ބުރުގާއެޅި މުސްލިމް އަންހެނަކު ފުރަތަމަ ފަހަރަށް އޮސްޓްރޭލިޔާގެ ސެެނެޓަށް

އޮސްޓްރޭލިޔާގެ ސެނެޓަށް އިންތިޚާބުވެވަަޑައިގަތް ފާޠިމާ ޕޭމާން

ބުރުގާއެޅި މުސްލިމް އަންހެނަކު އޮސްޓްރޭލިޔާގެ ސެނެޓްގެ ގޮނޑިއެއް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

އަފްޣާނިސްތާނުގެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމަށްވާ ފާޠިމާ ޕޭމާން ވަނީ ސެނެޓްގައި ވެސްޓަން އޮސްޓްރޭލިޔާ ތަމްސީލުުކުރާ ހަ ގޮނޑީގެތެރޭން ގޮނޑިއެއް ކާމިޔާބުކުރައްވާފައެވެ. މިއާއެކު އޭނާ ވެވަޑައިގެންފައިވަނީ އޮސްޓްރޭލިޔާގެ ސެނެޓްގެ ގޮނޑިއެއް ކާމިޔާބުކުރެއްވި ބުރުގާއަޅުއްވާ ފުރަތަމަ މުސްލިމް ބޭފުޅާއަށެވެ. އަދި ފުރަތަމަ އަފްޣާން ބޭފުޅާއަށެވެ.

ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާއި އޭނާގެ ޕާޓީން ވަނީ އޭނާގެ ކާމިޔާބީއަށް މަރުހަބާކިޔާފައެވެ.

"މަރުހަބާ ސެނެޓަރ ޕޭމާން،" ބޮޑުވަޒީރު އަލްބަނީޒް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ބޮޑުވަޒީރު އޮފީހުގެ މިނިސްޓަރުގެ އެހީތެރިޔާ ޕެޓްރިކް ގޯމަން ވިދާޅުވި ގޮތުގައި، ކެންބަރާ (އޮސްޓްރޭލިޔާގެ ވެރިރަށް) ގައި އޭނާގެ ސްޓޭޓް ތަމްސީލުކުރައްވަން ފާޠިމާ ވަޑަައިގަންނަވާތީ އޭނާ ފަޚުރުވެރިވެވަޑައިގަންނަވައެވެ.

"މުންތަޚަބު ސެނެޓަރު ޕޭމާންއަކީ ސަގާފީގޮތުން އޭނާގެ އަސްލު އަފްޣާނިސްތާނާއި ގުޅިފައިވާ އޮސްޓްރިިޔާގެ މުސްލިމް އަންހެެން ބޭފުޅެއް." ގޯމަން ކުރެއްވި ޓުވީޓެއްގައި ވެއެވެ.

"އޭނާ ވަނީ ވެސްޓަން އޮސްޓްރޭލިޔާގައި ލޭބާ (ޕާޓީގެ) ކެންޑިޑޭޓުންނާއި މެންބަރުންނަށް އެހީތެރިވުމުގައި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައި. މިއީ އަހަރުމެންގެ ސްޓޭޓަށް ލިބުނު ކާމިޔާބީއެއް. އަދި ވެސްޓަން އޮސްޓްރޭލިޔާގެ ލޭބާ ޕާޓީގެ 'ގްރާސްރޫޓް' އަށް ލިބުނު ކާމިޔާއެއް." ގޯމަން އިތުރަށް ވިދާޅުވެފައި ވެއެވެ.

އުޒްބެކް މަންމައަކަށާއި، ތާޖިކް ބައްޕައަކަށް ކާބުލްގައި 1995 ވަނަ އަހަރު އުފަންވިި ފާޠިމާ ވަނީ 1999 ވަނަ އަހަރު އާއިލާއަކު ޕާކިސްތާނަށް ހިޖުރަކޮށްފައެެވެ. އެއަހަރު އޭނާގެ ބައްޕަ ރެފިއުޖީއެއްގެ ގޮތުގައި ބޯޓަކުން އޮސްޓްރޭލިޔާއަށް ދިޔައެވެ. އަދި ވެސްޓަން އޮސްޓްރޭލިޔާގައި ވަޒަންވެރިވުމަށް ފަހު 2003 ވަނަ އަހަރު އޭނާގެ އަންހެންނާއި ހަތަރު ކުދިން (އެކުދިންގެ ތެރޭގައި ފާޠިމާވެސް ހިމެނޭ) އޮސްޓްރޭލިޔާއަށް ގެނައެވެ. ފާޠިމާއާއި އާއިލާ ވަޒަންވެރިވީ ވެސްޓަން އޮސްޓްރޭލިޔާގެ ވެރިރަށް ޕާތުގައެެވެ.

ފާޠިމާ ޕޭމާން ސެނެޓްގެ ގޮނޑިއެއް ކާމިޔާބުކުރެއްވިކަން އިލެކްޝަން ކޮމިޝަން އޮފް އޮސްޓްރޭލިޔާއިން އިއުލާންކުރުމާއެކު އޭނާ ވަނީ އޭނާއަށް ތާއީދުކުރާ މީހުންނަށް ޝުކުރުއަދާކުރައްވާފައެވެ.

"އަަހަރުމެން މޮޅުވެއްޖެ. ވެސްޓަން އޮސްޓްރޭލިޔާގެ ސެނެޓަރެއްގެ ގޮތުގައި އަހަރެން ރަސްމީކޮށް ހޮވިއްޖެކަން ފަޚުރުވެރިކަމާއެކު އަހަރެން އިއުލާންކުރަން." ފޭސްބުކް ޕޯސްޓެއްގައި ޕޭމާން ލިޔުއްވާފައި ވެއެވެ.

"ތިޔަ ދިން ތާއީދާއި ލޯތްބަށްޓަކައި އެންމެންނަށް ޝުކުރިިއްޔާ. އަހަރުމެން އެކަން ކޮށްފިން (ގޮނޑި ކާމިޔާބުކޮށްފިން)" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވަނީ އޮސްޓްރޭލިޔާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކެބިނެޓަށް މުސްލިމް ދެ މިނިސްޓަރަކު އަައްޔަންކުރައްވާފައެެވެ. އެއީ މިނިސްޓަރ އޮފް އާލީ ޗައިލްހުޑް އެޑިޔުކޭޝަން އެނީ ޢައްޒާ ޢަލީ ސަރޫޖީ (އެނީ އަލީ) އާއި މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ސައިންސް އިދްހާމް ނޫރައްދީން ހުސިޗް (އެޑް ހުސިޗް) އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.