
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސައުދީގެ ކޮމަރސް މިނިސްޓަރ މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މިނާއަށް ކުރެއްވި ޒިޔާރަތުގައި ކުރިޔަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ. ޚާއްޞަކޮށް ވިޔަފާރީގެ ރޮނގުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ސަރުކާރުން އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުންގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.