
ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހިގޭގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނަރ ނެގީ ޤާނޫނާއި ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުން މިގޮތަށް ކަނޑައެޅީ އެ ގެކޮޅުގައި ހަރުކޮށްފައިހުރި 40 ފޫޓުގެ ބެނަރ ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު ކުރުމުންނެވެ.
ރައީސް ޔާމީނުގެ ފަރާތުން އެމަސައްލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ، ފުލުހުންނަށް ކްރިމިނަލް ކޯޓުން ދޫކުރި އަމުރު ގާނޫނާ ޚިލާފު ކަމަށް ބުނެއެވެ.
ހައިކޯޓުން މިއަދު ނިންމާފައިވަނީ ކުށެއްގެ ތުހުމަތުގައި ހެއްކެއް ހޯދަން ބަލައި ފާސްކުރުމުގެ އަމުރެއް ހޯދި ނަމަވެސް އަމުރު ނެރެން އެކަށީގެންވާ ސަބަބެއް އަމުރުގައި ބަޔާންކޮށްފައި ނުވާކަމުގައެވެ.
އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައި ނަގާފައިހުރި ބެނަރއެއް ނެގުމުގެ އަމުރަކަށް ފުލުހުން އެދުނީ އާންމު މަސްލަހަތައް ހުރަސް އެޅޭ ފަދަ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރުމަށްފަހުގައެވެ.
އެ ބެނަރ ނެގީ ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެއްސަށް ވަނުމަށްފަހު މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނަރ ނެގުމަށް ފުލުހުން ހޯދި ކޯޓު އަމުރު ދޫކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސެއިން ޝަހީދުގެ އިއްތިފާގުންނެވެ.