އުއްމީދު - 6

(9 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޢަޤީލާ އޭނާގެ ބުރަކަށީގައި ފިރުމަމުން އޭނާގެ ހިތް ހަމަޖައްސައި ދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެތައް އިރަކު ރުއިމަށް ފަހު ގިސްލުމާއި ކަރުނައިގެ ތެރެއިން އޭނާގެ ވާހަކަ ތަފުސީލުކޮށް ކިޔައިދީފިއެވެ. އޭނާ ހީކޮށްގެން ހުރީ ޢަޤީލާ ޖަހާންޒޭބްގެ ވިޔާނުދާކަމުގެ ވާހަކަދައްކައި އެއްޗެހި ގޮވާނޭ ކަމަށެވެ. އެންގޭޖްމަންޓު ރޫޅައިލާށޭ ބުނާނޭ ކަމަށެވެ. އެކަމަކު ކަންތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ. ހުރިހައި ވާހަކައެއް ކިޔައިދީ ނިމުނީމާ އުއްމީދު ގަޔާ ފެޔަށް ޖައްސައިލުމަށް ފަހު ބުންޏެވެ.

"ޖަހާންޒޭބް ފުލުހުންގެ އަތްދަށުވެ ހައްޔަރުވީ އުއްމީދުގެ މޮޔަކަމުން."

އެ އިވޭ އަޑުގެ މައްޗަށް ޔަގީންކަމެއް ނެތް ކަހަލަ ގޮތަކަށް އޭނާ ޢަޤީލާގެ މޫނަށް ބަލައިލިއެވެ. "އަހަރެންގެ މޮޔަކަމުންނޭ؟"

"އާނ. އުއްމީދުގެ މޮޔަކަމުން. ފުލުހުން ކާކުހޭ އެހީމާ ތިމަންގެ ފިރިމީހާއޭ ބުނާށޭ ޖަހާންޒޭބް ބުންޏެއްނު؟ އެހެން ނުހެދީ ކީއްވެގެން؟ އަދި އެވަރުން ފުއްދައިލީކީއެއް ނޫން. ފުލުސް އޮފީހަށް ގޮސް ހުރިހައި ވާހަކައެއް ކިޔައިދިނީ ކީއްވެގެން؟"

"ޢަޤީލާ. އޭނާ އުޅުނީ ކީއްކުރަންކަން އެނގޭތަ؟"

"ކީއްކުރަން އުޅުނީ؟" ޢަޤީލާ ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން އިނދެ އަހައިލިއެވެ. އޭނާ ހައިރާން ވެފައި ބަލަހައްޓައިގެން އިނީއެވެ. "އޭނާ ކުރަން އެ އުޅުނު ކަމަކީ ގުދުރަތީ ކަމެއް. އުއްމީދު ތިޔަ އުޅެނީ އޭނާޔާ އިންނަން. އެކަމަށްވެސް ދެން އޮތީ ދެތިން ހަފުތާ. އެހެންވީމާ އެކަހަލަ ކަމެއް ކުރަން އުޅުމަކީ އާދަޔާ ޚިލާފު ކަމެއް ނޫން."

އުއްމީދު ކަޅިވެސް ޖަހައިނުލައި ބަލަހައްޓައިގެން އިނެވެ. އޭނާގެ މޫނުމަތީން ފައުޅުވަނީ ބިރުވެރިކަމުގެ އަސަރެވެ.

"ދެ މީހުންނަކީވެސް ބޮޑެތި ވެފައި ތިބި ދެ މީހުން. ތިޔަހައި ކަންތައްގަނޑު ބޮޑުކުރާ ވަރުގެ އެއްވެސް ކަމެއް ނުވޭ. މިހާރު ނިކަން ވިސްނައިލަބަލަ. އެ ފަކީރު އެ އޮތީ ތާށިވެފައެއްނު؟" ޢަޤީލާ މަޑުމައިތިރިކަމާއެކު ވާހަކަދައްކަމުން ދިޔައެވެ.

އުއްމީދު ހަމަ އިހެކޭ އެއްފަދައިން ހައިރާންކަމާއެކު ޢަޤީލާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

"ތިޔަހެން އަހަންނާ ދިމާއަށް ނުބަލާ. އަހަރެން މި ދައްކަނީ ނުކުރެވޭ ވަރުގެ ކަމެއްގެ ވާހަކައެއް ނޫން. އޭނާ ދެކެ ލޯބިވާ ވާހަކަ ދައްކަނީވެސް އުއްމީދު. އެ ލޯތްބަށް މިހާރު ނުވަ އަހަރު ވެއްޖެ. އޭނާވެސް އުއްމީދު ދެކެ ނުލާހިކު ބޮޑަށް ލޯބިވޭ. އޭނާ ވިލާތުގައި އުޅެފައި އެނބުރި އައީ އުއްމީދަށްޓަކައި. އެހެންވީމާ އޭނާ އުއްމީދުގެ ކިބައިން ކަމަކަށް އެދުން އެއީ ނުބައި ކަމެއް ނޫން."

އުއްމީދު ކުއްލިއަކާއެކު ކޮޅަށް ތެދުވެއްޖެއެވެ. "އަހަރެންގެ މަގާމުގައި ޢަޤީލާ ހުރިނަމަ... ޖަހާންޒޭބްގެ މަގާމުގައި ޝަފީޤް ހުރިނަމަ އޭނާ ބުނާ ކޮންމެ ކަމެއް ކުރަން ރުހޭނަންތަ؟"

"އާނ. ރުހޭނަންކަން ގައިމު. ލޯބިވާ މީހާ ރުހޭ ގޮތަށް ކަންތައް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް."

"އެއީ ނުބައި ކަމަކަށް ވިޔަސް ހެޔޮތަ؟"

"އާނ. ނުބައި ކަމަކަށް ވިޔަސް ހެޔޮ. އަހަރެން ބުނެފީމެއްނު... ހުރިހައިވެސް ކަމަކީ ލޯބި. ލޯބި ވެއްޖެއްޔާ ކޮންމެވެސް ކަހަލަ ގުރުބާނީއެއްވެސް ވާންވާނެ."

އުއްމީދަކަށް އަދިވެސް އޭނާއަށް އިވޭ އަޑުގެ މައްޗަކަށް ޔަގީންކަމެއް ނުލިބެއެވެ. "ލޯތްބަކީވެސް އަގެއް ދޭން ޖެހޭ އެއްޗެއްތަ؟" އޭނާއަށް މިހާރު ވާހަކަވެސް ދެއްކެނީ ގަސްތަކާ ނުލައި ކަހަލަ ގޮތަކަށެވެ.

"ބަލަގަ އަގެއް ދޭން ޖެހޭ ހަމައެކަނި އެއްޗަކީ ލޯތްބެއް ނޫންތަ؟" ޢަޤީލާ ސީދާ އޭނާގެ ލޮލަށް ކަޅި ހުއްޓައިލިއެވެ.

"ޢަޤީލާއަށް ތިޔަ ކިޔޭނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟"

"އާނ. ވަރަށް ރަނގަޅަށް އެބަ އެނގޭ."

"ތިޔަ ބުނަނީ އޭނާ ބުނާހައި ގޮތަކަށް އަހަރެން ހަދަން ޖެހޭނެއޭތަ؟"

"އާނ. އޭނާ ބުނާހައި ގޮތަކަށް ހަދަން ޖެހޭނެ."

"އަހަންނަކަށް ތިޔަ ހެންނެއް ނުހެދޭނެ."

"ކީއްވެގެން ނުހެދެންވީ؟ އޭނާ އުއްމީދު ދޫކޮށްލާފައި ހިނގައިދާނެތީ ގަންނަން ޖެހޭ ބިރެއެް ނެތެއްނު؟ އޭނާ އެ އުޅެނީ އުއްމީދާ އިންނަން. އުއްމީދާއެކު އޭނާ އުޅޭތާ ނުވަ އަހަރު ވެއްޖެ. ދިމާވާ ކޮންމެ ދަތި ކަމެއް ފަސޭހަކޮށް ދެނީ އޭނާ. އެކަމަކު އުއްމީދު ތިޔަ އައީ އޭނާ ދަތީގައި ޖައްސާފައި. އަންހެންކުދިން އެމީހުން ރައްޓެހި ވެގެން އުޅޭ ފިރިހެންކުދިންނާ އެކީގައި އެތިބަގެން އެކި ތަންތަނަށް ދަނީ. އުއްމީދު ދިޔައީ އިންނަން އުޅޭ މީހާޔާ އެކީގައި. އެންގޭޖުވެގެން އުޅޭ މީހާޔާ އެކީގައި. އެކަމުގައި އޮތް މައްސަލައަކީ ކޮބާ؟"

"ކާވެނީގެ މައްސަލައެއް ނެތް. އޮތް މައްސަލައަކީ ފާފައެއް ކުރުމުގެ މައްސަލަ. އަހަންނަކަށް ފާފައެއް ނުކުރެވޭނެ. އެއީ އަހަރެންގެ ދީނުގައި ހުއްދަ ކަމެއް ނޫން." އުއްމީދު އަނެއްކާވެސް ރޯން ފަށައިފިއެވެ.

"ދީނާއި ދިރިއުޅުން ވަކިކޮށްފައި ވިސްނައިލަބަލަ. ދީނުން އަހަރެމެންނަށް ދަސްކޮށްދޭ އަޚްލާގިއްޔާތަކީ މުޖުތަމައަށް ފެއްތޭނޭ އެއްޗެއް ނޫން. ދިރިއުޅުމުގައި ފާފައާއި ސަވާބަށް ބަލައިގެން އުޅެން ވެއްޖެއްޔާ މުޅި ދިރިއުޅުން ދަތި ވެގެން ހިނގައިދާނެ. އަހަރެން މި ދައްކާ ވާހަކަ ކަރުދާސްގަނޑެއްގައި ލިޔެފައި ބާއްވާ. ތިޔަ ކަހަލަ ވިސްނުމެއްގައި އުޅެގެން ލިބޭނޭ އެއްވެސް އެއްޗެއް ނެތް. ހަމަގައިމުވެސް ލޯތްބެއް ނުލިބޭނެ. އަހަރެމެން މިތިބީ ވިހި ވަނަ ގަރުނުގައި. އަންހެނުންނަށްވެސް ދިރިއުޅުމުގެ ހުރިހައި ކަމެއް އަމިއްލައަށް ނިންމުމުގެ އިޚްތިޔާރު އޮންނާނެ. މިނިވަންކަމުގެ ބޭނުން ކުރެވެން ވާނެ. އުއްމީދަކީވެސް މި ޒަމާނުގެ އަންހެނެއް. ތިޔަ ކަހަލަ ބޭކާރު ރަސްމީ ޚުރާފާތުގެ ތެރެއަށް ނުވަދޭ. އެންމެ ކުޑަމިނުން ލޯބި ތިޔަ ފާފައާއި ސަވާބުގެ ދާއިރާއިން ބޭރަށް ނެރޭ. ލޯބި ހަމައެކަނި ލޯބީގެ ގޮތުގައި ބާއްވާ."

އުއްމީދު ލޮލުން ފައިބާ ކަރުނައިގެ ތެރެއިން ޢަޤީލާގެ މޫނަށް ބަލައިލިއެވެ. ޢަޤީލާ ވާހަކަ ދައްކަމުން އެ ދަނީ ހާދަހައި ފަސޭހަކަމާ އެކީގައެވެ. އެއްވެސް ހަމައަކަށް އުސޫލަކަށް ފަރުވާލެއް ނުބަހައްޓައެވެ.

އެރޭ އެނދުގައި އޮވެގެން އޭނާ ވަރަށް ބޮޑަށް ވިސްނިއެވެ. އަމިއްލައަށް އެކުޅަ ކަމެއް ކުޅައީ ކީއްވެގެންކަން ވިސްނައިގަންނާކަށް އުއްމީދަކަށް ފަސޭހައެއް ނުވިއެވެ. ޖަހާންޒޭބަށް ދެން ވާނީ ކިހިނެއް ބާވައެވެ؟ އޭނާ ފުލުހުންގެ ބަންދުން ވީއްލިއްޖެ ބާވައެވެ؟ ވީއްލުނީމާ އޭނާ ހަދާނީ ކިހިނެއް ބާވައެވެ؟

އުއްމީދުގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. އަނެއް ދުވަހު ޖަހާންޒޭބް ފޯނެއް ނުކުރެއެވެ. އިތުރު ދެ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އޭނާއަށް އިހުސާސް ކުރެވުނީ ދަންޖައްސާ މަޅިގަނޑުގައި އެލިފައި އޮވެވެނީ ކަމުގައެވެ.

* * *

ހަތަރު ވަނަ ދުވަހުގެ ރޭ ދިހައެއް ޖެހިއިރު ޢަޤީލާގެ މޯބައިލް ފޯނަށް ޖަހާންޒޭބް ގުޅައިފިއެވެ.

"އުއްމީދު. ޖަހާންޒޭބްގެ ފޯނެއް." ޢަޤީލާ ސަލާންގަލާމަށް ފަހު ފޯނު އުއްމީދަށް ފޯރުކޮށްލިއެވެ. އުއްމީދު ތުރުތުރުއަޅާ އަތަކުން ފޯނުގައި ހިފައިފިއެވެ.

"ހަލޯ." އޭނާގެ އަޑު ތުރުތުރު އަޅަނީއެވެ.

"މާދަމާރޭ އަށެއް ޖަހާއިރު އަހަރެން އުއްމީދު ބަލައި އަންނާނަން. ރޭގަނޑު ހަތަރުދަން ހޭދަކުރަން ވާނީ އަހަންނާއެކު."

"ޖަހާންޒޭބް. އަހަރެން..."

އޭނާ ހަރުކަށިކަމާއެކު އުއްމީދުގެ ވާހަކަ މެދުކަނޑައިލިއެވެ. "ފުރަތަމަ އަހަރެންގެ ވާހަކަ އަޑުއަހާ. އޭގެ ފަހުން އަހަރެން އުއްމީދުގެ ވާހަކަ އަޑުއަހާނަން. މާދަމާ ރޭ އަށެއް ޖަހަން ވާއިރަށް ދޮރާށި ދޮށަށް ނުކުންނާތި. މާދަމާރޭ އަހަންނާއެކު ނައިއްޔާ އަހަރެން އުއްމީދަކާ ނީންނާނަން. އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގުޅުން ކަނޑައިލާނަން. ހަދާނެ ގޮތެއް އުއްމީދު ނިންމާ."

"ޖަހާންޒޭބަށް އެނގޭތަ ތިޔަ ކުރެވޭ ކަމެއް؟ ތިޔަ އުޅެނީ އަހަރެން ލައްވައި ފާފައެއް ކުރުވަން." އޭނާއަށް ގިސްލެވިއްޖެއެވެ.

"އާނ. ދެނޯ؟" ޖަހާންޒޭބްގެ އަޑުގައި އަދިވެސް ހުރީ ހަރުކަށިކަމެވެ.

"ކިހިނެއްވެގެންތަ ތިޔަ އުޅެނީ؟"

"ވީ ކަމެއް ވީ ރަނގަޅަށް. އަހަރެން ބޭނުން ވަނީ އުއްމީދު އަހަރެން ދެކެ ލޯބިވާ ވަރެއް ބަލައިލަން."

"އަހަރެން ޖަހާންޒޭބް ދެކެ ނުލާހިކު ބޮޑަށް ލޯބިވާކަން ދެނަހުރީމެއްނު؟"

"އެހެން ވެއްޖެއްޔާ އަހަރެން މި ބުނާ ގޮތަށް ހަދާ."

"ތިޔައީ އަހަރެމެންގެ ދީން ހުއްދަ ކުރާ ކަމެއް ނޫން. ހަރާން ކަމެއް."

"ދީނަކަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. މީގެ ފަހުން އަހަރެން ގާތު ދީނުގެ ވާހަކަ ނުދައްކާތި."

"ޖަހާންޒޭބް. ތިޔަ ކަހަލަ ކަމެއް ކޮށްފައި އަހަރެން ﷲ ގެ ޙަޟުރަތަށް ދާނީ ކޮން މޫނަކާއިގެން؟"

"އެންމެ ރަނގަޅު. އަހަރެން މި ބުނާ ގޮތަށް ހަދަން ބޭނުން ނޫނިއްޔާ އަހަރެން ދޫކޮށްލާ. އަހަންނާ ނުލައި އުޅެވޭނެތަ؟"

"ނޫން. ނޫޅެވޭނެ." އޭނާއަށް ކުޑަކޮށް ރޮވޭގޮތް ވެއްޖެއެވެ.

"އެހެންވެއްޖެއްޔާ އަހަރެން މިބުނާ ގޮތަށް ހަދާ."

"އެހެންނެއްވެސް ނުހެދޭނެ."

"އަހަރެން މި އުޅެނީ އުއްމީދާ އިންނަންކަން އެނގެއެއްނު؟ އަހަރެން ކާވެންޏަށް އިންކާރު ކޮށްފާނެތީ ބިރެއް ނުގަނޭތަ؟"

"ބިރެއް ނުގަނޭ. އަހަރެން ބިރު ގަންނަނީ ހަމައެކަނި ﷲ ދެކެ. ޖަހާންޒޭބް ތިޔަ ބުނާ ކަހަލަ ކަންތައް ކުރުމަކީ ﷲ ރުހިވޮޑިގެންވާ ކަމެއް ނޫން. ޖަހާންޒޭބްގެ ކުރިމަތީގައި އިސް އުފުލައިގެން ނުހުރެވޭނޭ ގޮތް ނުހަދާ. އަމިއްލަ ނަފުސު ދެކެ ލަދު ގަންނާނެ ގޮތް ނުހަދާ."

"އަހަރެން ބޭނުމިއްޔާ އުއްމީދު ތިޔަ އުޅޭ ދަނާލުގެ ކޮންމެ އަންހެން ކުއްޖަކުވެސް ލޯބީގެ މަޅީގައި ޖައްސައިގެން އަހަރެން ބޭނުންވާ ތަނަކަށް ގެންގޮސްފާނަން. އުއްމީދުގެ އެކުވެރި ޢަޤީލާވެސް ގެންގޮސްފާނަން. އަހަންނަށް ކަމުދަނީ އެކަހަލަ ކެރޭ ކުދިން. އަމިއްލަ ކަންތައްތައް އަމިއްލައަށް ނިންމަން ކެރޭ ކުދިން. އަހަރެން މި އުޅޭ މުޖުތައުގެ ހަމަތަކަށް ފެތިގަންނާން ދަންނަ ކުދިން. އުއްމީދު ކަހަލަ ސަވާބާއި ފާފައިގެ ތަސްބީހަ ކަރުގައި އެލުވައިގެން އުޅޭ ކުދިން އަހަންނަކަށް ކަމަކު ނުދޭ. އެހެންވީމާ... މިސް އުއްމީދު. މިރޭ ވަކި ގޮތެއް ނިންމާ. ބޭނުންވަނީ ޖަހާންޒޭބް ޢާދިލްގެ ލޯބިތަ؟ ނޫނީ މުޅި އުމުރު ދުވަހު ދީނީ ތަސްބީހަ ކަރުގައި އަޅުވައިގެން އުޅެންތަ؟ ބޭނުންވަނީ އަހަންނާއެކު ދިރިއުޅެންތަ؟ ނޫނީ ތިޔަ ކިޔާ ސުލޫކީ މިންގަނޑުގެ ތެރޭގައި ދިރިއުޅެންތަ؟ ލޯތްބާއި ދީނާ ދޭތިންކުރެ އެކައްޗެއް ޚިޔާރު ކުރޭ. މިހެން ހެދީމާ އަހަރެންގެ ދިރިއުޅުން މުޅީން ފަސޭހަވެގެން ހިނގައިދާނެ." ޖަހާންޒޭބް ފޯނު ބާއްވައިފިއެވެ.

ޢަޤީލާ އެރޭ ހަތަރުދަމު އޭނާއަށް ވިސްނައިދިނީއެވެ. ޖަހާންޒޭބާ ނުލައި ދިރިއުޅުމަކީ ކިހައި އުނދަގޫ ކަމެއްކަން އަންގައިދެވޭތޯ ޢަޤީލާ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނުވަ އަހަރު ދުވަސް ވާންދެން ހުވަފެނުގައި އެކީގައި ދިރިއުޅުނު މީހާ އަތުން ބީވެގެން ދިޔައީމާ ކުރަން ޖެހޭނޭ ހިތިހިތާމަ އިހުސާސްކޮށް ދެވޭތޯ އުޅުނެވެ. އޭނާގެ ހުރިހައި އުއްމީދަކާއި ގޭގެ އެހެން މީސްމީހުންގެ މުޅި ދިރިއުޅުން ގުޅިފައި އޮތީ ޖަހާންޒޭބާއެވެ. އެފަދަ މީހަކު އޭނާގެ އަތުން ދޫކޮށްލައިފިނަމަ ދެން އޭނާގެ އަތުގައި ހިފަން އަންނާނީ ކާކު ހެއްޔެވެ؟ މެދުފަންތީގެ އާއިލާއެއްގެ ކުއްޖަކު އާއިލާގެ އެހެން މީސްމީހުންގެ ބުރަޔާއެކު ގަބޫލު ކުރާނޭ އެހެން މީހަކު ހުންނާނެ ހެއްޔެވެ؟

އުއްމީދުގެ މޫނުމަތީން އެއްވެސް ކަހަލަ އަސަރެއް ފާޅެއް ނުވެއެވެ. ޢަޤީލާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.

"ޖަހާންޒޭބާ ނުލައި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ ނުވަ އަހަރު ދުވަސް ވާންދެން އަހަރެންގެ ހުވަފެނުގެ ރަހަކަށް ވެގެން އުޅުނު މީހާޔާ ވަކި ވެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ނުލާހިކު ބޮޑަށް ލޯބިވީ މީހާޔާ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ؟ އޭނާޔާ ނުލައި އަހަންނަކަށް ދިރިއެއް ނޫޅެވޭނެއެވެ. ޔާ ﷲ. އޭނާ ކުރުވަން އެ އުޅެނީ ފާފައެއްކަން އެނގެއެވެ. އެކަމަކު އެންމެ ފާފައަކުން އަހަރެންގެ މުޅި ދިރިއުޅުން ސަލާމަތުގެ އައްސޭރިއަކަށް ގެންދެވިދާނެއެވެ. ހުރިހައި ގެއްލުމަކުން އަރައިގަނެވިދާނެއެވެ."

އޭނާ ކަރަށް މެހިފައިވާ މަޅިގަނޑު މަޑުމަޑުން ދޫކުރާން ފަށައިފިއެވެ.

އަނެއް ދުވަހު އިރު އޮއްސުމާއެކު ޢަޤީލާ އޭނާ ތައްޔާރު ކުރުވާން ފަށައިފިއެވެ. އޭނާ ވެފައި ވަނީ ކުޅޭކުޅޭ ބުދަކަށެވެ.

ގަޑިން އަށެއް ޖެހުމާއެކު ޢަޤީލާގެ ފޯނުގެ ރަނގަބީލު ޖެހިއްޖެއެވެ. އުއްމީދުގެ ހިތް މަޑުމަޑުން ގެނބެން ފަށައިފިއެވެ.

"އާނ. އޭނާ އެބަ އާދޭ." ޢަޤީލާ މިހެން ބުނެފައި ފޯނު ކަނޑައިލައިފިއެވެ.

"ޖަހާންޒޭބް ދޮރާށި ދޮށުގައި އިންތިޒާރުގައި އެބަހުރި. އަވަހަށް ދޭ."

އޭނާ ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ބޭރު ފެންޑާއަށް އޮތީ އަނދިރިކަން ވެރިވެފައެވެ. އެކި ދިމަދިމައިން އަންނަ ފަނޑު އަލިކަން ގެންދިޔައީ އަނދިރިކަން ފޫދުއްވައިލުމުގެ ނާކާމިޔާބު މަސައްކަތް ކުރަމުންނެވެ. ދުރުން ފެންނާން ހުރި ދޮރާށި މިހާރު ފެންނަނީ ބޮޑު ފުރޭތައެއް ހެންނެވެ. އޭނާ ދެތިން ފިޔަވަޅެއް ކުރިއަށް އަޅައިފައި ހުއްޓިއްޖެއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.