
ރާއްޖެއިން މިއަހަރު ހައްޖަށްދާ ފުރަތަމަ ގްރޫޕު ފުރާނީ ޖޫން 26 ގައި ފުރާގޮތަށް ނިންމައިފިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ މި ޖޫން މަހުގެ 26 ވާ އާދީއްތަ ދުވަހު ފުރާ ފުރަތަމަ ގުރޫޕްގައި 157 މީހުން ހައްޖަށް ފުރާނެ ކަމަށެވެ. އެއަށްފަހު އެކި ދުވަސްތަކުގެ މަތިން މީހުން ޙައްޖަށް ދިއުމަށް ފުރުވަމުން ގެންދާނެކަމަށް ވެސް ބުންޏެވެ.
އާއްމުކޮށް ހުޅުވާލައިގެން ހައްޖަށް ދިއުމަށް ހުޅުވާލީ 100 ޖާގަ އަށެވެ. އަދި މި 100 ކޯޓާގައި ހައްޖަށް ގެންދަނީ 76960 ރުފިޔާ އަށެވެ. އެ ފަރާތްތައް ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ.
ސައުދި އަރަބިއްޔާ އިން ކަނޑައަޅާފައިވާ ކޮވިޑް 19ގެ އުސޫލުގައިވާ ގޮތުން މިއަހަރު ހައްޖަށް ދެވޭނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ޙައްޛު ދުވަހަކީ އަންނަމަހުގެ 8 ވަނަ ދުވަހެވެ.
މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބިފައިވަނީ 453 ޖާގައެވެ. އެ ހުރިހައި ޖާގައެއް ޙައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު، އޭގެ ތެރެއިން 352 ޖާގަ ޚާއްސަކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ކިއުގައި މިވަގުތު ތިބި މީހުންނަށެވެ.
ބާކީ 100 ޖާގަ ހުޅުވާލީ ޢާންމުންނަށެވެ. އެ ޖާގަތަކަށް މިހާރު ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވެފައިވާއިރު ގުރުއަތު ނެގުން އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން ހޯމަ ދުވަހުގެ މެންދުރު 14:30 އިން 17:30 އަށް ކުރިއަށްގެންދާ ގުރުއަތުނެގުން ޕީއެސްއެމް ނިއުސްއިން ލައިވްކޮށް ދައްކާނެއެވެ.