ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 9 ދުވަސް

ފޮޓޯ: ދަ ޕްރެސް

ބައިނަލްއަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން ރާއްޖޭގައި ބޭއްވި ޔޯގާ ހަރަކާތުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 9 ދުވަސް ޖަހައިފިއެވެ.

އެ ހަމަނުޖެުމާއި ގުޅިގެން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އާއި ޕީޕީއެމް ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައެވެ.

އެހެންނަމަވެސް ރައްޒާން މިހާރުވަނީ ދޫކޮށްލާފައެވެ.

މުހައްމަދު އިސްމާއީލާއި ރައްޒާން ހައްޔަރުކުރުމުން ޕީޕީއެމް އިން ބުނެފައިވަނީ ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަން އަދި އެ ކޯލިޝަންގެ މެންބަރުންނާ އެއްވެސް ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށެވެ.

އެ ކޯލިޝަނުން ބުނީ ސަރުކާރުން އެކަން ސިޔާސީ ކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމް ކުރުމަކީ ވަރަށް ވެސް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން ކުށެއް ނެތް ދީނީ އިލްމުވެރިން އެމީހުންގެ އަނބިންނާއި ދަރިން ކުރިމަތީ އަނިޔާވެރިކަމާ އެކު ބުލީކޮށް ހައްޔަރު ކުރަމުން ގެންދާ ގެންދިއުން ވެސް އެ ކޯލިޝަނުން ބަލައި ނުގަންނަ ކަމަށް ވަނީ ބުނެފައެވެ. އަދި އެ ހާދިސާ އާ ގުޅުވައިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެންމެ ފަހުން ހައްޔަރު ކުރި 2 މީހުން ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ހައްޔަރު ކުރި 21 މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.