މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ތިލަމާލެ ބްރިޖް މަޝްރޫއު ރަސްމީކޮށް ފަށާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މި މަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.
އިންޑިއާގެ "ވިއޮން" ނޫހާއި ހަވާލާދީ ރާއްޖޭގެ ނޫސްތަކުގައި ބުނެފައިވަނީ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން ހިންގާ މި މަޝްރޫޢުގެ ފެށުން ރަސްމީކޮށް ބާއްވާނީ ރައީސް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ކަމަށެވެ.
ރައީސް ސާލިހުގެ މި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ބްރިޖުގެ މަޝްރޫއު ރަސްމީކޮށް ފަށަން ބާއްވާ ޚާއްސަ ރަސްމިއްޔާތު ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގައި ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް ސާލިހު އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެއެވެ. މި ދަތުރުފުޅު ނިންމަވާލައްވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ތިލަމާލެ ބްރިޖުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރީ ސެޕްޓެމްބަރު 2019 ގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ އަހަރު އެއްބަސްވުމުގައި ސޮއި ކުރިއިރު އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ އަމާޒު ހިފާފައެވެ.
ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު އެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.
6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި ބްރިޖް ނުވަތަ ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރު އަށް މެރިން ވިއާޑަކްޓް، އަދި ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރު ގެ މަގުހިމެނެއެވެ.