ކަނބަލުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނެއް ތައާރަފް ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއީ އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ކަނބަލުންނަށް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ކަމެއް ކަމަށެވެ. އަދި ގޭގައި ތިބެގެން އުފައްދާ އުފެއްދުންތަކަށް މާކެޓް ހޯދައި ދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވާ ކަމަށެވެ.
ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ސިޓީއެއްގައި އެފަދަ ތަކެތި ވިއްކޭނެ މާކެޓެއް ގާއިމު ކޮށްދެއްވާނެ ކަމަށާއި ކަނބަލުންގެ ކޯޕަރޭޓްސްތަކެއް އުފައްދައި އެމަސައްކަތް ކުރިޔަށް ގެންދާނީ އެ ކޯޕަރޭޓިވްސްތަކުން ކަމަށެވެ. އަދި އެތަންތަން އޮޕަރޭޓް ކުރާނީ އަންހެނުން ކަމަށެވެ.
މީގެ އިތުރުން އެތަންތަނުގައި ބިދޭސީން މަސައްކަތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މެނިފެސްޓޯގައި ޒުވާނުންނާއި ކަނބަލުން އަދި ވިޔަފާރި ވެރިންނަށް ހާއްސަކޮށްފައިވާ ކަންތައްތަކުގެ ތަފްސީލް ހާމަކުރައްވާފައެެވެ.
މި ގޮތުން މުއިއްޒު ވިދާޅުވީ ޕީއެންސީގެ ވެރިކަމެއްގައި އިންޓަނެޓް ވިޔަފާރި ކުރާ ފަރާތްތަކަށް އެވިޔަފާރި ފުޅާ ކުރެވޭނެ މަގު ގާނޫނީ ގޮތުން ހޯއްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންކުރެވޭ ގޮތަށް ބައްޓަން ކޮށްދިނުމުގެ އިތުރުން ސެލާ އެކައުންޓްތައް ކްރިއޭޓް ކުރެވޭގޮތް ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.