ޓީވީ ޗެނަލަކަށް ޕްރޮގްރާމް އުފައްދައި ހުށަހަޅާ މީހަކު ބޭނުން ވެގެން އިއުލާނުކޮށްފިއެވެ.
އަހަރެންވެސް ސިޓީ ލައިފީމެވެ.
ބަސްދީގަތުމަށް ދާން އޮތް ގަޑިއަށް ތައްޔާރު ވެގެން ހިނގައްޖައީމެވެ.
އެތާގައި އަހަރެން ފިޔަވައިވެސް ވިއްސަކަށް މީހުން ތިއްބެވެ.
ދެ ޖިންސުގެ ޒުވާނުންނާއި މެދު އުމުރުގެ މީހުންނެވެ.
ތުބުނޅިމަތިމަހުގެ ކުލަވެސް ފެންނާން ނެތް ޅަކުދިންވެސް ތިއްބެވެ.
ފަހަރަކު މީހަކު ވަކި ކޮޓަރިއަކަށް ވަދެފައި ނުކުންނަތަން ފެނެއެވެ.
ނުކުމެގެންދާ ކޮންމެ މީހަކުވެސް ދަނީ މާޔޫސީގެ މޫނަކާ އެކުގައެވެ.
އެންމެ ފަހުން އަހަރެންގެ ފުރުސަތު ޖެހިއްޖެއެވެ.
އަހަރެން ގޮސް އެ ކޮޓަރިއަށް ވަދެއެްޖައީމެވެ.
މޭޒެއްގެ ދޮށުގައި ހަތަރު މީހަކު ތިއްބެވެ.
ކުރިމަތީގައި ހުރި ގޮނޑީގައި އަހަރެން އިށީނދެއްޖައީމެވެ.
ބަސްދީގަތުން ފެށިއްޖެއެވެ.
"ސިޔާސީ ތާރީޚަށް ޝައުގުވެރިވޭ ހެއްޔެވެ؟"
އަހަރެން އާނއެކޭ ބުނެފީމެވެ.
"މާޒީގައި އެކި ދުވަސްވަރު އެކި މީސްމީހުން ކޮށްފައި ހުރި ވިޔާނުދާ ކަންތައްތައް އެނގޭ ހެއްޔެވެ؟"
އަހަރެން އާނއެކޭ ބުނެފީމެވެ.
"އެވާހަކަތައް ކޮނެ، ނެރެގެން މީސްމީހުންގެ ބޮލަށް އެކި ކަހަލަ ނޭދެވޭ ފިކުރު ވެއްދުމުގެ ހުނަރު އެބަހުރި ހެއްޔެވެ؟"
އަހަރެން އޭނއެކޭ ބުނެފީމެވެ.
"ކުރިއަށް ވާން އޮތް ކަންތައްތައް ކިޔައިދޭން އެނގޭނޭ ހެއްޔެވެ؟"
އަހަރެން އާނއެކޭ ބުނެފީމެވެ.
"ކަލެއަށް ވަޒީފާ ލިބުނީއެވެ. މާދަމައިން ފެށިގެން މަސައްކަތު ނުކުންނާށެވެ."
އަހަރެން ހައިރާން ވެފައި އަހައިލީމެވެ.
"މިއަދު ވަމުންދާ ކަންތައްތަކުގެ ވާހަކަ ދައްކަން އެނގޭތޯ ސުވާލު ނުކުރެއްވީ ކީއްވެގެންތޯއެވެ؟"
އެތަނުން އެކަކު ރުޅި އައިސްފައި ބުންޏެވެ.
"ޚަބަރުދާރެވެ. މިއަދުގެ ހާލަތާ ބެހޭ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ."