
ސަލާމަތާއި ރައްކާތެރިކަމަށް ބައިނަލްއަގުވާމީ ދަތުރުތަކުގައި މާސްކު އެޅުމަށް މޯލްޑިވިއަން އިން އިލްތިމާސްކޮށްފިއެވެ.
މާސްކު އެޅުމަށް މޯލްޑިވިއަން އިން އިލްތިމާސްކޮށްފައިވާއިރު، ކޮވިޑް-19ގެ ކޭސްތައް އަނެއްކާ ވެސް ރާއްޖޭގައި އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އެ އިދާރާ އިން މި ޖޫން މަހުގެ 13 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އިތުރުވަމުންދާކަމަށެވެ. އަދި ފާއިތުވި ހަފްތާގައި 142 ކޭސް ފެނިފައިވާ ކަމަށެވެ.
މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 69 ޕަސަންޓް އިތުރުވުމެއް ކަމަށާއި ސާމްޕަލް ޕޮޒިޓިވިޓީއާއި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ކޮވިޑް ޖެހިގެން މޭ މަހު އެޑްމިޓްކޮށް ފަރުވާދޭން ޖެހުނީ ޖުމްލަ 15 މީހުންނަށް ކަމަށާ މިމަހު 12 ވަނަ ދުވަހާ ހަމައަށް 11 މީހަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއާއެކު އެޗްޕީއޭއިން ވަނީ ކޮވިޑްގެ ހާލަތު ގޯސްވިޔަނުދިނުމަށްޓަކައި ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.