިލީމެވެ.

"އެނގޭ ހެއްޔެވެ؟ އަހަރެންނަކީ އަބަދުވެސް ފާފަތަކަށް އަރައިގަނެވޭ މީހެކެވެ." ލަދުގަނެ ދެރަވެފައި އިނދެ އަޅުގަނޑު ބުނީމެވެ. އަޅުގަނޑަށް ކުރެވިފައިވާ ކުށްތަކަށް، ﷲ ޖަޒާ ދެއްވާނެއެވެ. ކަރީމާ އަޅުގަނޑާ އެކަނިވެލާ އެންމެފުރަތަމަ ވަގުތުކޮޅަށް، އަޅުގަނޑު ހުންނާނީ އިންތިޒާރު ކޮށްކޮށެވެ. ފުރަތަމަ ދިމާވާތަނުންވެސް، އަޅުގަނޑު ހުރިހައިކަމަކަށް އިޢުތިރާފް ވާނަމެވެ. އަޅުގަނޑުގެ ޚިޔާލުތައް މަންމައާ ދިމާއަށް މިޞްރާބު ޖެހިއެވެ. އަދި ބޭއިޚްތިޔާރުގައި ގޮވައި ލެވުނެވެ.

"މަންމަ އަހަރެންނާއެކު ހުރިނަމަ އެވެ!" އަޅުގަނޑުގެ ވާހަކަ ނުނިމެނިސް އަމާނީ އެއްޗެއް ބުނެލިއެވެ.

"ﷲ ގެ ކުޅަދުންވަންތަކަން ޤަބޫލުނުކުރާނީ، ވަރަށް ޖާހިލު މީހުންނެވެ."

ވަރަށް ފުން ނަޒަރަކުން، ކުށްވެރިވެފައިހުރި މީހެއްފަދައިން އަމާނީއާ ހަތަރުކަޅި ހަމަކޮށް އިނދެ ބަލައިލީމެވެ.  އަނެއްކާވެސް ވާހަކަ ދެއްކީ އަމާނީއެވެ. އަޅުގަނޑު ލަދުގަންނަވައިލުމުގެ ބޭނުމުގައެވެ. އެކަމަކު، ކަރީމް އަމާނީއާ ދިމާއަށް ލޯއަޅައިލުމުން، އިތުރު އެއްޗެކޭ ނުބުނެއެވެ.

"ޚާއްޞަކޮށް ރޯދަމަސް މިހާރު މިނިމެނީއެވެ. އަހަރެމެން މިތިބީ ރޯދަޔަށެވެ. އަމާނީއަށް ތިކުރެވެނީ ރަނގަޅުކަމެއްނޫނެވެ. މަންމައާ ދިމާއަށް އެއްޗެތިކިޔައިގެން ނުވާނެއެވެ." ކަރީމް ހިތްހަމަނުޖެހުނުކަނ އެނގުމުން، އަމާނީ އިތުރު އެއްޗެކޭ ބުނާކަށް ނޫޅެއެވެ. ޖެހިގެންހުރި މިސކިތުން ކުއްލިޔަކަށް، އެއިޢުލާންކުރީ ޝައްވާލް މަހަށް ހަނދުފެނުނު ވާހަކައެވެ. ހަނދު ފެނުނުވާހަކައާއި އެކަން ޔަޤީން ކުރެވުނު ވާހަކައެވެ. އެއަހަރުގެ ރޯދަމަސް އެނިމުނީއެވެ. ދެންފެށޭނީ ކުޑަޢީދުގެ ކުޅިވަރުތަކެވެ. އެކަކު އަނެކަކަށް ސަލާމްކޮށް ޢީދުގެ އުފާވެރިކަމާއި ތަހުނިޔާ ބަދަލުކުރެވުނެވެ. އަދި އަންނަ އަހަރުގެ ރޯދަމަހާ ހަމަޔަށް ދިރި ދުނިޔޭޣައި ލަހައްޓަވާތޯ ދުޢާ ކުރެވުނެވެ. އަޅުގަނޑުމެންގެ ޚާދިމުންނާވެސް ޢީދުގެ ތަހުނިޔާ ބަދަލުކުރެވުނެވެ.

އަޅުގަނޑު އިންތިޒާރުކޮށްގެންހުރި ދުވަސް އައީއެވެ. ޢީދު އައުމުން ލިބުނު އުފައުވެރިކަމުގެއިޙްސާސްތަކަށް ވަނީ ހިޔަނި އެޅިފައެވެ. އެއީ ކުރެވިފައިވާ ކުށްތަކަށް ތައުބާ ނުވެވޭކަމުގެ އިޙްސާސްތައް ކުރިޔަށްޖެހި ހިތަށް އުނދަގޫވެފައި ހުރީމައެވެ. ކުޑަޢީދަކީ މުސްލިމުންނަށް ބަންދު ދުވަސްތަކެކެވެ. ކުޑަޢީދުގެ ކުޅިވަރުތައް އޮންނަނީ 3 ދުވަހަށެވެ. ސަރުކާރުންވެސް ވަރަށްގިނަ ޙަރަކާތްތައް ރާވާނެއެވެ. ވަކިވަކި ފަރުދުންވެސް، ތިމާގެ އަދި ރައްޓެހިންގެ ގޭގެޔަށް ޒިޔާރަތްކޮށް، ޢީދުހަދިޔާ ބަދަލުކޮށް ހަދާނެއެވެ. އަޅުގަނޑުމެންވެސް އެރޭ ހަތަރުދަމު ޢީދު ފާހަގަކޮށް، ހޭލައިތިބެގެން އެކި ކުޅިވަރު ކުޅުނީމެވެ. ފަތިސް ނަމާދު ވަގުތަށް ، އިރު ދޮންކޮށްލުމާ ހަމަޔަށެވެ. ކަންދިމާކުރިގޮތުން، ކަރީމާ އަމިއްލަ އެއްވެސް ވާހަކައެއް ދެއްކޭގޮތެއް ނުވެއެވެ. އަޅުގަނޑު ބޭނުންވިގޮތަށް، ކަރީމްގާތު  ހުރިހައިކަމަކަށް އިޢުތިރާފް ވެވޭގޮތެއް ނުވިއެވެ.

އަނެއްދުވަހު، ހެނދުނު ހޭލެވޭގޮތެއް ނުވިއެވެ. މެންދުރުވަންދެން ތިބީ ނިދިފައެވެ. އެކަކުވެސް ހެޔެއްނުލައެވެ. ހޭލައިގެން ކަރީމް ފެންވަރައިގެން ނުކުތްއިރުވެސް އަޅުގަނޑަށް ހިއްލައި ނުލެވި އެނދުގައި އޮވެވުނެވެ. އަޅުގަނޑަށް ކުރެވިފައިވާ ހުވަޔަށް އިޙްތިރާމް ނުކުރެވުނުވާހަކަ ބުނަން ތައްޔާރުވީއިރު، ކަރީމް ހެދުންލައި ނިމެނީއެވެ. އަޅުގަނޑަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް، ކަރީމްގެ މިއަދުގެ ތާވަލު އަޅުގަނޑަށް ހަނދާން ކޮށްދިނެވެ.

ކަރީމް ބުނިގޮތުގައި އޭނާގެ މިއަދުގެ ބާކީއޮތް ހުރިހައި ވަގުތެއް އޮންނާނީ ޖިއްދާގައި އަޅުގަނޑުމެންގެ ބޭބެ، ރަސްގެފާނު ފަހުދުގެ އަރިހުގައި މައި ގަނޑުވަރުގައެވެ. ކަރީމުގެ ސިކުނޑިވަނީ ޢީދުގެ އެކިކުޅިވަރުތަކުން ފުރިފައެވެ. އެހެންކަމުން، އެންމެ ރަނގަޅުވާނީ، އަޅުގަނޑުގެ އަމިއްލަ ވާހަކަތައް އިހަށް ލަސްކޮށްލުމެވެ. އެވާހަކަތަކަކީ، ކަރީމުގެ ހިތަށް އެހައި ފަސޭހަ އެއްޗަކަށް ނުވެ ހިނގައިދާނެއެވެ.

އަޅުގަނޑަށް މިހުރެވެނީ ހަދާނެގޮތް ބޮޑުވެފައެވެ. ކަރީމްގާތު ހުރިހައި ވާހަކައެއް ކިޔައިދޭނީތޯ ނުވަތަ ނޫންތޯ އެވެ ؟ މިދެގޮތުންކުރެ ގޮރެއް އެބަ ނިންމަން ޖެހެއެވެ. އެންމެ މުހިންމު ކަމަކީ އަޅުގަނޑަށް ކުރެވިފައިވާ ފާފައަށް ތައުބާވުމެވެ. އެހެނަސް، ތައުބާ ވުމުގެ ކުރިން އަޅުގަނޑުގެ ނަފްސު ތައްޔާރުވާން އެބަޖެހެއެވެ. ތައުބާވުމަށްފަހު އެފާފައަކާ ދުރުހެލިވެވޭނެގޮތް ހޯދަން ޖެހެއެވެ. އެހެނީ، ތައުބާވުމަށްފަހު ދެން އެފާފައެއް ތަކުރާރު ވެއްޖެނަމަ، ތައުބާގެ ބޭނުމެއް ނެތެވެ. އެއީ ކުޅިކުޅިވަރަށް ކުރާކަހަލަ ކަމެއްނޫނެވެ. ތައުބާވުމަށްފަހު، ރާބޮއެގެން ނުވާނެއެވެ. ސިނގިރެޓް ބޮއެގެން ނުވާނެއެވެ. އަޅުގަނޑުގެ ހަށިގަނޑު އެކަންކަމާ ދުރުހެލިވުމަށް ތައްޔާރު ކުރުވާފައިނޫނީ ތައުބާވުން ރަނގަޅެއްނޫނެވެ. ތައުބާވުމަށްފަހު، އެއިންކަމެއް ތަކުރާރުކުރާކަށް އަޅުގަނޑެއް ބޭނުމެއްނޫނެވެ. މިރޯދަމަސް ނިމިގެން، ގާތްތިމާގެ މީހުންނާއި ރައްޓެހި ގޭގެޔަށް ޒިޔާރަތްކުރުމާއި ފަޤީރުންނަށް އަންނައުނާއި ކާންދިނުމުގެކުރިން، އަޅުގަނޑުވާންޖެހޭ ތައްޔާރީތައް ވުމަކީވެސް މުހިންމު ކަމެކެވެ.

"ލޯބިވާއެވެ! ހަނދާން ނެތުނީ ހެއްޔެވެ؟ މިއަހަރު ވީހައި ގިނަ ޢަދަދެއްގެ ފަޤީރުންނަށް ޞާދަޤާތް ދޭން އަހަރެން ބޭނުމެވެ. މިދިޔަ އަހަރު ދިންވަރަށްވުރެ ގިނައިންނެވެ." ކަރީމް ކޮޓަރިން ނުކުންނަން ދޮރުން ބޭރަށް އެއްފައި އަޅައިގެން ހުއްޓާ އަޅުގަނޑު ގޮސް ކުރިމައްޗަށް އަރައި އަތް ދިއްކޮށްލަމުން ވަރަށް ލޯބިން ގަމީހުގެ ގިރުވާން ރަނގަޅުކޮށްލަދެމުން ބުނެލީމެވެ.

"އެއްކަލަ ކަދުރާއި ހެދިކާ އަޅައިފާހުރި ބޮޑުތަށި ކައިލީމަ، ފަޤީރުންނަށް ޞަދަޤާތްކުރިވަރަށްވުރެ ގިނައިން ހެއްޔެވެ؟" ކަރީމްގެ އެސުއާލަށް ޖަވާބުދެމުން، އާނއެކޭ ބުނެ، ތިރީތުންފަތުގައި ދަތް އަޅައިލެވުނެވެ. އެޙާދިސާއަކީ ވަރަށް ލަދުގަތް ޙާދިސާއެކެވެ. އެކަން ހިނގާފައިވަނީ މީގެ ދެއަހަރު ކުރިން ރޯދަމަހެއްގައެވެ. އެފަހަރުވެސް މާބޮޑަށް ބަނޑުހައިވެގެން އެއްޗެއް ކައިލެވުނީއެވެ. ޚާދިމުން ދުވާލު ހަތަރުދަމު އުޅެގެން ހެދިކާ އާއި ކަދުރުން ހަދާފަހުރި ދޮލަނގަކުން އިރުއޮއްސުމުގެ ކުރިން އަޅުގަނޑަށް ކެވުނީއެވެ. އަޅުގަނޑަށް އެކަންކުރެވުނީ، ބަނޑުހައިވެގެން ހާނތިވެގެންގޮސް ވެއްޓުނީމައެވެ. އެކަމަކު އެއީ އަދި ރޯދަވީއްލަން ހުއްދަ ވަރެއްނޫން ކަން އެނގުނީ މާފަހުންނެވެ. ދޮލަނގު ހުސްކޮށްލި ފަހުންނެވެ. އަދި އެންމެ ދެރަކޮށް ދިމާވިކަމަކީ އެތަން، ކަރީމަށް ފެނުމެވެ.

ކަރީމު ބުނިގޮތުގައި، ފުރަތަމަ ހެދިކާބުރި ނަގައި އަޅުގަނޑުގެ އަނގަޔަށްލައި ދިރުވައިލިއިރު ކަރީމު ހުރީ ބަލަހައްޓައިގެންނެވެ. ވެފައިހުރި ބަނޑުހައިކަން އޭނާއަށްވެސް އިޙްސާސް ކުރެވުނީ، އަޅުގަނޑު ކާތަން ބަލަހައްޓައިގެން އިނީމައެވެ. ކަރީމު ޤަބޫލުކުރިގޮތުގައި އެއްބުރި ހެދިކާ ކެއުމެކޭ އެދޮލަނގު އެއްކޮށް ހުސްކޮށްލުމެކޭ، ރޯދަ ގެއްލުމުގައި ތަފާތެއް ނޯންނާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.