![MIster Ahmed Zahir](https://aafathis.mv/wp-content/uploads/2019/09/MIster-Ahmed-Zahir-678x381.jpg)
ގަލޮޅު ރަސްމީ ދަނޑުގައި ދައުލަތުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބެވި ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެން ކުރިއަށްގެންދިޔަ ހަރަކާތަށް ބަޔަކު ހުރަސް އަޅާ، ހަމަނުޖެހުން ހިންގާފައިވާތީ އެކަން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ކުށްވެރިކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބައެއް ފަރާތްތަކުން ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ލޯބި، ސިޔާސީ މަޤްޞަދެއްގައި ބޭނުންކޮށްގެން ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަމުންދާކަން ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މުންކަރާތް ނަހީކުރުމުގެ ނަމުގައި ހިންގާފައިވާ ކަންތައްތަކަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ޢަމަލުތަކެއް ކަމަށާއި ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.
" އެއްވެސް އިޚްލާސްތެރިކަމެއްނެތި، އިސްލާމްދީނާއި ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި ކަމަށް ބުނެ ރާއްޖޭގެ ދާޚިލީ ހަމަޖެހުން ނަގާލެވޭ މޭރުމުން ބައެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކާ ހިންގާ ހަރަކާތްތަކުގެ މަޅީގައި ނުޖެހުމަށް ރައްޔިތުންނަށް ނަސޭޙަތްތެރިވަމެވެ." އިސްލާމިކް މިނިސްޓްރޫގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ މިނިސްޓްރީން ވަނީ މިފަދަ ކަންކަމާމެދު ދީނީ ޢިލްމުވެރިންނާއި މުއައްސަސާތަކުން އިތުރަށް ސަމާލުވެ، މުޖުތަމަޢުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.