![Dhevvadhoo School Open](https://aafathis.mv/wp-content/uploads/2023/08/Dhevvadhoo-School-Open-678x381.jpeg)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ ސްކޫލުގެ އައު ޢިމާރާތާއި، ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައި ދެއްވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލުގެ 2 ބުރީގެ އައު ޢިމާރާތަކީ، ދެ ކުލާސްރޫމާއި، ހެލްތް ރޫމަކާއި ލައިބްރަރީއެއް ހުންނަ ޢިމާރާތެކެވެ. މިޢިމާރާތުގެ މަސައްކަތްކޮށްފައި ވަނީ. ވެލްމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ދެއްވަދޫ ފެނަަކަަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކުރިން ދެއްވަދޫގައި ހުރި އިންޖީނުގެއާ އޮފީސް ހުރީ، މީހުން ދިރިއުޅޭ ސަރަހައްދުގައި ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެއްވަދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ، އަޒްރޯވާ ޕައިޕް ފެކްޓަރީ ހުޅުއްވައިދެއްވާފައެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މިފެކްޓްރީއަކީ، ފެނާއި ނަރުދަމާ އަދި އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ހޮޅި އުފައްދާ ފެކްޓްރީއެކެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.