އީޔޫއިން ވަކިވުމުން އިނގިރޭސިވިލާތަށް 38 ބިލިއަން ޑޮލަރުގެ ގެއްލުމެއް

ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވި ފަހުން އިނގިރޭސިވިލާތުގެ އިގުތިސާދަށް އައި ބަދަލުތަކުގެ ސަބަބުން އެގައުމަށް މިހާތަނަށް 31 ބިލިއަން ޕައުންޑު (38 ބިލިއަން އެމެރިކާ ޑޮލަރު) ގެ އާމްދަނީ ގެއްލިފައިވާ ކަމަށް އިގުތިސާދީ މާހިރުންގެ ދިރާސާއަކުން ދައްކައިފިއެވެ.

ސެންޓަ ފޯ ޔޫރަޕިއަން ރިފޯމް (ސީއީއެފް) އިން ބުނިގޮތުގައި ފާއިތުވި އަހަރު ނިމުނުއިރު އިނގިރޭސި އިގުތިސާދު އޮތީ އީޔޫއިން ވަކިނުވިނަމަ އޮންނަން ޖެހޭ ވަރަށް ވުރެ %5.2 ކުޑަވެފައެވެ. އެއީ 31 ބިލިއަން ޕައުންޑުގެ ގެއްލުމެކެވެ.

"އެ ގެއްލުމަކީ ހަމައެކަނި 'ބްރެކްސިޓް' ގެ ސަބަބުން ވީ ގެއްލުމެކޭ އަހަރުމެންނަށް ނުބުނެވޭނެ. އެހެންނަމަވެސް، އޭގެ މައިގަނޑު ސަބަބަކީ ބްރެކްސިޓް" ސީއީއެފްގެ ދިރާސާ އެކުލަވާލެއްވި ޖޯން ސްޕްރިންގްފޯޑް ވިދާޅުވިއެވެ.

ސީއީއެފްއިން ކުރި މިދިރާސާގައި 2009 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެ މުއްސަނދި 22 ގައުމުގެ އިގުތިސާދާ އިނގިރޭސި ވިލާތުގެ އިގުތިސާދާ އަޅާކިޔާފައި ވެއެވެ.

"1960 ވަނަ އަހަރަށް ފަހު ބޮޑު ނުކުރާ މިންވަރަށް ޓެކްސް ބޮޑުކުރުމަށް ރިޝީ ސުނާކް (އިނގިރޭސިވިލާތުގެ ޗާންސެލާ އޮފް ދި އެކްޗެކާ ނުވަތަ މާލީ ވަޒީރު) އަށް ޖެހިވަޑައިގަތް މައިގަނޑު ސަބަބަކީ 'ބްރެކްސިޓް'. ގައުމީ އިންޝުއަރެންސުން ލިބޭ އާމްދަނީ އިތުރުވުމުން ސިއްހީ ޚިދުމަތަށާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ޚިދުމަތަށް ފައިސާ ލިބޭނެކަމަށް ޗާންސެލާ ވިދާޅުވިނަމަވެސް، އިނގިރޭސިވިލާތް އީޔޫގައި އޮންނަނަމަ ޓެކްސް ބޮޑުކުރަން ނުޖެހުނީސް." ސްޕްރިންގްފޯޑް ވިދާޅުވިއެވެ.

މި ދިރާސާއިން އިތުރަށް ދެއްކި ގޮތުގައި އިގުތާސާދީ ގޮތުން އިނގިރޭސިވާލާތާ އެއް ހަމައެއްގައިވާ ގައުމުތަކާ އަޅާ ބަލާއިރު، އިނގިރޭސިވިލާތުގައި ވިޔަފާރިއަށް ކުރި އިންވެސްޓްމަންޓް ވަނީ %13.7 ދަށްވެފައެވެ. އަދި މުދަލުގެ ވިޔަފާރީގެ މުއާމަލާތްތައް ވަނީ %13.6 ދަށްވެފައެވެ.

ސީއިއެފްއިން މިހެން ބުނެފައިވާއިރު، އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން ލަފާކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރު އިނގިރޭސި އިގުތިސާދު މުޅިން މަޑުޖެހި، ކުރިއަރާނެ ކަމަށް ލަފާކުރެވެނީ %0 އަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.