ވަރލްޑް އޯޝަންސް ޑޭ ފާހަގަ ކުރުމަށް ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
އެގޮތުން ރާއްޖޭގެ ބައެއް ޑައިވް ކްލަބްތަކާއި ގުޅިގެން އެކުންފުނިން ވަނީ 'ޑިސްކަވަރ ޑައިވް' ގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.
މި ޑައިވްގައި މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާރސަންސް ވިތް ޑިސޭބިލިޓީސް އަދި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 18 ކުދިން ވަނީ ބައިވެރިވެފައެވެ.
މި ޑިސްކަވަރ ޑައިވްގެ ހަރަކާތްތައް ހިންގުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ތިން ޑައިވް ސެންޓަރެއް ކަމަށްވާ ޑައިވަރސް ލޮޑްޖް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް އަދި މޫދު ބުޅާ ޑައިވް ސެންޓަރ ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަގްސަދަކީ ޑައިވް ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕިއުޓިކް ކަމަކަށް ވުމާއެކު އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.
މިދުވާހާއި ގުޅުވައިގެން ބީއެމްއެލް އިން ވަނީ ޓިކްޓޮކް ޗެލެންޖެއް ވެސް ހުޅުވާލާފައެވެ. 'މޫދު މޯމެންޓްސް' ގެ ނަމުގައި ކުރިޔަށްދާ މި ޗެލެންޖުގައި މޫދު ސިފަވާ ގޮތް ނުވަތަ މޫދަކީ ކޮބައިކަން ހާމަކޮށް، ވީޑިއޯއެއް އުފައްދައި ޓިކްޓޮކްގައި ހިއްސާކުރުމަށް ބީއެމްއެލް އިން އެދެއެވެ.
ބީއެމްއެލް އިން ބުނީ ޓިކްޓޮކްގައި ޕޯސްޓްކުރާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ގިނަ އިނާމުތަކެއް ލިބޭނެ ކަމަށާއި މި ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު މި ޖޫން މަހުގެ 13 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ.