ހައްޖުވެރިން ފުރާ ދުވަސްތަކުގައި މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަނީ

ހައްޖުވެރިން ފުރާ ދުވަސްތަކުގައި މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަމަށްވާ ޖޫން 26، 29 އަދި ޖުލައި 2 ވަނަ ދުވަހުގެ ރޭ މާލޭގެ ޓްރެފިކް ފްލޯ އަށް ބަދަލު އަންނާނެ ކަމަށެވެ.

އެގޮތުން 7:00 އިން 8:00 އަށް މަޖީދީމަގާއި އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާއިރު، އެވަގުތުގައި މަޖީދީ މަގުން އަދި އަމީނީ މަގުގެ ވަކި ހިސާބަކަށް ދުއްވޭނީ ހުޅަނގުން އިރަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވާ 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ހައްޖު ކޯޕަރޭޝަނަށް ދިންއިރު، އޭގެ ތެރެއިން 352 ޖާގަ ޚާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

އެ 100 ޖާގައަށް މީހުން ކަނޑައަޅާފައިވަނީ ގުރުއަތުންނެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު އެ 100 ޖާގައަށް އެދުފައިވުމުންނެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އިސްކަން ދީފައިވަނީ އަލަށް ވެސް ހައްޖަށް ނުދާ، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ އަދި 65 އަހަރުން ދަށުގެ ފަރާތްތަކަށެވެ.

މީލާދީ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.