
ހުޅުމާލޭ ރެސްޓޯރެންޓެއްގައި މީހަކު މަރާލި ޕާކިސްތާނު ކައްކާގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބުނީ ހުޅުމާލޭ ރެސްޓޯރެންޓެއްގެ ތެރޭގައި މީހަކު މަރާލި މައްސަލައިގަ އެ ތަނުގައި މަސައްކަތް ކުރި ޕާކިސްތާނު ކައްކާ، މުހައްމަދު އާބިދުގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކަމަށާއި އެ ގާނޫނުގެ ދަށުން އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
މިދިޔަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގައި ހިނގާފައިވާ އެ ހާދިސާގައި އާބިދަށް ދައުވާ ކުރީ އެ ތަނުގައި މަސައްކަތް ކުރާ ވެއިޓަރެއް ކަމަށްވާ ބަންގްލަދޭޝް ރައްޔިތަކު މަރާލައިގެންނެވެ.
އާބިދާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރީ އިއްޔެއެވެ.
މި ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އަންނާނެއެވެ. އަދި ވާރިސުންގެ ފަރާތުން މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެއެވެ.
ރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރެވެ.