އިނގިރޭސީވިލާތް އިޔޫއިން ވަކިވުން އަނެއްކާވެސް ލަސްކުރަން އީޔޫއިން އެއްބަސްވެއްޖެ

އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުން (ބްރެގްޒިޓް) އަންނަ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު 31 އަށް ލަސްކުރަން އީޔޫގެ ގައުމުތަކުން އެއްބަސްވެއްޖެއެވެ.

މިހާރު އޮތް ގޮތުން މި އޮކްޓޯބަރު މަހުގެ 31 ބުރާސްފަތި ދުވަހުގެ ރޭ ޖީއެމްޓީ ގަޑިން 11 ޖަހާއިރު (ރައްޖޭ ގަޑިން ހުކުރު ދުވަހު ފަތިހު 4 ޖަހާއިރު) އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ޖެހެއެވެ. އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން އެ ދުވަހު އިނގިރޭސިވިލާތް އީޔޫން ވަކިވާނެ ކަމަށް ބުނެ އެކަމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނިކޮށް، ބްރެގްޒިޓް ލަސްކުރަން އީޔޫގައި އެދިވަޑައިގަތުން އޭނާއަށް ލާޒިމުކުރާ އިސްލާހެއް ޖޮންސަންއާ އިދިކޮޅު ފަރާތްތަކަށް މިހާރު އަޣުލަބިއްޔަތު އޮތް ހައުސް އޮފް ކޮމަންސް އިން ފާސްކޮށްފައެވެ.

އެންމެ ފަހުން ގާނޫނީ ގޮތުން މަޖުބޫރުވެ ވަޑައިގަތުމުން އޭނާ ވަނީ ބްރެގްޒިޓް 3 މަސް ދުވަހަށް ލަސްކުރަން އިނގިރޭސިވިލާތުން ބޭނުންވާކަން އީޔޫއަށް އަންގަވަން ސިޓީފުޅެއް ފޮނުއްވާފައެވެ. އޭނާ އެ ސިޓީފުޅުގައި ސޮއިކުރައްވާފައި ނުވެއެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުން ދެން އެ އިއްތިހާދުގެ މެންބަރުންގެ ގޮތުގައި ތިބޭނޭ 27 ގައުމުން މިއަދު ވަނީ 31 ޖަނަވަރީއާ ހަމައަށް އިނގިރޭސިވިލާތް އީޔޫއިން ވަކިވުން ލަސްކުރަން އެއްބަސްވެފައެވެ. އަދި ބޮޑުވަޒީރު ޖުންސަން މިހާރު އިނގިރޭސި ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްއަށް ހުށަހަޅުއްވާފައި އޮތް، އިނގިރޭސިވިލާތް އީޔޫއިން ވަކިވުމާ ބެހޭ އެއްބަސްވުން އެ މަޖިލީހުން ފާސްކޮށްފިނަމަ އެއަށްވުރެ އަވަހަށް ވަކިވެވިދާނެ ކަމަށްވެސް މިއަދު އީޔޫގެ ގައުމުތަކުން އެއްބަސްވެފައި ވެއެވެ.

އީޔޫގެ މި ނިންމުން އައިސްފައި މިވަނީ އަންނަ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު އާއްމު އިންތިޚާބު ބޭއްވުމަށް ފާސްކުރުމަށް ބޮޑުވަޒީރު ޖޮންސަން ހުށަހަޅުއްވާފައިވާ މައްސަލައަށް ހައުސް އޮފް ކޮމަންސްގައި ވޯޓުލާން ތައްޔާރުވެފައި ވަނިކޮށެވެ. އަނެއްކޮޅުން ލިބަރަލް ޑިމޮކްރެޓް ޕާޓީއާއި ސްކޮޓިޝް ނޭޝަނަލް ޕާޓީ (އެސްއެންޕީ) ގުޅިގެން ވަނީ ޑިސެންބަރު 9 ވަނަ ދުވަހު އިންތިޚާބު ބާއްވަން ފާސްކުރަން ހުށަހަޅާފައެވެ.

އިނގިރޭސިވިލާތް އީޔޫން ވަކިވުމުގެ، ނުވަތަ ބްރެގްޒިޓްގެ، މައްސަލައިގައި އިނގިރޭސި ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.