ކޮވިޑް-19 ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރު ގާތްގަނޑަކަށް ހުއްޓުމަކަށް އައުމާ ގުޅިގެން މިއަހަރު އެއާލައިންތަކަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްއިއްޔާއިން ބުނެފިއެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ބުނި ގޮތުގައި މިއަހަރު ނިމޭއިރު އެއާލައިންތަކުގެ އާމްދަނީ %60 ދަށަށް ދާނެއެވެ. މި އަހަރަކީ ވައިގެ ދަތުރުފަތުގެ ސިނާއަތަށް "އެންމެ ގޯސް" އަހަރުކަން ބަޔާންކުރަމުން އެ ޖަމާއަތުން ބުނީ "ކޮވިޑް-19 ގެ ކާރިސާގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ދެމިއޮތުން ނުރައްކަލުގެ ތެރޭގައި" ވާކަމުގައެވެ.
އަޔާޓާއިން ހާމަކުރި ގޮތުގައި މަތިންދާބޯޓުތަކުގެ ދަތުރުތައް ހުއްޓާލުމާއި، މުވައްޒަފުން މަދުކުރުން ފަދަ ފިޔަވަޅުތައް އަޅައިގެން ދުނިޔޭގެ އެއާލައިންތަކުން ދަނީ ދުވާލަކު 1 ބިލިއަން ޑޮލަރު ވަރު ސަލާމަތްކުރަމުންނެވެ. އެހެންނަމަވެސް، އެއާލައިންތަކަށް ދަނީ "ކުރިން ދުވަހަކުވެސް ނުވާ" ވަރުގެ ބޮޑު ގެއްލުމެއް ވަމުންނެވެ.
މެންބަރުންގެ ގޮތުގައި 290 އެއާލައިން ހިމެނޭ ޖަމްއިއްޔާ އިން ބުނި ގޮތުގައި މިއަހަރު ނިމޭއިރު އެއާލައިންތަކަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 328 ބިލިއަން އެމެރިކާ ޑޮލަރެވެ.
މިހާރުގެ އަންދާޒާއިން ދައްކާ ގޮތުގައި މިއަހަރު ނިމޭއިރު އެއާލައިންތަކަށް 118.5 ބިލިއަން ޑޮލަރު ގެއްލުންވާނެއެވެ. މިއީ ފާއިތުވި ޖޫން މަހު އަޔާޓާއިން އަންދާޒާކުރި ވަރަށްވުރެ މާ ބޮޑު އަދަދެކެވެ. އޭރު އަޔާޓާއިން އަންދާޒާކޮށްފައި ވަނީ އަހަރު ނިމޭއިރު ވާނީ 84.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކަމަށެވެ.
އަންނަ އަހަރު ހާލަތު ރަނގަޅުވި ނަމަވެސް، އެ އަހަރުވެސް 38 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް އެއާލައިންތަކަށް ވާނެ ކަމަށް އަޔާޓާއިން ލަފާކުރެއެވެ.
"މިއީ ސުންނާފަތިކުރަނިވި، އޭގެ ގެއްލުން ކުޑަކުރަން ކަމެއް ނުކުރެވި ދިޔަ ކާރިސާއެއް." އަޔާޓާގެ ޑިރެކްޓަރ ޖެނެރަލް އެލެގްޒަންޑާ ޑި ޖޫނިއާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
"ދަތުރުވެރިން މަތިންދާބޯޓުތަކަށް އަރާނީ ކަރަންޓީނުގެ ފިޔަވަޅުތައް ނެތި ދަތުރުކުރެވޭ ގޮތަށް ބޯޑަރުތައް ހުޅުވިގެން." އޭނާ އިތުރަށް ވިދާޅުވިއެވެ.
ޑި ޖޫނިއާކް ވިދާޅުވި ގޮތުގައި އަންނަ 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް އެއާލައިންތަކަށް އެ ކުންފުނިތަކުގެ ރިޒާވުން ޚަރަދުތައް ފޫބައްދަން ޖެހޭނެ ކަމަށް ބެލެވެއެވެ.