ކަރަންޓު މީޓަރު ޓެސްޓުކުރުން އެއްފަރާތްތަކަށް ބަރޯސާވެފައި އޮތް އޮތުމަށް ފެނަކަ ކޯޕަރޭޝަނުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ މީޓަރު ޓެސްޓިން ބެއްޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިއީ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރު ޓެސްޓުކުރުން މުޅި ރާއްޖޭގައި އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ބުންޏެވެ.
ޓެސްޓިންގ ބެންޗާއެކު މިހާރަށްވުރެ އަވަހަށް މީޓަރު ޓެސްޓުކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސްމިނުގައި ދެމެހެއްޓެނިވި ޚިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.
އެ ކުންފުނިން ބުނީ މީޓަރު ޓެސްޓު ކުރުމުގެ ޚިދުމަތް މި މަސް ނިމުމުގެ ކުރިން ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ކުންފުނިން މީޓަރު ޓެސްޓުކުރުމުގެ ޚިދުމަތް ތައާރަފުކުރުމުން މިހާރު ރައްޔިތުންނަށް އެ ޚިދުމަތް ލިބޭ އަގަށް ވުރެ އެތަށް ގުނައެއް އަގު ހެޔޮވާނެ ކަމަށެވެ.
މީގެ އިތުރުން މިހާރު ޚިދުމަތަށް ނަގާ މުއްދަތަށްވުރެ އަވަސްކޮށް ޚިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ޔުޓިލިޓީ ޚިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކުލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ހައްލު ހޯދައިދެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.