އެމެރިކާގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގް އުމުރުފުޅުން 78 އަހަރުގައި އަވަހާރަވެއްޖެއެެވެ. އޭނާ އަވަހާރަވީ ފެންކްްރިޔާސްގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރެއްވުމުގައި މަޝްހޫރުކަން ހޯއްދަވާފައިވާ ގިންސްބާގް ބެލެވެނީ ލިބަރަލް ޚިޔާލުގެ ބޭކަަނބަލެއްގެ ގޮތުގައެވެ.
ރައީސު ބިލް ކްލިންޓަންގެ ދައުރުގައި ސުޕްރީމް ކޯޓަށް އައްޔަންކުރެއްވި ގިންސްބާގް ވަނީ 27 އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.
'ނޮޓޯރިއަސް އާރްބީޖީ' ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ގިންސްބާގް ސިފަކުރެވެނީ އެމެރިކާގެ ސަގާފަތަށް އަންނަމުންދާ ބަދަލުގެ ރަމްޒެއްގެ ގޮތުއެވެ. ޚާއްސަކޮށް ދެ ޖިންސުގެ ހަަމަހަަމަކަމުގެ ދާއިރާގައެވެ. އޭނާގެ މަސައްކަތްޕުޅުގެ މައްޗަށް 'އޮން ދަ ބޭސިސް އޮފް ސެކްސް' ގެ ނަމުގައި ފިލްމެއް ހަދާފައިވާއިރު، އޭނާގެ ހަޔާތްޕުޅުގެ މައްޗަށް 2108 ވަނަ އަހަރު ޑޮކިއުމެންޓަރީ ފިލްމެއްެވެސް އުފައްދާފައި ވެއެވެ.
ނޮވެންބަރު މަހު 3 ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ހައެއްކަ ހަފުތާއަށް ވެފައި ވަނިކޮށް ގިންސްބާގް އަވަހާރަވުން ވެގެންދާނީ އެމެރިކާގެ ސެެނެޓުގައި ހޫނު ބަހުސެއް ފެށިގެންދާނެ ކަމަކަށެެވެ، އެއީ ރިޔާސީ އިންތިޚާބުގެ ކުރިން އޭނާގެ ބަދަލުގައި ފަނޑިޔާރަކު އައްޔަންކުރުމުގެ ފުރުސަތު ރައީސު ޓްރަމްޕަށް އޮންނާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައެވެ.
ނޭޝަނަލް ޕަބްލިކް ރޭޑިޔޯއިން ބުނިގޮތުގައި، އަވަހާރަވުމުގެ ކުރިން ރުތު ގިންސްބާގް އޭނާގެ މާމަދަރިކަނބަލުން ކްލާރާ ސްޕެރާއަށް ލިޔެދެއްވި ވަސިއްޔަތުގައި އޭނާގެ މަގާމަށް މީހަކު އައްޔަންކުރުމުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ލިއުއްވާފައި ވެއެވެ.
"އަހަރެންގެ ހިތުގެ އަޑިން އެދޭ އެންމެ ބޮޑު އެދުމަކީ އައު ރައީސަކު ހޮވަންދެން އަހަރެންގެ ބަދަލުގައި މީހަކު އައްޔަންނުކުރުމެވެ." އޭނާގެ ވަސިއްޔަތުގައި ލިއުއްވާފައި ވެއެވެ.
އިއްޔެ އަވަހާރަވީ ރުތު ގިންސްބާގަކީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ދެވަނަ އަންހެން ބޭފުޅާއެވެ. އޭނާގެ ކުރިން ފަނޑިޔާރު ސާންޑްރާ ޑޭ އޮކޮނޯ ވަނީ 1981 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް އެ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.
ގިންސްބާގް އަވަހާރަވިއިރު އޭނާއަކީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންެމެ އުމުރުން އެންމެ ދުވަސްވީ، އަދި ކޯޓުގައި އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ފަނޑިޔާރެވެ.