ހުރިހާ ނުރައްކަލަކުން ދަރިން ރައްކާތެރިކުރެވެން އޮތީ އެންމެ ފުރިހަމަގޮތުގައި ތަޢުލީމާއި ތަރުބިއްޔަތު ދީގެން: ނައިބު ރައީސް

ހުރިހާ ބާވަތެއްގެ ނުރައްކަލަކުން އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކުރެވެން އޮތް އެންމެ ރަނގަޅު މަގަކީ، އެންމެ ފުރިހަމަގޮތުގައި ކުދީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުންކަމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަޖިއަލް ބައިލިންގުއަލް ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގައި ކިޔަވާކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި އިތުރު ސްކޫލުތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ. އަދި ހުޅުމާލޭގައި އިތުރު ފަސް ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރު ވެސް އެކި މަރުހަލާތަކުގައި ކުރިޔަށްދާ ކަމަށެވެ.

އޭގެ ތެރޭގައި ދެޕްރީސްކޫލު ވެސް ހިމެނޭކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ، ވަށައިޖެހޭ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުމަށްޓަކައި، ސަރުކާރުން އަލްޖެރީ ހޯލްޑިންގ ގުރޫޕާއިއެކު މިއަދު ކުރިޔަށް މިއެޅީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ.

މިސްކޫލަކީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަރނޭޝަނަލް ސްކޫލެކެވެ.

އަލްޖެރީ ހޯލްޑިންގ ގުރޫޕުން މި ސްކޫލު ތަރައްޤީ ކުރާނީ ދެފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލު ހުޅުވާއިރު، ފުރަތަމަ ކިޔައިވައިދޭން ފެށުމަށް ހަމަޖައްސާފައި ވަނީ ޕްރީ ސްކޫލާއި އަދި ޕްރައިމަރީ ގްރޭޑްތަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.