އަމީރާ ސުލްޠާނާގެ ނާރެސް - 46

(19 ޖޫން 2022 ގެ ބަޔާ ގުޅޭ)

"އަންހެނުންގެ ވިސްނުމާއި ފިކުރު ތަންކޮޅެއް ދުރަށް ދާން އެބަޖެހެއެވެ. އެހެންނޫނީ އެމީހުންތިބޭނީ، ފިރިމީހާއާއި ބައްޕަ ބުނާގޮތަކަށް ދިރިއުޅެންޖެހޭ ބަޔަކަށެވެ." ޖަޑާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ތިޔައީ ތެދެއްކަމުގައި ބުނެ، އަޅުގަނޑުވެސް ޖަޑާއާ އެއްބަސްވީމެވެ.

ޖަޑާގެ މުސާރަ އެއްކޮށް ހުސްކޮށްލަނީ އޭނާގެ ކޮއްކޮގެ ކިޔެވުމަށްކަން އެނގި އަޅުގަނޑު ވަރަށް ޙައިރާން ވިއެވެ. ކޮންމެ މަހަކުވެސް ޖަޑާ އޭނާގެ މުސާރައިން އަތުގައި ބަހައްޓަނީ ވަރަށް ކުޑަ މިންވަރެކެވެ. އެހެން ހުރިހާ ފައިސާއެއް ހޭދަކުރަނީ އޭނާގެ ކޮއްކޮގެ ކިޔެވުމަށެވެ.

"އަޅުގަނޑުގެ ކޮއްކޮގެ ކިޔެވުން ނިމުނީމަ، ވަޒީފާއެއް ހޯދައިގެން އަޅުގަނޑުގެ ކިޔެވުމަށް ޚަރަދުކޮށްދޭން ކޮއްކޮގާތު އަޅުގަނޑު އެދޭނަމެވެ." ޖަޑާ ހިނިތުންވެލައިގެންހުރެ ބުންޏެވެ. ޖަޑާގެ އުއްމީދު ވަރަށް ބޮޑެވެ. އޭނާ މިހާރު އެހޭދަކުރާ އެއްޗެއްގެ ބަދަލު އޭނާއަށް ލިބޭނެކަމުގައި އޭނާ އުއްމީދު ކުރެއެވެ. އަމިއްލަ އެދުމެއްނެތި ޖަޑާ ކުރަމުން އެގެންދާ ހޭދައިގެ ބަދަލު، އަމިއްލަ އެދުމެއްނެތި ޖަޑާއަށް ހޭދަކުރާނެކަމުގައި އޭނާ ޤަބޫލުކުރެއެވެ.

އަޅުގަނޑު ޖަޑާއާ ދިމާއަށް ބަލައިލީމެވެ. އަޅުގަނޑުގެވެސް ބޭބެއެއް އެބަހުއްޓެވެ. ގުޅުން ރަނގަޅުނަމަ އަޅުގަނޑަށްވެސް، ބޭބެގެ ކިޔެވުމަށް އަޅުގަނޑުގެ މުސާރައިން ޚަރަދުކުރެވުނީހެވެ. އެކަމަކު، ކަންދިމާވެފައި އޮތީ އޭގެ އިދިކޮޅަށެވެ. ބޭބެއާ އަޅުގަނޑާ ދެމެދު އޮތީ އެހާ އެކުވެރި ގުޅުމެއްނޫނެވެ. ޖަޑާގެ އުއްމީދުގައި ކުލަޖެހުމަކީ އަޅުގަނޑުގެވެސް ދުޢާއެވެ. އެކަމަކު ޖަޑާގެ ކޮއްކޮ ކިޔަވައި ނިމުމުން މީހަކާ އިންނާނެއެވެ. އަދި ކުދިން ލިބުމުން، އޭނާގެ ޒިންމާ ޖަޑާއަށްވުރެ ބޮޑަށް އެކުދިންނާއި އަނބިމީހާގެ މައްޗަށް ބަދަލުވެގެން ދާނެއެވެ. އަޅުގަނޑު ހިނގަމުން އައިއިރު، އަޅުގަނޑުގެ ވިސްނުން ޢަފާފާއު ހުއްސާހުގެ މައްޗަށް ހުއްޓުނެވެ. އަދި ޢަރަބި އަންހެނުންގެ އުއްމީދާއި ބޭނުންތައް އަބަދުވެސް ފިރިހެނުންނަށްވުރެ ފަސްކުރެވޭކަމާމެދު ކަންބޮޑުވިއެވެ. މިއީ މުސްލިމުންގެ މެދުގައި ޤަބޫލުކުރެވިފައި އޮންނަ ސަޤާފީ އާދައެކެވެ. މުސްލިމުންގެ މެދުގައި ޤަބޫލުކުރެވިފައި އޮންނަނީ އަންހެނުންނަކީ، ފިރިހެނުން ބޭނުންގޮތަކަށް އަނބުރަން އޮންނަ ބުމަރެއްގެ ގޮތުގައެވެ. އެބުމަރު ގޮސް ހުއްޓޭނީ ހުއްޓޭނެތާކުއެވެ. އަންހެނުންނަކަށް އެއްވެސް މިންވަރެއްގެ ބާރެއް ނުއޮންނާނެއެވެ.

ކަރީމާއި އަސަދު، އެމްބަސީއަށްގޮސް އަދިވެސް ނާދެއެވެ. އަޅުގަނޑުމެން އަންހެނުން، ޖަޑާ ތައްޔާރުކުރި ކާނާއަށް އިންސާފުކުރުމާއި މަޖާވާހަކަދައްކައި ވަގުތު ހޭދަކުރީމެވެ. ހުދާ އަދިވެސްހުރީ އަޅުގަނޑަށް ބުނެވުނު އެއްޗަކުން ރުޅިއައިސް ރަތްވެފައެވެ. ހުދާ ކެއީވެސް އޭނާގެ ކޮޓަރީގައި އިނދެއެވެ. އަޅުގަނޑުމެންނާއެކު ކާން ބޭރަކަށްވެސް ނުނިކުމެއެވެ. ކައިނިމުމާއެކު، ދަތުރު ވަރުބަލިވެފައި ތިބުމާއެކު އެންމެންވެސް އެމީހެއްގެ ކޮޓަރިއަށްގޮސް ގެއްލިއްޖެއެވެ.

ޖެހިގެން އައިދުވަހުގެ ހެނދުނު، ސުޢޫދީ ޢަރަބިއްޔާއަށް ދިއުމަށްޓަކައި، އަޅުގަނޑުމެން ދިޔައީ ލަންޑަނުގެ އެއަރޕޯޓަށެވެ. އަޅުގަނޑުމެން ރަށުން ފުރިތާ އަދި މިވީ އެންމެ 8 ދުވަހެވެ. އެކަމަކުވެސް މިފަހަރު ކަންދިމާވިގޮތުން، ދުވަސް އޮންނަނީ ދިގުވެފައެވެ. އަޅުގަނޑުމެންގެ ޖެޓް ޖެއްސީ ޖިއްދާގައެވެ. މާއިސާއާއި ހުދާ ދިރިއުޅެނީ ޖިއްދާގައެވެ. ދެންތިބި އެންމެންވެސް ދިރިއުޅެނީ ރިޔާޛުގައެވެ. އެކަމަކު އަޅުގަނޑުމެން ރިޔާޛަށް ދާނީ ޖިއްދާގައި ހައެއްކަދުވަހު މަޑުކޮށްލުމަށްފަހުގައެވެ. ހައިދީއާ ބެހޭގޮތުން އިވުނުވާހަކަތަކާގުޅިގެން އަޅުގަނޑުހުރީ، އަމާނީއާއި މަހާ އަޅުގަނޑުގެ އަތުގެ ތެރެޔަށްލައި ބޮނޑިކޮށްލަން ކެތްމަދުވެފައެވެ.

އަޅުގަނޑުމެންގެ ޖިއްދާގެ ގަނޑުވަރުގައި އެދުވަހުގެ ހަވީރާހަމަޔަށް އަޅުގަނޑާއި ކަރީމް އަރާމުކޮށްލީއެވެ. އެކަމަކު، ސުޢޫދީ ޢަރަބިއްޔާއާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިއޮތް ހަމަޖުހެމާބެހޭ ވާހަކަ، އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ދައްކައިލީމެވެ. އެވާހަކަ އެތައްފަހަރަކު އަޅުގަނޑަށް ފެށުނެވެ. އެކަމަކު އެވާހަކައިގެ ތެރެޔަށް ވަންނާކަށް ކަރީމު ބޭނުމެއް ނުވިއެވެ. އަދި އެންމެފަހުން ކަރީމު ރުޅިއަންނަގޮތްވެސްވިއެވެ. ކަރީމަށް ޤަބޫލުކުރެވޭގޮތުގައި، ސުޢޫދީ ޢަރަބިއްޔާއާމެދު ފާޑުކިޔެނީ، ސުޢޫދީގެ ޝަރުޢީ ނިޒާމާއި ޤާނޫނު ތަންފީޒު ކުރާތީއެވެ. ސުޢޫދީގެ އިޖްތިމާޢީ ޢަދްލުގެ ނިޒާމަކީ، ދުނިޔޭގެ އެހެންޤައުމުތަކާ އަޅާބަލާއިރު، ކުށްކުރުން މަދުކުރާ ރަނގަޅު ނިޒާމެކެވެ. އެފަދަ ނިޒާމަކަށް ފާޑުކިޔަން އެހެން ޤައުމުތަކަށް އެއްވެސް ޙައްޤެއް ނުއޮންނާނެއެވެ.

ބޯބުރިކުރުމުގެ އަނިޔާވެރި އަދަބަކީ އަޅުގަނޑުގެ ހިތަށް ވަރަށް އުނދަގޫވާ ކަމެކެވެ. އަމްދުން، އެމެރިކާގައި ކަރަންޓްދީގެންނާއި ގޭސް ޗެމްބަރަށް ލައިގެން މަރުގެ އަދަބު ދެވޭގޮތާއި ސުޢޫދީގައި ބޯބުރިކުރުމުގައި އަނިޔާވެރިކަމުގެ ގޮތުން ހުރި ތަފާތުގެ މައްޗަށް ކަރީމް ދެއްކި ވާހަކަތަކުން ދެނިޒާމުގެ ތަފާތާމެދު އަޅުގަނޑަށް މަގުއޮޅޭގޮތްވިއެވެ. ބޯބުރިކުރުމަކީ، އެމެރިކާގައި މަރުގެ އަދަބު ދެވޭގޮތަށްވުރެ، އަނިޔާއާއި ވޭން ކުޑަގޮތެއްކަމަށް ކަރީމު ވަކާލާތު ކުރިއެވެ.

މަރުގެ ޙުކުމުގެ ބަހުސްގެތެރޭގައި އުޅެނިކޮށް، ކަރީމަށް ނިދިއްޖެއެވެ. ހަމަގަދަޔަށް ނިދިއްޖެއެވެ. އަޅުގަނޑަށް ޖެހުނީ އެންމެ ލޮލުފިޔައެއްވެސް ނުޖެހި އެނދުމަތީ ފުރޮޅި ފުރޮޅި އޮންނާށެވެ. ރޭގަނޑު ހަތަރުދަމު އަޅުގަނޑު އުޅުނީ އެފަދަ ޙާލެއްގައެވެ. ކޮންމެވެސް ސަބަބަކާހުރެ، އަޅުގަނޑުގެ ޚިޔާލުތައް ގޮސްހުއްޓުނީ، ޢަބްދުﷲ އަލް ޙަޛާއިފުއެވެ ލިޔުނު ސުޢޫދީ މީހެއްގެ ވާހަކަޔަށެވެ. އެއީ ސުޢޫދީ ޢަރަބިއްޔާގެ ހަމަކޮންމެ މީހަކަށްވެސް އެނގޭނެ ވާހަކައެކެވެ. އެއީ 1995 ގެ އޮގަސްޓް މަހެވެ. ޢަބްދުﷲ އަލް ޙަޛާއިފަކީ 33 އަހަރުގެ ޒުވާނެކެވެ. އެއީ 6 ކުދިންގެ ބައްޕައެކެވެ. އޭނާގެ ބޯބުރިކޮށްލެވުނީ ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އަމުރަކަށެވެ. ޢަބްދުﷲ އާއެކު ސުޢޫދީގެ އެތައްބަޔަކު އެފަހަރު ހައްޔަރުކުރެވުނެވެ. އޭގެތެރޭގައި ޢަބްދުﷲ ގެ ދެބޭބެއަކާއި އޭނާގެ މުސްކުޅި ބައްޕަވެސް ހިމެނެއެވެ. އެމީހުންގެ ކުށަކަށްވީ ސަރުކާރާ ދެކޮޅު ޙަރަކާތެއް ހިންގުމެވެ. އެޙަރަކާތުގެ ތެރޭގައި މިސްކިތުގައި އިދިކޮޅު ވާހަކަ ދެއްކުމާއި ސަރުކާރާ ދެކޮޅު ލިޔުމާއި އޯޑިއޯޓޭޕް ބެހުންވެސް ހިމެނެއެވެ.

ވާހަކަ ދެކެވުނުގޮތުގައި ޢަބްދުﷲ ގެ މުސްކުޅި ބައްޕަޔަށް ޖަލުގައި ބަންދުކޮށްފައި ހުރިއިރު ވަރަށް އަނިޔާކުރިއެވެ. އަދި އެންމެފަހުން، އޭނާއަށް ހާޓް އެޓޭކެއް ޖެހި ބަލިބޮޑުވިއެވެ. މިކަންވެގެންދިޔައީ، ޢަބްދުﷲ ގެ ދޮށްޓަށްހުރި އަލް ޙުޛައިފަށް ވަރަށް އަސަރުކުރިކަމަކަށެވެ. ޢަބްދުﷲ އަށްވުރެ ބޮޑަށް ޙުޛައިފަށް އެކަމުގެ އަސަރުކޮށް، ބަދަލުހިފުމުގެ ރޫޙު އޭނާގައި އުފެދުނެވެ. ޢަބްދުﷲ ޖަލުން ދޫކޮށްލުމުން، ބައްޕަޔަށް އަނިޔާކުރި ސިއްރު ފުލުހުންގެ މީހާ ހޯދިއެވެ.  އޭނާ ރަނގަޅަށް ކަށަވަރުކުރުމަށްފަހު، އެއީ ބައްޕަޔަށް އަނިޔާކުރި ފުލުސްމީހާކަން ގައިމުކޮށްފަ، އޭނާގަޔަށް އެސިޑްތަކެއް ޖެހިއެވެ. އެ ފުލުސްމީހާއަށް ވަރަށް އަނިޔާވިއެވެ. އެކަމަކު މަރެއް ނުވެއެވެ. އެކަމަކު، އޭނާއަށް އެ ޙަމަލާދިނީ ކާކުކަން ދެނެގަތެވެ.

އަނެއްފަހަރު، ޢަބްދުﷲ ޖަލަށް ލެވުނެވެ. ސުޢޫދީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުންވެސް މި ޢަބްދުﷲ އާ ދިމާކުރިއެވެ. އަދި ނުދޭކަ އަނިޔާއެއް ނެތެވެ. ޢަބްދުﷲ ގެ ޢާއިލާއާއި ރައްޓެހިންގެ ފަރާތުން މަޢުލޫމާތު ލިބުނުގޮތުގައި، އަނިޔާކޮށް ގަތްގަތީނުންގޮސް، އެންމެފަހުން ޢަބްދުﷲ އެކުށަށް އިޢުތިރާފްވާން މަޖުބޫރުކުރުވިއެވެ. އަނިޔާވި ސިއްރު ފުލުހުންގެ މީހާ ބަދަލު ހިފުމަށްޓަކައި ޢަބްދުﷲ ގެ ކުރިމަތިފަރާތަށް ދިޔާ ވިހަގޭސް ޖަހައި ފުރަގަސް ފަރާތަށް އަނިޔާކުރިކަމަށް ވެއެވެ. އަދި އޭނާގެ ލޯބިވާ މަންމައާއި އަންހެނުންނަށް، އޭނާގެ ކުރިމަތީ ޖިންސީ އަނިޔާކުރާނެކަމަށް ބުނެ ބިރުދެއްކި ކަމަށްވެސް ވެއެވެ.

އެހެންނަމަވެސް، ޢަބްދުﷲ އެލިޔުމުގައި ސޮއެއް ނުކުރެއެވެ. އަދި އެކަމަށް އިޢުތިރާފެއްވެސް ނުވެއެވެ. އެއްބަސްނުވުމާ ގުޅިގެންޢަބްދުﷲ އަށް ދިން އަނިޔާ އެތައް ގުނަޔަކަށް އިތުރު ކުރިއެވެ. ބައެއް ރިޕޯޓްތައް ބުނިގޮތުގައި، ކަތިލަން އެލުވާފަ އޮންނަ ކަންބަޅި ބަކަށްޓެއްހެން، ޢަބްދުﷲ ގެ ބޯ ފައިގާ އަޅުވައި އައްސާފައި އެލުވާފައި ބެހެއްޓިކަމަށް ވެއެވެ. އެންމެފަހުން، އަނިޔާކުރި ކުރީނުންގޮސް ޢަބްދުﷲ ގެ އުނަގަނޑުންތިރި ވާގިނެތުނެވެ.

އަޅުގަނޑުގެ ޢާއިލާގެ ޝާހީމީހުންނަކީ ހިތެއްއޮތް ބައެއްނޫންކަމުގައި އެއްބަސްވާން އަޅުގަނޑަށް މަޖުބޫރެވެ. ޢަބްދުﷲ އަށް ކުރެވުނު ލާއިންސާނީ އަނިޔާތަކުގެ ނިމުމަކަށް ވެގެންދިޔައީ އޭނާގެ ބޯބުރިކޮށްލުމެވެ. އޭނާގެ ހިތުގައި އެންމެފަހުން އުފެދޭނެ އިޙްސާސްތައްވާނީ ކޮންކަހަލަ އިޙްސާސްތަކަކަށް ކަމެއް ނޭނގެއެވެ. އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ، އޭނާގެ ފަހުވަގުތު، ސުޢޫދީ ރަސްކަމަށް، ސުޢޫދީ ސަރުކާރަށް ބަދުދުޢާ ކުރާނެކަމެވެ. އެއާއެކު އޭނާގެ ޅަ 6 ކުދިންނާމެދު ވިސްނާނެކަން ގައިމެވެ. އެކުދިންގެ މުސްތަޤްބަލަށް ހިޔަނިއެޅިގެން އެދިޔައީ އެކުދިންގެ ބައްޕަގެ ބޯބުރިކޮށްލުމުން އުފެދޭނެ ދެކޮޅުވެރި އިޙްސާސްތައްކަމަށްވުމަކީ ދުރުކަމެއްނޫނެވެ. މަންމަ ހުވަފަތްވެ، އެހާ ޅަ ޢުމުރުގައި އެކަނިވެރި މަޔަކާއެކު އެކުދިންގެ ދިރިއުޅުން އޮންނާނެގޮތް ހިތަށްވެސް ގެންނަން ނޭނގެއެވެ. އޭނާއަށް ކުރެވިދާނެ އަނެއް އިޙްސާސަކީ، ބޯބުރިކޮށްލުމުން، އެއިރު އޭނާއަށް ލިބެމުންދިޔަ އަނިޔާއާއި ވޭން ނިމުމަކަށް އަންނާނެކަމުގެ އިޙްސާސްކަމަށްވެސް ވެދާނެއެވެ. އަޅުގަނޑަކަށް ނޭނގެއެވެ. ވެރިކަމާއި ޝަރުޢީ ނިޒާމަކީ މޮޑޭފުށްގަނޑަކަށް ވެފައިއޮންނަ ޒަމާނެއްގައި ކަރީމް އެޖަދަލުކުރާ ޖިނާޢީ ޢަދްލުގެނިޒާމް ރަނގަޅަށް ހިނގާނީ ކޮންގޮތަކަށްތޯއެވެ ؟ އަޅުގަނޑުގެ މިއިޙްސާސްތަކާއި ސުއާލުތަކުގެ ޖަވާބު ދެނެވޮޑިގެންވާނީ ކީރިތި ﷲ އެވެ.

މީގެ އިތުރު، ބިރުވެރިކަމުން ފުރިގެންވާ ހިތާމަވެރި އެހެން ޙާދިސާތަކެއް އަނެއްކާވެސް އަޅުގަނޑުގެ ހިތަށް ވެރިވަމުން ދިޔައެވެ. އެ ތުއްތު ހައިދީ އޭނާގެ މަންމައާ ވަކިން މަންމައަށް ގޮވުމުގައި ހިތުގައި ޖެހި ރޮވެމުންދާއިރު، އެތުއްތު ކުއްޖާގެ ހިތުގައި އަޅާނެ ވޭން ވިސްނާ ލައްވާށެވެ! ޢަފާފަކީ ދުނިޔެއަށް ގިނަވެ އެކަނިވެރިކަމާއެކު އެދުނިޔެއިން ބާކީވެފައިހުރި އަންހެނެކެވެ. ޙުއްސާޙަކީ، މުނީރާ ފަދައިން، ޝަރުޢީގޮތުން އަނިޔާވެރި ފިރިހެނެއްގެ ވަކިދަށުވެފައިހުރި ކުއްޖެކެވެ.

އެއްގޮތަކަށްވެސް ނިދިފިޔަޖެހޭގޮތެއް ނުވިއެވެ. އެހެންކަމުން ހިތަށް ތަސައްލީއެއް ހޯދުމަށްޓަކައި، އަޅުގަނޑަށް އަމިއްލަޔަށް "ބުއިމެއް" ތައްޔާރުކޮށްލުމަށް ނިންމީމެވެ. ހިތުގައިހުރި އުދާސްތައް ބޭރުކޮށްލައި ކުޑަނަމަވެސް ހަމަޖެހުމެއް ހޯދުމަށްޓަކައި އެނޫންގޮތެއް ނެތުނީއެވެ. ބާރުގަދަ ބުއިންތަކުން ރޭގަނޑު ހަތަރުދަމު ޢަމަލުވެފައި އޮތުމަށް އަޅުގަނޑު ނިންމީމެވެ. އަޅުގަނޑަށް ކުރެވޭ ނުކުރެވޭކަމެއް ނޭނގޭވަރަށް ބޯލެވުނެވެ. އަޅުގަނޑުގެ ހެދުމުން ޖެހިފައި އެތާހުރި އަގުބޮޑު ވާރސެއް ވެއްޓުނެވެ. އެކަމަކު ވެއްޓުމުގެ ކުރިން އެ ވާރސް ނަގާހާ ބާރެއް އަޅުގަނޑުގެ ނަފުސަކު ނެތެވެ. އޭތި ވެއްޓުނުގޮތަށް ތަޅައިގެންދިޔައެވެ. އަޅުގަނޑަށް އިޙްސާސް ނުވިނަމަވެސް، ރޭގަނޑުގެ ހަމަހިމޭން އެވަގުތު، ޚާއްޞާ މުށްޓަކުން ހަދާފައިވާ ބޮޑު ވާރސް ވެއްޓި ތަޅައިގެންދާއިރު އޭގެ އަޑު ވަރަށް ގަދަވާނެއެވެ.

ސިއްސައިގެންގޮސް، ކަރީމް ފުންމައިގެން އެނދުން ތެދުވިއިރު، އަޅުގަނޑުގެ ދިފާޢުގައި އެއްޗެއް ބުނާނެހާ ވަރެއް އަޅުގަނޑުގެ ދުލަކު ނެތެވެ. އޭނާގެ އަންހެނުން މަސްތުވެފައި ހުރި މިންވަރާއި އެވަގުތު އޭނާއަށް އެއްޗެއް ބުނާނެ ހިތްވަރު ނުހުންނާނެކަން ކަރީމް ދެނެގަތެވެ. ސުލްޠާނާ އޭ ބުނެ ކަރީމް ބާރަށް ހަޅޭއްލަވައިގަތެވެ.

"ޔާ ﷲ! އަޅުގަނޑަށް ކުރެވުނު ފާފަ މިއޮތީ ބޭޒާރުވެފައެވެ." އަޅުގަނޑަށް މަޑުމަޑުން ބުނެވުނެވެ.

އެވަގުތު، އަޅުގަނޑަކަށް އެއްވެސް ކަމެއް ހަނދާނެއް ނުކުރެވުނެވެ. އެހެންކަމުން، މަސްތުވެފައިހުރެ އަޅުގަނޑަށް އެއުޅެވުނުގޮތް ހަނދާންކުރަން ނޫޅެ މަޑުން އޮތީމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.