ދުނިޔޭގެ ދަތުރުފަަތުރުގެ ސިނާއަށް މިއަހަރު ގެއްލުންވާނެކަމަށް ލަފާކުރެވެނީ 9.7 ބިލިއަން އެމެރިކާ ޑޮލަރުކަމުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްއިއްޔާ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއެޝަން (އަޔާޓާ) އިން ބުނެފިއެވެ. މިއީ މިއަހަރު ގެއްލުންވާނެކަމަށް އެ ޖަމްއިއްޔާއިން މީގެ ކުރިން ލަފާކޮށްފައިވާ 11.6 ބިލިއަން ޑޮަލަށްވުރެ ގާތްގަނޑަކަށް 2 ބިލިއަން ޑޮަލަރު މަދު އަދަދެެކެވެ.
އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިލީ ވޮލްޝް ހާމަކުރެއްވި ގޮތުގައި އެއީ މިއަހަރު ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީގެ 1.2% އެވެ. ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް 137.7 އެމެރިިކާ ޑޮލަރުގެ ގެއްލުންވިއިރު، 2021 ވަނަ އަހަރު އެ ގެއްލުން ވަނީ 42.1 ބިލިއަން ޑޮލަރަށް ކުޑަވެފައެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް މިއަހަރު ލިބޭނެ ކުރިއެރުމުގެ އަންދާޒާއެއް ހާމަކުރައްވަމުން އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި މިއަހަރު ނިމޭއިރު ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު ކޮވިޑް-19 ގެ ކުރީގެ އަދަދުގެ %83 އަށް އަރާނެއެވެ.
ވިލީ ވޮލްޝް މި މައުލޫމާތު ހާމަކުރައްވާފައި ވަނީ ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ އަޔާޓާގެ އާއްމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާގެ ރިޕޯޓަކީ އެ ޖަމްއިއްޔާގެ މެންބަރު 290 އެއާލައިނުންނަށް އުއްމީދު އާކޮށްދިން ރިޕޯޓެކެވެ. އެ އެއާލައިންތަކުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ %83 ހިއްސާކުރެއެވެ.
މަޑުމަޑުން ކުރީގެ ހާލަތަށް އެނބުރި އައުމުގައި އެކި ބައްރުތަކުގެ ހަލުވިކަން ތަފާތުވާއިރު، އެންެމެ އަވަހަށް ފައިދާވާ ހާލަތަށް އެނބުރި އަންނާނެ ކަމަށް ލަފާކުރެވެނީ އުތުރު އެމެރިކާއެވެ. އެ ސަރަހައްދު އަހަރު ނިިމޭއިރު ފައިދާވާ ހާލަތަށް އެނބުރި އައިސް، 8.8 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެކަަމަށް ލަފާކުރެވެއެވެ.
"މިނިވަންކަމާއެކު ވައިގެ މަގުން ދަތުރުކުރުމުގެ އިންތިޒާރުގައި ތިބި މީހުން އަނެއްކާވެސް ވަނީ ދަތުރުކުރަން ފަށާފައި، އެވެސް ގިނަ އަދަކަށް." ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.
ޗައިނާގެ ބޯޑަރު އަދިވެސް ހުޅުވާފައި ނުވާއިރު، އެގައުމު ހިމެނޭ އޭޝިޔާ ބައްރަށް 8.9 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެކަމަށް ލަފާކުރެވެއެވެ. އެފްރިކާގެ ބައްރުގެ ވައިގެ ދަތުރަށް ވެސް ބޮޑު ގެއްލުމެއް ވާނެކަމަށް ލަފާކުރެވެއެވެ.