
އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އިތުރަށް ރަނގަޅު ކުރުމަށް އިތުރު ދެ ޖަނަރޭޓަރު އެސިޓީއަށް ފޮނުވަން ފެނަކައިން ނިންމަވައިފިއެވެ.
އެކުންފުނީން ވިދާޅުވީ އެ ސިޓީއަށް ފޯނުވާނީ ދެ މެގަވޮޓުގެ ދެ ޖަނަރޭޓަރު ކަމަށެވެ. އެ ދެ އިންޖީނު ވެސް މިހާރުވަނީ އައްޑުއަށް ފޮނުވުމަށްޓަކައި ލޭންޑިން ކްރާފްޓް (ކޮޅުވެއްޓި) އަރުވައިފައި ކަމަށް ފެނަކައިން ވިދާޅުވިއެވެ. "އައްޑޫސިޓީގެ ކަރަންޓު ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި އެ ސިޓީ އަށް ގެންދިއުމަށް ހަމަޖެހިފައިވާ 2 މެގަވޯޓުގެ ދެ ޖެނެރޭޓަރ ކޮޅުވެއްޓިއަށް ވަނީ އަރުވާފައި،" އެކުންފުނީން ވިދާޅުވިއެވެ.
އައްޑޫ ސިޓީއަކީ މާލެ ފިޔަވައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ސިޓީއެވެ. އެ ސިޓީއަށް ވެސް ކަރަންޓުގެ މައްސަލަ ދޭތެރެދޭތެރެއިން މިހާރުވެސް ދިމާވެއެވެ. ކަރަންޓު ކެންޑު ގިނަވަގުތު ހޭދަވާ ދުވަސްދުވަހު ވިޔަފާރިތަކަށާއި އާންމުންނަށާއި ފިނިކުރި މުދާ ގަނޑުކޮށް ގަނެފައި ބަހައްޓާ ފަރާތްތަކަށް ވަރަށްބޮޑު ގެއްލުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފެނަކައިން މަސައްކަތް ކުރައްވަނީ އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަވައި ދެއްވުމަށެވެ. އެގޮތުން ވަރަށް އަވަހަށް އެސިޓީގައި އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ފަށާނެއެވެ.
އައްޑޫގ އިތުރުން ށ. ކޮމަންޑޫ ގެ ކަރަންޓު ހާލަތު އިތުރަށް ރަނގަޅު ކުރުމަށް 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް އެރަށް ފޮނުވުމަށްޓަކައި މިހާރުވަނީ ބޯޓަށް އަރުވައިފައެވެ. މި ދެ ސަރަހައްދަށް ފޮނުވާ އިންޖީނުތައް ވަރަށް އަވަހަށް އެހިސާބަށް ފޯރާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.