ދިވެހިރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ ކަނޑުތަކުގެ މުއްސަނދި ދިރުންތަކުގެ މައްޗަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، އ.ދ. ގެ އޯޝަން ކޮންފަރެންސްގެ އާއްމު ބަހުސްގައި ދެއްވި ބަޔާނުގައެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ ތިންބައިކުޅަ ދެބައި، އަދި ޖީ.ޑީ.ޕީ.ގެ 60 އިންސައްތަ ބަރޯސާވެފައި ވަނީ ކަނޑުގެ ދިރުންތަކަށް ކަމަށެވެ. އަދި ކަނޑުތަކަކީ ރާއްޖޭގެ ރައުސްމާލު ކަމަށެވެ.
މީގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތައް ޝައުޤުވެރިކުރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށް ކަނޑުތައް ރައްކާތެރިކުރަންޖެހޭ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިބަޔާނުގައި މިނިސްޓަރ ވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަނޑުތައް ވިހަ މާއްދާތަކުން ތަޣައްޔަރުވަމުން ދިޔުމާއި، މަސްއައިންތައް ދަތުރުކުރާ ގޮތަށް ބަދަލުއައުމާއި، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަސާސީ ކާނާގެ ވަސީލަތްތަކަށް ކުރިމަތިވާނޭ ނުރައްކަލާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ފަރުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށްވެސް އެކަމަނާ އަލި އަޅުއްވާލެއްވިއެވެ.
ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް ކުނި ބުނީގެ ސަބަބުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ނިޒާމަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވައި، ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަން ދެމެހެއްޓުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށްދެއްވުމަށް މިނިސްޓަރ ޝައުނާ ގޮވާލެއްވިއެވެ.
ޕޯޗުގަލް ސަރުކާރާއި ކެންޔާ ސަރުކާރު ގުޅިގެން ބާއްވާ މިކޮންފަރެންސް ކުރިޔަށްދަނީ، ޖޫންމަހުގެ 27އިން ޖުލައި މަހުގެ 1 ވަނަ ދުވަހަށް، ޕޯޗުގަލްގެ ލިޒްބަންގައެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ދެއްވި ބަޔާނުގައި ވިދާޅުވީ، "ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމް ވަރކް 2020" އެކުލަވާލުމަށް ފަހުގައި، ކަނޑުތައް ޙިމާޔަތްކުރުމަށްޓަކައި ފައިދާ ކުރަނިވި ހަރުދަނާ އަވަސް ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަންޖެހިފައިވާ ކަމަށެވެ.