މަޅުމަތި: ބުރިޖެއް ނޭޅޭނެ

އެއީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރެވެ. އެ ދުވަސްވަރު އެމްޑީޕީ ހަރުގޭގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އިހުތިޖާޖުގެ ބައްދަލުވުމެއް އޮވެއެވެ. އެ ދުވަސްވަރު އެއްވުން ހަނިކޮށްފައި އޮތުމުގެ ސަބަބުން އެއްވުން އޮންނަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. ހަރުގޭގެ މަތީބުރީގައި ޕޯޑިއަމެއް ބަހައްޓާފައި ހުރެއެވެ. އެ ޕޯޑިއަމްގައި ހުރެގެން މީހަކު ވާހަކަދައްކަނީއެވެ. އެއްވުމަށް އައިސް ތިބޭ މީހުން ނުވަތަ އެހުންތެރިން ތިބެނީ މަގުގެ އަނެއް ފަޅީގެ ދުވާރުމަތީގައެވެ. އެމީހުންނަށް ވާހަކަދައްކާ މީހާ ފެންނަނީ ބޮޑު ޓީވީއަކުން ފެންނަ ގޮތަށް ތަންކޮޅެއް މަތިންނެވެ.

އެއް ރެއަކު އަޅުގަނޑު ބޮޑުތަކުރުފާނު މަގުން ދަނިކޮށް މި ބައްދަލުވުން ފެނިގެން އަޑު އަހައިލާން މަޑުކޮށްފީމެވެ. ދުވާރުމަތީގައި އަޅުގަނޑު ދަންނަ ގާތް ބަޔަކު ތިބީމާވެސް އެކު އެމީހުން ގާތުގައި ހުރެގެން އަޑު އަހައިލާނީއޭ ހިތައެވެ.

ޕޯޑިއަމްގައު ހުންނެވި ބޭފުޅާ ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ. "ކޮން ބުރިޖެއް؟ އެއީ ވާނެ ކަމެއް ނޫން. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ދައްކާ ވާހަކަ. ހުސް ދޮގު. ނުވާނެ އެކަމެއް."

އަޅުގަނޑުގެ ގާތުގައި ތިބި މީހުން އަތްތިލަބަޑި ތަޅައިގެންފިއެވެ. އަޅުގަނޑު އެކަކުގެ ގައިގައި ކޮއްޓައިލާފައި ބުނެފީމެވެ. "އޭނާ އެހެރީ ކަލޭމެންނަށްވުރެ މަތީގައެވެ. އޭނާގެ ކުރިމަތީގައި ބުރިޖުގެ މަސައްކަތް ކުރިއަށް ދާތަން އޭނާއަށް ރީތިކޮށް ފެންނާނެއެވެ. ކަލޭމެން ތިޔަ ތިބީ ބުރިޖަށް ފުރަގަސް ދީގެންނެވެ. އެހެންވީމާ ނުފެންނަނީއެވެ. ތެދުދޮގު އޮޅުންފިލުވަން ބޭނުމިއްޔާ އޭނާއަށް ފުރަގަސްދީ ބުރިޖާ ދިމާއަށް އެނބުރޭށެވެ. އޭރުން މަސައްކަތް ކުރާތަން ފެންނާނެއެވެ."

އަޅުގަނޑަށް ލިބުނު ޖަވާބަކީ ކޮބައި ކަމަށްތޯއެވެ. "މިތަނުން ދުރަށް ދާށެވެ!"

* * *

އެއް ރެއަކު އަޅުގަނޑު އެކުވެރިއަކާއެކު ސައިކަލު ބުރެއް ޖަހައިލާން ނުކުމެއްޖައީމެވެ. ދިޔައީ ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށެވެ. ދުއްވާފައި ދަމުން އެކުވެރިޔާ ބުނެފިއެވެ. "ބުރިޖޭ ކިޔައިގެން މި ސަރުކާރުން މި ހަދަނީ ދޮގެވެ. އެއީ މިބައި މީހުންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ދައްކަނީ ހައްތަހާވެސް ދަޅައެވެ. ރައްޔިތުންގެ ބޮލަށް ޗިޕު ޖަހަނީއެވެ. ރައްޔިތުންވެސް މި ތިބެނީ އެ މަޅީގައި ރަނގަޅަށް ޖެހިފައެވެ." އޭނާ ދެއްކީ މާލެޔާއި ތިލަފަޅާ ދެމެދު މި ސަރުކާރުން އަޅަން ބުނާ ބުރިޖުގެ ވާހަކައެވެ.

އަޅުގަނޑު ބުނެފީމެވެ. "އެކުވެރިޔާއެވެ. ކުޑަތަންކޮޅެއް އިސް އުފުލައިލާށެވެ. މި މަގުގެ ކޮޅުން ތަންކޮޅެއް ދުރުން އެހެރަ ފެންނަ ބޮކިތަކަށް ބަލައިލާށެވެ. އެއީ އެއްގަމުގައި އޮތް އެއްޗެއްގެ ބޮތްކެއް ނޫނެވެ. އެ ދިމައިން ކަނޑުގައި އޮތް އެއްޗެއްގެ ބޮތްކެވެ. އެއީ ރާއްޖެއިން ބޭރުން ގެނެސްގެން އުޅޭ އެއްޗެކެވެ. އޭގައި ބަޔަކުވެސް އެބަތިއްބެވެ."

އޭރު މާފަންނު ކޮޅަށް ދެވިއްޖެއެވެ. އަޅުގަނޑު ވާހަކަ ކުރިއަށް ގެންދިޔައީމެވެ. "ނޫކުލައިގައި މިހިރަ ފުޅައް އެބަ ފެނޭ ހެއްޔެވެ؟ މިއީ ބުރިޖު އަޅާ މީހުންނަށް ދީފައި އޮތް ބިމެވެ. އިން ވަކިކޮށްގެން އެތާނގައި އެތައް ބަޔަކު އެބަ އުޅެއެވެ. އެތައް އެއްގަމު އުޅަނދެއް ގެނެސްގެން އެބަ ބޭނުން ކުރެއެވެ. އިވޭ ގޮތުގައި ބުރިޖު އަޅަނީ ލޯނެއް ނަގައިގެންނެވެ. މަސައްކަތްކުރާ މީހުންވެސް ލޯނެއް ނެގިއެވެ. އެ ލޯނުވެސް ދައްކާނެއެއް ނޫން ހެއްޔެވެ؟ އެހެންވީމާ ދަޅައެއް ދައްކަން ބަޔަކު މިކަހަލަ ކަމެއް ކުރާނޭ ކަމަށް ހަމަ ގަބޫލުކުރަން ވީ ހެއްޔެވެ؟ ސަރުކާރަށް ތާއީދު ނުކުރާ މީހަކު ނުކުރަން ވީއެވެ. އެކަމަކު ދިމާއަށް ފެންނާން ހުންނަ ހަގީގަތާ ކަނޑައެޅިގެން ދެކޮޅު ހަދާކަށް ނުވާނެއެއް ނޫން ހެއްޔެވެ؟"

* * *

މިއީ އަޅުގަނޑުމެންގެ ޒަމާނީ ހާލަތެވެ. ޕާޓީ ލޯބި ހުރި މިންވަރެވެ. އެއް ބަޔަކު ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް އަނެއް ބަޔަކު އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. މި ދެންނެވި ބުރިޖުގެ ވާހަކައަކީ އޭގެ ވަރަށް ރީތި މިސާލެކެވެ. އެމްޑީޕީ ބޭފުޅަކު ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވިއެވެ. "މާލެޔާއި ހުޅުމާލެޔާ ދެމެދު އޮތް ބުރިޖަކީ ޔާމީން އެޅުއްވި ބްރިޖެއް ނޫނެވެ. އެއީ 2009 ވަނަ އަހަރު އެމްޑީޕީން ކުރި މަސައްކަތެކެވެ." އޭގެ ދުވަސްކޮޅެއް ފަހުން ޕީޕީއެމް ބޭފުޅަކު ވިދާޅުވިއެވެ. "ގުޅިފަޅު ބުރިޖަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކަމެއް ނޫނެވެ. އެއީ ޕީޕީއެމުން ރާވާފައި އޮތް މަސައްކަތެކެވެ."

ފަރުމާކުރުމާއި ރޭވުމުގައި ފައިބާ ސަރުކާރުގެ މަސައްކަތެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު މަސައްކަތް ކޮށް ނިންމާ ބަޔަކީ އެ މަސައްކަތެއް ކުރި ބައެއް ކަމަކަށް ގަބޫލު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟

މީގެ ކުރިން އަޅުގަނޑު ލިޔުނު ހާދިސާއެއްގެ ވާހަކަ ތަކުރާރު ކޮށްލާނަމެވެ.

ދިވެހިރާއްޖޭގެ އަޑަށް ކޮންމެވެސް އަހަރެއް ފުރިގެން ހެންވޭރު ބޯޅަދަނޑުގައި ބޭއްވި ފެންސީ ޑްރެސް ފުޓުބޯޅަ މެޗެކެވެ. މެޗުގައި ދުވަސްވީ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. މެޗުގެ ކޮމެންޓަރީ ވަގުތުން ދިވެހިރާއްޖޭގެ އަޑުން ފޮނުވިއެވެ. ވާހަކަދައްކަވަމުން ގެންދެވީ މަޝްހޫރު ފީބޯ އަޙްމަދު މަނިކެވެ. އޭނާ ބުނުއްވިއެވެ. "މި ޓީމުގައި ވަރަށް މޮޅު ބޭފުޅުން ކުޅުއްވައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ރަތް ނިޒާރެވެ. ނިޒާރަކީ މަގާމު ފާހަގަ ކުރައްވައިގެން ކުޅުއްވާ ކުޅަދާނަ ފޯވާޑެކެވެ. މަގާމު ފާހަގަ ކުރައްވާ ވަރަކީ އޭނާ ހުންނެވި ތަނުން ގުޑިވެސްނުލައްވާނެއެވެ."

އަޅުގަނޑުމެން މި ތިބެނީ މިވަރަށް މަގާމު ފާހަގަ ކޮށްގެނެނެވެ. ތާއީދުކުރާ މީހަކު ނަމަ މީހަކު މަރައިލިޔަސް އެއީ ވާޖިބު މަރެކެވެ. ތާއީދު ނުކުރާ މީހަކު ނަމާދު ކުރިޔަސް ހަރާމެވެ.

މިހާރު އަޅުގަނޑުމެންގެ ވިސްނުން ބަދަލު ވަމުންދާ ވާހަކަ ކިޔާތީ އިވެއެވެ. ލީޑަރު ތަސްބީހަ ކިޔުމާއި ލީޑަރުންނަށް ސަޖިދަ ޖެހުން މަދުވަމުންދާ ކަމަށް ބުނާތީ އިވެއެވެ. އެކަމަކު އަދިވެސް އަޅުގަނޑަކަށް މާ ބޮޑު ތަފާތެއް ނުފެނެއެވެ. ފެންނާނެ ނަމައޭ ވަރަށް ބޮޑަށް ހިތައް އަރައެވެ. ތަފާތު އައިސްގެން ނޫނީ އުޖާލާ ކުރިމަގެއް ނުފެންނާނޭ ކަމަށް ގަބޫލުކުރެވޭ ވަރުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.