އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެއްހާހަށްވުރެ މައްޗަށް

އަންގާރަ ދުވަހުގެރޭ ދަންވަރު އަފްޣާނިސްތާނަށް އައި ބިންހެލުމުގައި ލިބިފައިވާ ބައެއް ގެއްލުން

އަފްޣާނިސްތާނުގެ އިރުމަތީ ބިތަށް އަންގާރަ ދުވަހުގެރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000 އަށްވުރެ އިތުރުވެފައި ވާކަމުގައި އަދި 600 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމުގައި އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންްޓް އޮފިޝަލުން ބުނެފިއެވެ. އެހެންނަމަވެސް، އެ ސަރަހައްދުގެ މީހުން ބުނާ ގޮތުގައި ޒަޚަމްވި މީހުންގެ އަދަދު މާ ގިނައެވެ.

"1000 މީހުން މަރުވެ، 1500 މީހުން ޒަޚަމްވެފައިވޭ. އަދި މި އަދަދު މައްޗަށް ދިއުންވެސް އެކަށީގެންވޭ. އެތައް އާއިލާއެއް ވަނީ ގެއްލިފައި. ޒަަޚަމްވި މީހުން ވަނީ ކާބުލްއަށާއި، ގަންދޭޒްއަށް ގެންގޮސްފައި." އިރުމަތީގައި އޮންނަ ޕަކްތީކާ ޕްރޮވިންސްގެ އިންފޯމޭޭޝަން އެންޑް ކަލްޗަަރަލް ޑިރެކްޓަރ މުޙައްމަދު އަމީން ޙުޒައިފާ ވިދާޅުވިއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނިގޮތުގައި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޚޯސްތު ސިޓީއާ 46 ކިލޯމީޓަރު ދުރަށް އަންގާރަ ދުވަހުގެރޭ ދަންވަރު 1:24 (ރާއްޖޭ ގަޑިން ދަންވަރު 1:54) ގައި އައިސްފައިވަނީ 5.9 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.

ބިންހެލުމުގެ މަރުކަޒު ހުރީ ޚޯސްތު ޕްރޮވިންސުގައި ކަމަށްވިޔަސް، މި ބިންހެލުމުގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ކައިިރީގައި އޮތް ޕަކްތީކާ ޕްރޮވިންސުންނެވެ. އެ ޕްރޮވިންސުގައި 225 މީހުން މަރުވެ 200 މީހުން ޒަޚަމްވެފައިވާ ކަމަށް ވެއެވެ. ޚޯސްތުން 25 މީހުން މަރުވި އިރު ޒަޚަމްވެފައި ވަނީ 90 މީހުންނެވެ.

އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ކަމުގައިވާ ޞަލާޙުއްދީން އައްޔޫބީ ވިދާޅުވި ގޮތުގައި އިމާރާތްތަކުގައި ތާށިވެފައިވާ މީހުން  ސަލާމަތްކުރުމަށާއި، ޒަޚަމްވީ މީހުން ކައިރި ހޮސްޕިޓަލްތަކަށް ގެންދިއުމަށް ހެލިކޮޕްޓަރުގެ ބޭނުންކުރަމުން ދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން އެކަމަށްވެސް ދަނީ ހުރަސްއެޅެމުންނެެވެ.

ބޭރުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޢަބްދުލްޤާހިރު ބަލްޚީ ވިދާޅުވިގޮތުގައި ބައެއް އަވަށްތައް އެކުގައި ވަނީ ބިމާ ހަމަވެފައެވެ.

"އިބްތިދާއީ މައުލޫމާތުތަކަށް ބަލާއިރު، 990 މީހުންގެ ފުރާނަ ވަނީ ގެއްލިފައި. އަދި 600 މީހުން ޒަޚަމްވެފައިވޭ. އަވަށްތަކެއް އެކުގައި ބިމާ ހަމަވެފައިވޭ." އޭނާ ވިދާޅުވިއެވެ.

"އަފްޣާނިސްތާނުގެ ބޮޑުވަޒީރު ވަނީ ހާދިސާގެ ޝިކާރައަކަށްވި މީހުންނަށާއި އެމީހުންގެ އާއިލާތަކަށް އެއް މިލިއަން އަފްޣާން (1 ލައްކަ 71 ހާސް ދިވެހި ރުފިޔާ) ގެ ނަގުދު ފައިސާގެ އެހީ ދޭން ނިންމާފައި." އޭނާ ވިދާޅުވިއެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަފްޣާނިސްތާނުގައި ހާލުޖެހިފައިވާ މީހުންނަށް ހަމްެދަރުދީ ފާޅުކުރައްވައި، އަފްޣާނިސްތާނުގައި ތިބި އދ.ގެ ޓީމުތައް ހާލުގައި ޖެހިފައިވާ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތްކުރަމުން ދާކަމަށް ވިދާޅުވެފައެވެ. އަނެއްކޮޅުން އދ.ން ބުނިގޮތުގައި ވީ އެންެމެ އަަވަހަކަށް އަފްޣާނިސްތާނަށް އެހީ ފޮނުވުގެ މަސައްކަތްކުރަމުން ދާއިރު، އެންމެ ފަސޭހައިން އެކަންކުރެވޭ ގޮތަށް އޮތީ ތުރުކީއެވެ.

"އަހަރުމެން އެކަމާ ބެހޭގޮތުން މިތަނުގައި ހުރި ތުރުކީ އެންބަސީއާ ވާހަކަދައްކައިފީމު. އެމީހުން ތިބީ ރަސްމީކޮށް އެމީހުންގެ ކިބައިން އެދޭނެ ވަގުތެއްގެ އިންތިޒާރުގައި." އަފްޣާނިސްތާނުގައި ހުންނަވާ އދ.ގެ މަންދޫބުގެ ނާއިބު ރަމީޒް އަލަކްބަރޯވް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.