އާއްމު ތަންތަނުގައި ބަޑި ގެންގުޅުމަކީ އެމެރިކާގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމަށް ފަހު، އާއްމު ތަންތަނުގައި ބަޑި ގެންގުޅުން ކޮންޓުރޯލުކުރުމަށް މަސައްކަތްކުރަމުން އައި ސްޓޭޓްތަކަށް އެކަމުގެ މަގު ބަންދުވީއެވެ.
ކޮންޒާވެޓިވް 6 ފަނޑިޔާރުންގެ ތާއީދާ އެކު ކުރި މި ހުކުމަށް ލިބަރަލް 3 ފަނޑިޔާރުން ވަނީ ދެކޮޅުހަދާފައެވެ. މި ނިންމުން އައިސްފައި މިވަނީ، އާއްމު ތަންތަނުގައި ބަޑި ގެންގުޅޭ ކޮންމެ މީހަކު، އަމިއްލަ ދިފާއުގައި އެ ބޭނުންކުރަން ޖެހޭ ހަގީގީ ހާލަތެއް އޭނާއަށް ކުރިމަތިވެފައިވާކަން ސާބިތުކޮށްދޭން ޖެހޭކަމަށް ނިއުޔޯކް ސްޓޭޓުން ކަނޑައެޅި ކަނޑައެޅުމާ ދެކޮޅަށް ކުރި ހުކުމުގައެެވެ.
"(ގާނޫނު އަަސީސީގެ) ދެވަނަ އިސްލާހާއި، ސާދަވަނަ އިސްލާހުން ވަނީ އަމިއްލަ ނަފުސުގެ ރައްކާތެރިކަމަށްޓަަކައި ގެއިން ބޭރުގައި އަތްމަތީ ބަޑިއެއް (ހޭންޑް ގަނެއް) ގެންގުޅުމަށް ފަރުދަކަށް ލިބިފައިވާ އަސާސީ ހައްގު ރައްކާތެރިކޮށްފައި." ފަނޑިޔާރުގެ އަޣުލަބިއްޔަތުގެ ނިންމުން ލިއުއްވި ފަނޑިޔާރު ޖަސްޓިސް ތޯމަސް ކްލަރެންސް ވިދާޅުވިއެވެ.
"(ބަޑި ގެންގުޅުމަށް) 'ރަނގަޅު ސަބަބު' ބަޔާންކޮށްދޭން ޖެހޭކަމަށް ނިއުޔޯކުން ނިންމި ނިންމުން، އަމިއްލަ ނަފުސުގެ ދިފާއުގެ އާދައިގެ ބޭނުމަށް ގާނޫނަށް ތަބާވާ އާއްމު ރައްޔިތުންނަށް ދެވަނަ އިސްލާހުން ދީފައިވާ ހައްގު ބޭނުންކުރުމަށް ސާދަވަނަ އިސްލާހުން ކަނޑައަޅާފައިވާ ކަނޑައެޅުމާ ޚިލާފުވޭ." އެ ހުކުމުގައި ވެއެވެ.
ނިއުޔޯކުން އެކުލަވައިލި 'ރަނގަޅު ބޭނުން' ބަޔާންކޮށްދިނުމާބެހޭ ގާނޫނު ބުނާގޮތުން، ބަޑި ގެންގުޅުމުގެ ހުއްދައަށް އެދޭ މީހުން އެމީހުން އެ ބަޑި ގެންގުޅެނީ އަތުވެދާނެ ކަމަށް ލަފާކުރެވޭ ނުރައްކަލަކުން ދިފާއުވުމަށް ނޫންކަމާއި، ކުރިމަތިވެފައިވާ ހަގީގީ ނުރައްކަލަކުން ދިފާއުވުމަށް ކަން ބަޑި ގެންގުޅުމުގެ ލައިސަންސް ދޫކުރާ އޮފިޝަލުންނަށް ސާބިތުކޮށްދޭން ޖެހެެއެެވެ.
ނިއުުުޔޯކުގެ ގަވަރުނަރު ކެތީ ހޯކަލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ "ބިރުވެރި" ނިންމުމެކެވެ. ރައްޔިތުން ހިމާޔަތްކުރުމަށް ސްޓޭޓަށް ލިބިގެންވާ ހައްގު އެ ނިންމުމުން ވަނީ ނިގުޅައިގެންފައެވެ.
އެހެންނަމަވެސް، އެމެރިކާގައި ސިޔާސީގޮތުން ނުފޫޒުގަދަ ނޭޝަން ރައިފަލް އެެސޯސިއޭޝަން (އެންއާރްއޭ) އިން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާކިޔާފައެވެ.
"އެންއާރްއޭ އިން މި ވަނީ އެމެރިކާގެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ މައްސަލަ ކާމިޔާބުކޮށްފައި." އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ވެއެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރައީސު ޖޯ ބައިޑަން ހުންނެވީ "އާއްމު ވިސްނުމާ، ގާނޫނު އަސާސީއާވެސް ފުށުއަރާ" ހުކުމާމެދު "ވަރަށް ބޮޑަށް ހިތްޕުޅާނުވެފަ"އެވެ.