މޭނާ ސްކޫލުގެ އެންމެބޮޑު ކާމިޔާބީއަކީ ޤައުމަށް ޚިދުމަތްކުރާނެ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން: ރައީސް

މޭނާ ސްކޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމަށް ޚިދުމަތްކުރާނެ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި މަތީ މަޤާމެއް ޙާޞިލްކޮށްފައިވާ ސްކޫލެއް ކަމަށެވެ.

މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލު ތަކުގެ ތެރެއިން، 75 އަހަރު ފުރުނު 4 ވަނަ ސްކޫލުކަން ފާހަގަކުރައްވައި މި ސްކޫލަކީ ތަޢުލީމީ ގޮތުން މުޅި ބޮޑު އުތުރުގެވެސް ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޭނާ ސްކޫލު ތަޢުލީމީ ގޮތުން ޙާޞިލުކުރަމުން އަންނަ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން، ނ .އަތޮޅުގައި މަތީ ސާނަވީ މަރުޙަލާގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް މިހާރު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ ވެސް މޭނާ ސްކޫލުކަމާއި ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާގައި މި ސްކޫލްގެ ދަރިވަރުން ޤައުމީ ފެންވަރުގައި ރަން ވަނަތައް ޙާޞިލްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މޭނާ ސްކޫލް ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން މިހާރު ދެ ކެމްޕަހެއްގައި ސްކޫލުގެ ކިޔެވުން ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރު ހުރި އައު ކެމްޕަސްގެ ކައިރީގައި ސްކޫލްގެ އައު ޢިމާރާތް ބިނާކޮށް ދެ ޢިމާރާތް ގުޅުވައިލައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަސައްކަތް ކުރިޔަށްގެންދާނީ ސްކޫލުން އެދިފައިވާ ގޮތަށް 22 ކްލާސްރޫމާއި އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތާއެކުގައި ކަމަށެވެ. އަދި ހަމަ އެއާއެކު ސްކޫލްގެ ބައު ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި ޤާއިމުކޮށްދެއްވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.