އަފްޣާނިސްތާނުގެ ހުޅަނގުގައި، ތުރްކުމަނިސްތާނުގެ ސަރައްދީ ރޮނގު ކައިރީގައި އޮންނަ ބާދްޣީސް ޕްރޮވިންސަށް ކައިރިކައިރީގައި އައި ދެ ބިންހެލުމެއްގައި މަދުވެގެން 26 މީހުން މަރުވެއްޖެއެވެ.
ބާދްޣީސް ޕްރޮވިންސުގެ ކަލްޗާ އެންޑް އިންފޯމޭޝަން ޑިޕާޓްމަންޓްގެ ވެރިޔާ ބާޒް މުޙައްމަދު ސަރްވަރީ ވިދާޅުވިގޮތުގައި ދެ ބިންހެލުމުގައި ގިނަ ގެތަކެއް ވަނީ ހަލާކުވެފައެވެ. އަދި އަފްޣާނިސްތާނުގައި އެންމެ ފަގީރުކަމަށް ބެލެވޭ މި ސަރަހައްދަށް އައި ބިންހެލުމަށް ފަހު، ދުރުގައިވާ ކުދި އަވަށްތަކަށް ލިބިފައިވާ ގެއްލުން ބެެލުމުން މަރުވެފައިވާ މީހުން އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ސަރްވަރީ މަޢުލޫމާތުދެއްވި ގޮތުގައި ބިންހެލުމުގައި މަރުވި މީހުންނަކީ ޤާދީސް ޑިސްޓްރިކްޓުގައި އެމީހުންގެ ގެތައްވެއްޓި، ގެތަކުގެ ދަށުގައިވެ މަރުވި މީހުންނެވެ.
"ބިންހެލުމުގައި މަރުވި މީހުންގެ ތެރޭގައި 5 އަންހެނުންނާއި، 4 ކުޑަކުދިން ހިމެނޭ." އޭނާ ވިދާޅުވިއެވެ.
ސަރްވަރީ އިތުުރަށް ހާމަކުރެއްވި ގޮތުގައި
ޔޫއެސް ޖިއޮލޮޖިކަލް ސާވޭގެ މައުލޫމާތުތަކަށް ބަލާއިރު އިއްެޔެ މެންދުރު ފަހު 2 ޖެހިއިރު (ރާއްޖޭ ގަޑިން 2:30 ވީއިރު) ބާދްޣީސްއަށް 5.3 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައި ވެއެވެ. އަދި އޭގެ 2 ގަޑިއިރު ފަހުން 4.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވެއެވެ. މި ދެ ބިންހެލުން ވެސް އައިސްފައި ވަނީ އެ ޕްރޮވިންސުގެ ވެރިރަށް ޤަލްޢައޭނޯ ގެ އިރުން 41 ކިލޯމީޓަރު ދުރު ހިސާބަކަށާއި، އިރުދެކުނުން 50 ކިލޯމީޓަރު ދުރު ހިސާބަކަށެވެ.
ޔޫރަޕިއަން-މެޑިޓަރޭނިއަން ސީޒްމޮލޮޖިކަލް ސެންޓަރުން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ ބިމުގެ 30 ކިލޯމީޓަރު އަޑިޔަށެވެ.
އަފްޣާނިސްތާނުގެ މިނިސްޓްރީ އޮފް ސްޓޭޓް ފޯ އެމަޖެންސީ އެފެއާޒްގެ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ވެރިޔާ މުއްލާ ޖަނާން ސާއިޤީ ވެސް ވަނީ ބިންހެލުމުގައި 26 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ބިންހެލުމުގައި 700 ވަރަކަށް ގެ ވަނީ ހަލާކުވެފައެވެ.