'މުއުޖިޒާތަކުން' ލޭބާ ޕާޓީ ބަލިކުރުމަށްފަހު ލިބަރަލް ނޭޝަނަލް ކޯލިޝަނުން އޮސްޓްރޭލިޔާގެ އިންތިޚާބު ކާމިޔާބުކޮށްފި

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން މިއަދު އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ އޭނާގެ އާއިލާއާކު ފާހަގަކުރައްވަނީ

"އަހަރެން އަބަދުވެސް މުއުޖިޒާތް ގަބޫލުކުރަން. އަހަރުމެން މަވަނީ އަނެއްކާވެސް އެހެން މުއުޖިޒާތެއް ދައްކާފައި." މިއަދު އޮސްޓްރޭލިޔާގައި ބޭއްވި އާއްމު އިންތިޚާބު ކާމިޔާބުކުރެވިއްޖެކަން އިއުލާންކުރައްވަމުން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވިއެވެ.

ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ލިބަރަލް ނޭޝަނަލް ކޯލިޝަނުން އިންތިޚާބު ކާމިޔާބުކުރުންވީ ގިނަ ބަޔަކު ހައިރާންކޮށް، އިދިކޮޅު ލޭބާ ޕާޓީން މުޅިން މާޔޫސްކޮށްލި ކަމަކަށެވެ. އިންތިޚާބުގެ ކުރިން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކާއި، މިއަދު ވޯޓުލަމުން ދިޔަ ވަގުތު ނެގި އެގްޒިޓް ޕޯލްތަކުންވެސް ދެއްކީ ހަމަޖެހިގެން ވެރިކަން ހިންގޭ ވަރުގެ އަޣުލަބިއްޔަތާއެކު ލޭބާ ޕާޓީ އިންތިޚާބު ކާމިޔާބުކުރާނެ ކަމަށެވެ. އެހެންކަމުން، މިއަދު ދެއްކުނީ 'މުއުޖިޒާތެކޭ' ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ވިދާޅުވެވިދާނެއެވެ.

މޮޅުވުމުގެ އުފާ ލިބަރަލް ނޭޝަނަލް ކޯލިޝަނުން ފާޅުކުރަމުން ދާއިރު، ލޭބާ ޕާޓީގެ ލީޑަރު ބިލް ޝޯޓެން ވަނީ ބަލި ގަބޫލުކުރައްވައި ލޭބާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

"އެތައް މިލިއަން ވޯޓެއް އަދި ގުނަމުން ދިޔަޔަސް، އަދި މުހިއްމު އެތައް ގޮނޑިއަކާ މެދު ގޮތެއް ނިމިފައި ނުވިޔަސް، ހަގީގަތަކަށް ނުވާނޭ އުއްމީދެއްގައި ހިފަހައްޓައިގެން ހުންނާކަށް ބޭނުމެއް ނޫން. ދެން އަންނަ ސަރުކާރެއް އެކުލަވާލުމަކީ ލޭބާއަށް ކުރެވޭނެ ކަމެއް ނޫންކަން ސާފުކޮށް ފެންނަން އެއޮތީ." ބަލި ގަބޫލުރުކުރައްވައި ވާހަކަފުޅުދައްކަވަމުން ޝޯޓެން ވިދާޅުވިއެވެ.

މިހާތަނަށް ގުނިފައިވާ ވޯޓުގެ ނަތީޖާއަށް ބަލާއިރު ކުރީގައި އޮތީ ވެރިކަންކުރާ ލިބަރަލް ނޭޝަނަލް ކޯލިޝަން (އެލްއެންސީ) އެވެ. ނަތީޖާ އެނގުނު 145 ގޮނޑީގެ ތެރެއިން 74 ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ކޯލިޝަނުންނެވެ. އިދިކޮޅު ލޭބާ ޕާޓީއަށް 65 ގޮނޑި ލިބިފައިވާއިރު، އެހެން ޕާޓީތަކަށް ލިބުނީ 6 ގޮނޑިއެވެ. ކޯލިޝަނަށް ލިބުނު 74 ގޮނޑީގެ ތެރެއިން 64 ގޮނޑި ކާމިޔާބުކުރީ ލިބަރަލް ޕާޓީންނެވެ. އަނެއް 10 ގޮނޑި ލިބުނީ ނޭޝަނަލް ޕާޓީއަށެވެ.

އަޣުލަބިއްޔަތަށް ބޭނުންވާ 76 ގޮނޑި ހަމަކުރުމަށް ލިބަރަލް ނޭޝަނަލް ކޯލިޝަން (އެލްއެންސީ) އަށް ދެން ބޭނުންވަނީ ދެ ގޮނޑިއެވެ. އެ ދެ ގޮނޑި ކާމިޔާބުކުރެވިއްޖެނަމަ އެހެން ބައެއްގެ އެހީތެރިކަމާ ނުލައި އެލްއެންސީއަށް ސަރުކާރު އެކުލަވާލެވޭނެއެވެ. އެހެންނޫންނަމަ، ކުދި ޕާޓީތަކުގެ އެހީގައި މައިނޯރިޓީ ސަރުކާރެއް އެކުލަވާލާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.