އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާ (27 ޖޫން 2022، ހޯމަ) މެންދުރު 2:00 އަށް ހަމަވާނެއެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ މަޤާމްތަކަށް ޕާޓީގެ މެމްބަރުންގެ ތެރެއިން ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުންނަށް މިފުރުސަތު ހުޅުވާލީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

6 އޮގަސްޓް 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބުގައި ޕާޓީގެ ރައީސް، ޕާޓީގެ ނާއިބު ރައީސުން، ޕާޓީގެ ވިމެންސް ވިންގގެ ލީޑަރ އަދި ޑެޕިއުޓީ ލީޑަރ، ޕާޓީގެ ޔޫތު ވިންގގެ ލީޑަރ އަދި ޑެޕިއުޓީ ލީޑަރ އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ރާއްޖޭގެ ހުރިހާ އިންތިޚާބީ ދާއިރާއެއް ހިމެނޭހެން 87 ދާއިރާއެއްގެ ރައީސުން އަދި ނާއިބު ރައީސުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި މާދަމާ ހަމަވާއިރު ޕާޓީގެ މެންބަރުން ފަރާތުން ބޮޑު ތަރުހީބެއް ލިބި ބައެއް މަޤާމުތަކަށް ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މާދަމާ ސުންގަޑި ހަމަވުމަށް ފަހު ފޯމްތައް ޕްރޮސެސްކުރުމަށް 9 ދުވަހުގެ މުއްދަތަކަށް ފަހު، އިންތިޚާބުގެ މަޤާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކޮށް، ނަންބަރު ތަރުތީބުކޮށް ކެމްޕޭން ކުރުމުގެ ފުރުސަތު 7 ޖުލައި 2022 ގައި ހުޅުވާލެވިގެންދާނެއެވެ.

އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށް ތާޢީދު ހޯދުމަށް މަހެއްހާ ދުވަސް ލިބިގެންދާނެއެވެ. އެއަށްފަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 އޮގަސްޓް 2022 ވާ ހޮނިހިރު ދުވަހުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.