
އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއަރ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދީ މިއަދު ހެނދުނު ކުޅުނު ފައިނަލުގައި އިންޑިއާގެ އާޗިޝާ ގޯޝް ބަލި ކުރުމަށްފަހުއެވެ.
އުމުރުން 14 އަހަރުގެ އާޗިއާ ގެ މައްޗަށް ކުރިހޯދައި، އުމުރުން 12 އަހަރުގެ ނަބާ، ފައިނަލު މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ސެޓުތައް ނަބާ ގެންދިޔައީ 6-4 އަދި 6-2 އިންނެވެ.
ނަބާ އަކީ އޭޑީކޭ ހޮސްޕިޓަލުގެ ސަރޖިކަލް ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ޗީފް ސަރޖިކަލް އޮފިސަރު ޑރ. އަހުމަދު ނިޝާނާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު ޑރ. ނަޒްމާ ހަމީދުގެ ދަރިއެކެވެ.
ރާއްޖޭގައި ބޭއްވި މުބާރާތްތަކެއްގައި ވެސް ރަން ވަނަތަކެއް ހާސިލުކޮށްފައިވާ ނަބާ ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދާފައެވެ.
ކެރިއަރުގައި އިތުރު ކާމިޔާބީތަކަކާއި ކުރިއެރުންތައް ހޯދުމަށް ތަމްރީނުތައް ހެދުމަށް ނަބާގެ މަންމަ ޑރ. ނަޒްމާއާއެކު މިހާރު ދިރިއުޅެމުން އަންނަނީ ބެންގަލޫރުގައެވެ.