
މާލޭގައި ނައިޓް މާކެޓް ބާއްވާނީ ކޮވިޑުގެ ހާލަތާއި ޑެންގޫ އާއި އެހެނިހެން ބަލިތައް މަދުވުމުން ކަމަށް މާލޭ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވެފައި މިވަނީ މާލޭގައި ނައިޓް މާކެޓެއް ބާއްވަން ސިޓީ ކައުންސިލުން އިއުލާން ކޮށްފައި ވަނިކޮށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ނައިޓް މާކެޓް ބާއްވާނީ މާލޭގައި ކޮވިޑް ކޭސްތައް ހުރި މިންވަރަށް މަދުވުމުން ކަމަށެވެ. އަދި ޑެންގޫ ހުމާއި އެނޫންވެސް ބަލިތައް މަދުވުމުން ކަމަށެވެ.
"ނައިޓް މާކެޓެއް ބޭއްވުމަށް އިއުލާން ކޮށްފައިވީނަމަވެސް ނައިޓް މާކެޓް ބާއްވާނީ މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ކޮންޓްރޯކުރެވި، ބަލިތައް މަދުވުމުން." މޭޔަރު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މާލޭސިޓީ މާލޭގައި ނައިޓް މާކެޓް ބޭއްވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ނައިޓް މާރކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
އެ ކައުންސިލުން ބުނީ އެކަމަށް ބޭނުންވާ ފަރާތްތަކުން ޖުލައި 20 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަން (ހ.ހުޅުގަލި 3 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދޭ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގައި ވެސް ދާދި ފަހަކުން ނައިޓް މާކެޓް ބާއްވާފައިވާއިރު، ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ވަނީ ބައިވެރިވެފައެވެ.