އުއްމީދު - 10

(23 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފުރުމުގެ ކުރިން އެއް ދުވަހު އޭނާ ދަނާލުގައި އުޅުނެވެ. އެތާނގެ ހުރިހައި އެއްޗަކީ އޭނާގެ ހަނދާނާ ގުޅިފައިވާ އެއްޗެކެވެ. އޭނާ ބޭނުން ވަނީ އެ ހުރިހައި ހަނދާނެއް ނައްތައިލާށެވެ.

ފިނި މޫސުމުގެ ފިނިފިނި ރޭރޭ އޭނާގެ ދިރިއުޅުން ނަރަކައިގެ ހޫނުކަމަށް ބަދަލުވެގެން ދިޔަ ހަނދާންތަކެވެ. ހޫނު މޫސުމުގެ ހޫނުކަން ގަދަ ރޭރޭ އޭނާގެ ހަށިގަނޑު ފިނި ގަނޑުފެނަށް ބަދަލުވެގެން ދިޔަ ހަނދާންތަކެވެ.

އޭނާގެކަރުނައާއި ހުވަފެނާއި އެދުންތަކުގެ ކަށްވަޅު ހުރީ މި ދަނާލުގައެވެ. މިހާރު އޭނާ ވަނީ ކަށްވަޅު ބަލަހައްޓާ މީހަކަށް ވެފައި ކަހަލައެވެ.

އޭނާގެ ވުޖޫދު ކައި ދިރުވައިލީ ގަބުރުސްތާނަކީ މި ދަނާލެވެ.

މިހާރު އެތަނުން ނުކުންނާން މަސައްކަތް ކުރީމާ އޭނާގެ މުޅި ވުޖޫދު ހަފައިކާން ހަމަ އެ ދަނާލުން މަސައްކަތް ކުރަނީއެވެ.

* * *

ރާވަލްޕިންޑީއަށް އައި ފަހުން ފުރަތަމަ ދުވަސްކޮޅު އޭނާ ހުންނަނީ މުޅީން ހިމޭނުންނެވެ. ހީވަނީ އައު ދުނިޔެއަކަށް އާދެވިގެން އުޅޭހެންނެވެ. މިއީ އޭނާގެ ދުނިޔެއެއް ނޫން ކަހަލައެވެ. އޭނާ އެނބުރި އެ އައީ ނުވަ އަހަރަށް ފަހުއެވެ. މިހާރު މަސައްކަތް ކުރަމުން އެ ގެންދަނީ ފެނަށް ދިރޭނޭ ގޮތެއް ހޯދާށެވެ.

އޭނާ ވިސްނަމުން ގެންދިޔައެވެ. "މިއީ އަހަންނަށް އެންމެ ރަނގަޅު ގޮތެވެ. އަހަންނަށް ފުދޭ މިންވަރެވެ. ތިން އިރު ކާން ލިބިފައި ކުއްޔަށް ހިފުމަކާ ނުލައި ބޯ ހިޔައު ކޮށްލާނޭ ތަނެއް ލިބިފައި ހުރީމާ އޭނާއަށް އެ އޮތީ ނިމިފައެވެ. ދެން އޮތީ އުނުއޮރިޔާން ނިވައި ކޮށްލާނޭ ހެދުންގަނޑެކެވެ. ފަސް އަހަރު ދުވަސް ވާންދެން ވަކި މީހަކަށް އިންތިޒާރު ކޮށްފައި ހަތަރު އަހަރު ދުވަހު އެމީހާޔާ ނުލައި އުޅެފައި އަމިއްލަ ހިއްސުތައް ގަރާރުކޮށް ހިފެހެއްޓޭތޯ މަސައްކަތް ކުރީމާ އަހަރެންގެ ދިރިއުޅުން ބަދަލު ވެފައިވާ ގޮތް މުޅިއަކުން ނުބައެއް ނޫނެވެ. ހަމައެކަނި ވީ ކަމަކީ ދިރިއުޅުން ތަންކޮޅެއް ބޮޑަށް ހަމަހިމޭން ވެގެން ދިއުމެވެ. އޭނާއަކަށް މިހާރަކު ހުވަފެނެއް ނުފެނެއެވެ. ލޮލަކު އެދުމެއް ނެތެވެ. ހިތަކު ޔަގީންކަމެއް ނެތެވެ. އެހެން ހުރިހައި ކަމެއް އޮތް ގޮތަށް އެބައޮތެވެ."

މުޅި ދުވަސް އޭނާ ހޭދަކުރީ ގޭގެ ފެންޑާގައި ހުރި ގަހެއްގެ ބުޑުގައި އިނދެގެން ވިސްނުމުގައެވެ. "ގެއިން ނުކުތްއިރު އަހަރެންގެ އުމުރަކީ އަށާރަ އަހަރެވެ. އެނބުރި މި އައީ އުމުރުން ހަތާވީސް އަހަރު ވީފަހުންނެވެ. ވޭތުވެ ދިޔަ ނުވަ އަހަރުގެ ތެރޭގައި އޭނާއަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟ ގެއްލުނީ ކޮން އެއްޗެއް ހެއްޔެވެ؟ ހީވާ ގޮތުގައި ލިބުނު އެއްޗެއް ނެތެވެ. މުޅީންވެސް ގެއްލުނީއެވެ. އެއްޗެއް ހޯދައިގަތުމުގެ ނުވަތަ ލިބިގަތުމުގެ ހިތްވަރެއް މިހާރަކު ނެތެވެ." ވިސްނި ވަރަކަށް އޭނާގެ ހިތުހައި އޮތް މަހުރޫމީގެ އިހުސާސް ދިޔައީ ބޮޑު ވަމުންނެވެ.

މަންމަ ހުރީ އޭނާ އެނބުރި ގެއަށް އައީމާ ވަރަށް ބޮޑަށް އުފާ ވެފައެވެ. ހިތްހަމަ ޖެހިފައެވެ. ކޮއްކޮމެންވެސް ތިބީ އުފަލުންނެވެ. ކާން އިންނަ އިރު އެމީހުންގެ މޫނުމަތީން ފެންނަ ހަމަޖެހުމުގެ އަސަރުތައް ފެނުނީމާ އޭނާ ހައިރާން ވެއެވެ.

"ދިރިއުޅުން މި އޮތީ އުފަލުން ހިނިތުން ވެވޭހައި ފުރިހަމަ ވެފައި ހެއްޔެވެ؟"

ތިނެއް

އޭނާ އެނބުރި އައިތާ ދުވަސްކޮޅެއް ފަހުން ދެ އަންހެނަކާއި ފިރިހެނަކު ގެއަށް އައިތަން ފެނުނެވެ. އެ މީހުން ބައްދަލު ކޮށްފައި ދިޔަ ފަހުން މަންމަ ހުންނަނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނާއާ ދިމާއަށް ފުންކޮށް ބަލަމުން ގެންދާ ކަމުގައިވެސް އުއްމީދަށް އިހުސާސް ކުރެވެއެވެ. އެ ރޭ ރޭގަނޑު ކޮއްކޮމެންނާ ވާހަކަދައްކަން އިންދައިވެސް ފެނުނެވެ. ވާހަކަ ދައްކަނީ ސިއްރެއެް އެކުލެވޭ ކަހަލަ ގޮތަކަށޭ އޭނާގެ ހިތަށް އެރިއެވެ.

"ޑެނިއަލް އެޑްގަރ ނަމަކަށް ކިޔާ މީހަކު ދަންނަންތަ؟" މަންމަ އަހައިލިއެވެ.

އައިސް އަލަމާރިން ފެންފުޅިއެއް ނަގަނަގައި ހުރެފައި ކުއްލިއަކަށް އޭނާ ގާވީ ކަހަލައެވެ. އަތުގައި ކުޑަ ތުރުތުރު އެޅުމެއް އުފެދިއްޖެއެވެ.

"ޔާ ﷲ. މިހާރު މި އޮތީ ގޭ މީހުން ގާތު ވާހަކަދައްކައިގެން ސަލާމަތް ވާން ޖެހިފައި ހެއްޔެވެ؟ އެއީވެސް ޑެނިއަލް އެޑްގަރާ ހެދި ހެއްޔެވެ؟" އޭނާ ކުޑަ ދަތިކަމަކާ އެކުވެސް އެނބުރި ބަލައިލިއެވެ. މަންމަ އިނީ މޭޒު ދޮށުގައި ތަރުކާރީ ކޮށާށެވެ. އޭނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

"އަހަރެން މަސައްކަތް ކުރި ރެސްޓޯރަންޓަށް އޭނާ ކޮންމެ ދުވަހަކު ކާން އާދޭ." އޭނާ އަޑުގެ މައްޗަށް ބާރު ފޯރުވަމުން ވީހައިވެސް އާދައިގެ އަސަރެއް ގެނެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ.

"އެހެންތަ؟ އެއީ ކޮން ކަހަލަ މީހެއް؟"

ދެވަނަ ސުވާލުގެ އަޑު އިވުނީމާވެސް އޭނާ ސިހުނެވެ.

"އަހަންނަށް އެނގޭނީ ކިހިނެއް؟ މަންމަ ތިޔަ ސުވާލު ކުރަނީ ކީއްވެގެން؟"

މަންމަ އިސް އުފުލައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އޭނާ ދަރިފުޅާ އިންނަން އަހައިފި."

އޭނާގެ އަތުން ފެން ފުޅި ވެއްޓިއްޖެއެވެ.

"އޭނާ މި ރަށަށް އައީތަ؟ އައީ ކީއްކުރަން؟ އަހަރެން އޮންނާނީ..."

އޭނާގެ ހިތަށް ބާވަތެއްގެ ބިރުވެރިކަމެއް ވަދެއްޖެއެވެ. މަންމަ އޭނާގެ އަތުން ވެއްޓުނު ފެންފުޅިއަށް ބަލައިލިއެވެ. ދެން ނަޒަރު ހުއްޓައިލީ ސީދާ އޭނާގެ މޫނަށެވެ.

"އަހަރެމެން ހީކޮށްގެން މިތިބީ އެއީ ދަރިފުޅު ދަންނަ މީހެއް ކަމަށް. އިންނަން އެހީ ދަރިފުޅަށްވެސް އޭނާ ރަނގަޅު ވީމާ ކަމަށް."

"ނޫނޭ މަންމާ. އަހަރެން އޭނާ ދަންނަ ވަރު މަންމަ ގާތު މި ބުނީ. އެހެންވީމާ ރުހޭ ނުރުހޭ ހިސާބަކަށް ނުވެސް ދެއެއްނު؟ ޣައިރު މުސްލިމަކާ އަހަރެން އިންނާނީ ކިހިނެއް؟" އޭނާ ދިފާއުގައި ވާހަކަދެއްކިއެވެ.

"އޭނާ އިސްލާން ވެއްޖެ. މިހާރު އޭނާގެ ނަމަކީ އީމާން ޢަލީ." މަންމަ މަޑުމަޑުން ބުނެލިއެވެ.

އޭނާ އެއްވެސް ހަރަކާތެއް ނުކޮށް ބަލަހައްޓައިގެން ހުރީއެވެ.

"އެކަމަކުވެސް އަހަރެން އޭނާޔަކާ ނީންނާނަން. ތިޔަހެން ދީން ބަދަލުކުރާ މީހުންނަކީ އެއްވެސް އިތުބާރެއް އޮންނަ ބައެއް ނޫން. މަންމަ ނޫނެކޭ ބުނެލާ."

މަންމަ ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

ވިދިގެން އައި ދުވަހުވެސް އޭނާގެ ހާސްކަން ކުޑައެއް ނުވެއެވެ. "އަހަރެންގެ އާއިލާގެ މީހުން ދެކެނީ ކިހިނެއް ބާވައެވެ؟ އަހަރެން ލާހޯރުގައި ވިޔާނުދާ ގޮތަކަށް އުޅުނީ ކަމަށް ހެއްޔެވެ؟"

އޭނާގެ ދެ ފިރިހެން ކޮއްކޮގެ މޫނުމަތީން މަލާމާތާއި ނުރުހުމުގެ އަސަރު ފެނޭތޯ އޭނާ ބަލަމުން ގެންދިޔައެވެ. އެކަމަކު އެ ދެ ކުދިންގެ މޫނުމައްޗަކުން އެކަހަލަ އެއްވެސް އަސަރެއް ނުފެނުނެވެ. އާދަޔާ ޚިލާފު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

އޭގެ ދެތިން ދުވަސް ފަހުން އަނެއްކާވެސް އެއްކަލަ ދުވަހު އައި ތިން މީހުން ގެއަށް އަތުވެއްޖެއެވެ.

އޭގެ ފަހުން އެއީ އާދައެއް ކަމުގައި ވެއްޖެއެވެ. ހަފުތާއަކު އެއް ފަހަރު ދެ ފަހަރު އެ މީހުން އާދެއެވެ. މަންމަގެ އިންކާރު ކުރުމަކުން އެ މީހުންގެ އެދުމަކަށް ބަދަލެއް ނާދެއެވެ.

އުއްމީދުގެ ކަންބޮޑުވުންވެސް ދިޔައީ ބޮޑުވަމުންނެވެ.

"މަންމަ އެމީހުން ގާތު ބުނޭ ދެން މިގެއަށް ނާންނާށޭ. އޭނާޔާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. އެހެންވީމާ އެމީހުން މި ގެއަށް އައުމަކުން ވާނޭ ފައިދާއެއް ނެތް." އެއް ދުވަހަކު އެ މީހުން އެނބުރި ދިޔައީމާ އޭނާ މަންމަ ގާތު ބުންޏެވެ.

"މަންމަ އެތައް ފަހަރަކު ތިޔަހެން ބުނެފިން. އެކަމަކު އެ މީހުން ދުލެއް ނުކުރޭ." މަންމަ ކުރާނޭ ކަމެއް ނެތޭ ބުނާ ކަހަލަ ގޮތަކަށް ބުނބެލިއެވެ.

އޭނާއަށް މަންމަގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

* * *

އެއް ރެޔަކު އުއްމީދު އޭނާގެ ކޮއްކޮ މުޢީނު ގާތަށް ހިނގައްޖެއެވެ. އެކި ކަހަލަ ވާހަކަ ދައްކަމުން ގޮސް މުޢީނު ބުނެފިއެވެ. "އީމާން ޢަލީއަކީ އަހަރެންގެ އެކުވެރި ސިކަންދަރު ވަރަށް ރަނގަޅަށް ދަންނަ މީހެއް. އެއީ ސިކަންދަރުގެ އެކުވެރި ސަޢޫދުގެ މާ ގާތް ރައްޓެއްސެކޯ. އީމާން ޢަލީ އަކީ ވަރަށް ރަނގަޅު މީހެއް."

"އެކަމަކު ބިދޭސީއަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން."

"ދައްތާ. ބިދޭސީއެކޭ ރަށު މީހެކޭ ހުރީ ކޮން ތަފާތެއް؟ އެއީ އިސްލާމެއް. ނުލާހިކު ރަނގަޅު ވަޒީފާއެއް އަދާ ކުރާ މީހެއް. އޭނާގެ އާއިލާއަކީ ރަނގަޅު އާއިލާއެއް. މި ގައުމުގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ. ދައްތައަށް އެނގޭތަ. އޭނާ ދީން ބަދަލުކުރީ ދައްތަޔާ ހެދި."

"އެކަމަކުވެސް އޭނާޔާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. މީހަކާ އިންނާން ވެގެން ދީން ބަދަލުކުރާ މީހަކީ އެއްވެސް އިތުބާރެއް އޮތް މީހަކަށް ނުވާނެ."

"ދައްތާ. ތިޔައީ މާ ރަނގަޅު ވާހަކައެއް ނޫން. އަހަރެން މަންމަޔާވެސް ވާހަކަދައްކައިފިން. މަންމަވެސް ގަބޫލު. ސިކްނަދަރު ބުނާ ގޮތުގައި ސަޢޫދުގެ ގޭމީހުން ތިބީ ދައްތަ ބޭނުންވާ ކޮންމެ ޔަގީންކަމެއް ދޭން ތައްޔާރަށް. އަހަރެން އީމާން ޢަލީގެ ފޮޓޯއެއް ދެކެފިން. އެއީ ރީތިވެސް މީހެއް. މިއީ ދައްތައަށް ލިބުނު ރަނގަޅު ފުރުސަތެއް." މުޢީނު އެއްވެސް ޖެހިލުމެއް ނެތި ވާހަކަދައްކަމުން ދިޔައެވެ.

"މީގެ ފަހުން ތިޔަ ވާހަކަ އަހަންނާ ނުދައްކާތި. އަހަރެން އޭނާޔާ އިންނާކަށް ބޭނުމެއް ނޫން. އަހަރެން އެއްވެސް މީހަކާ އިންނާކަށް ބޭނުމެއް ނޫން. އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާ." އުއްމީދު ރުޅިވެރިކަމާއެކު ބުނެލިއެވެ.

މުޢީނު ތެދުވެގެން ހިނގައްޖެއެވެ.

ވިދިގެން އައި އެތައް ހަފުތާއެއް ވޭތުވެގެން ދިޔައީ އެ ކުޅިވަރުގައެވެ. ސަޢޫދު ގެންދިޔައީ އޭނާ ދަންނަހައި މީހަކު ލައްވައި އުއްމީދާ ވާހަކަ ދައްކުވަމުންނެވެ. އޭނާގެ ކޮއްކޮމެންގެ އެކުވެރިއަކަށް ވިޔަސް ގޭދޮށު މީހަކަށް ވިޔަސް ދުރުތާ ދަންނަ މީހަކަށް ވިޔަސް ދުލެއް ނުކުރެއެވެ. އެމީހުން ދިޔައީ ކުރެވޭން ހުރިހައި ކަމެއް ކުރަމުންނެވެ. މާ ގިނަ ދުވަހެއް ނުވެ އޭނާ ފިޔަވައި އާއިލާގެ އެންމެން އެ ކާވެންޏާ ރުހިއްޖެއެވެ. ގޮތް ދޫނުކޮށް ދެކޮޅު ހަދަމުން މިހާރު ގެންދަނީ އޭނާ އެކަންޏެވެ.

"ޣައިރު މުސްލިމަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. ތިޔަ މީހަކާ އަމުދުން ނީންނާނަން." ކޮންމެ ވާހަކައަކަށް އޭނާ ދޭ ޖަވާބަކީ މިއީއެވެ. "އަހަރެން މީހަކާ އިންނާކަށް ބޭނުމެއް ނޫން. ތިޔަހެން އަހަންނަށް މާ ބޮޑަށް އުނދަގޫ ކުރަންޏާ ގެއިން ނުކުމެގެން ހިނގައިދާނަން."

އޭނާ ވަރުބަލި ވެއްޖެއެވެ. ސަޢޫދާއި އޭނާގެ އަނބިމީހާ ގެއަށް އައީމާ އެމީހުންގެ ކުރިމަތީގައިވެސް އޭނާ އިންކާރު ކޮށްފިއެވެ. އޭގެ ފަހުން އެ މީހުން އެ ގެޔަކަށް ނާދެއެވެ. އެކަމަކު އެކި މީސްމީހުން މެދުވެރިކޮށްގެން އޭނާ ރުއްސަން މަސައްކަތް ކުރަމުން ގެންދިޔައެވެ. އެ މަސައްކަތުގެ ސަބަބުން އުއްމީދުގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ޑޮކްޓަރ ޚޫރްޝީދާ ބައްދަލު ނުވީނަމަ އޭނާގެ މި ރުޅިވެރިކަމާއި ގޮތް ދޫނުކުރުން އޮތް ގޮތަށް ދެމިއޮތީހެވެ.

* * *

އޭނާ ގެއަށް އައީމާ ކޮޓަރިން ނުކުމެ ބައްދަލު ކުރާށޭ ބުނީ މަންމައެވެ. އުއްމީދު ހީކުރީ އެއީ އޭނާގެ ކޮއްކޮއެއްގެ ގާތް މީހެއް ކަމުގައެވެ. ސަބަބަކީ އޭނާ ގޮވައިގެން އައީވެސް ކޮއްކޮ ކަމަށް ވުމެވެ. އޭނާޔާ ބައްދަލު ކުރާށޭ މަންމަ ބުނީމާ އުއްމީދު ހުރީ ހައިރާން ވެފައެވެ. ބޮޑު ކޮޓަރި ތެރެއަށް އޭނާ ވަނީވެސް އެ ހައިރާންކަމުގައި ހުރެގެންނެވެ.

އޭނާ ވަނުމާއެކު ޑޮކްޓަރ ޚޫރްޝީދު ކޮޅަށް ތެދުވެއްޖެއެވެ. ކޮޅަށް ތެދުވުންވެސް އޭނާއަށް ވީ އަޖައިބެއް ކަހަލަ ކަމަކަށެވެ. އޭނާ ސަލާން ގޮވައިލުމަށް ފަހު ސޯފާގައި އިށީނދެއްޖެއެވެ. ޑޮކްޓަރ ޚޫރްޝީދު ތައާރަފުކޮށް ދިނީ އޭނާގެ ކޮއްކޮއެވެ. އޭނާ ހިމޭނުން އަޑު އަހަން އިނީއެވެ. ކުރިމަތީގައި އިން މީހާގެ އަތުގައި އޮތީ ކިތައް ޑިގްރީތޯ ބެލުމާއި ކިޔަވައިގެން ހުރީ ކިހައި ވަރަކަށްތޯއާއި ދަންނަނީ ކިިތައް ބަސްތޯ ބެލުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ކިބަޔަކު ނެތެވެ. އޭނާގެ ގެއަށް އެވަރުގެ އިލްމުވެރިޔަކު އައީމާ ލިބޭ ޝަރަފުގެ ވާހަކަ ދެއްކުމަކީވެސް އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ އެ ތާނގައި އިރުކޮޅަކު އިނދެފައި ތެދުވެގެން ދާށެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.