
ސޯޝަލް މީޑިއާއަކީ ވަރަށް ބޮޑު ވަބާއެކެވެ.
އަހަރެމެންގެ އިޖްތިމާއީ ފޭރާން ވީދި ހަފުސް ވެއްޖެއެވެ.
އަދަބު އަޚުލާގު ނެތިގެން ގޮސް ބަރަހަނާ ވެއްޖެއެވެ.
އަދި މިހާރު މި އާއްމު ވެގެން އުޅޭ ކްލަބް ހައުސް އަކީ މާ ވިޔާނުދާ އެއްޗެކެވެ.
އޭގައި ތިބެގެން މީސްމީހުންގެ އަބުރާ ބެހުމާއި ދޮގު ހެދުން ވަނީ އާއްމު ވެފައެވެ.
މި ކަންތައް ހުއްޓުވަން އެބަ ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދައިގެން ނަމަވެސް މި ވިޔާނުދާ އަމަލުތައް ހުއްޓުވަން ޖެހެއެވެ.
އަހަރެން ރުޅި އައިސްގެން އަމުނަމުން ގެންދިޔައީއެވެ.
* * *
އެންމެ ފަހުން ކެތްނުކުރެވިގެން މާޖިދު ވާހަކަ ފަށްޓައިފިއެވެ.
މިހާރު ހުރީ ފޭސްބުކް، ޓުވިޓަރ، ކްލަބްހައުސްފަދަ ތަންތަނެވެ.
އިހަށް ހުރީ ހޮޅުއަށްޓާއި ހޮޓާހޮޓަލުގެ މޭޒޮދޮށެވެ.
ގަސްދޮށާއި އޮޑިހަރުގެއެވެ.
ޕާކާއި ގޮނޑުދޮށެވެ.
މި ތަންތާނގައި ތިބެގެން ކުރީ އެއް ކަމެކެވެ.
އެއީ އަހަރެމެންގެ އާދައެވެ.
ސޯޝަލް މީޑިއާ އައުމުގެ ސަބަބުން އިތުރު އާދައެއް ނުއުފެދެއެވެ.
ޒަމާންވީ އާދަ ގިނަ މީހުންނަށް ފެނި އަޑު އިވެން ފެއްޓީއެވެ.