
އެމްޑީޕީގެ ކޮންމެ އިންތިޚާބަކީވެސް މުހިންމު އިންތިޚާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު، ދަރުމަވަންތަ ސްކޫލުގެ ބޭރުގައި ހުންނަވާ ބައެއް ދައްކަވަމުންނެވެ.
ރައީސް ސާލިހު ވިދާޅުވީ އިންތިޚާބެއްގައި ފެންނާނޭ ހުރިހާކަމެއް މިއިންތިޚާބުގައި ވެސް ފެނިގެން ހިގައްޖެ ކަމަށާއި އެހެންނަމަވެސް، މިއިންތިޚާބަށްފަހުވެސް ޕާޓީ ބައިބައި ވެގެން ނުދާނެ ކަމަށެވެ.
މި އިންތިޚާބުގެ ވޯޓު ލުމުގެ އިންތިޒާމްތައް ހަޖައްސަވާފައިވާ ގޮތްތަކާ ދޭތެރޭ ވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މިއަދު ހެނދުނު ފެށި މި އިންތިޚާބުގައި ޗެއަރޕަރސަންގެ މަގާމަށާއި އަންހެނުންގެ ރޫހުގެ ރައީސްކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް ހޮވާނެއެވެ.
އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
މި އިންތިޚާބުގައި ރައީސް ނަޝީދާއި ރައީސް ސާލިހާއި ޗެއަރޕަރސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް މިހާރުވަނީ ވޯޓު ލައްވާފައެވެ.
މިއަދު ހަވީރު 4 ޖަހަންދެން ކުރިއަށްދާ މި އިންތިޚާބަކީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެފޯރިގަދަކޮށް މިހައިތަނަށް ކެމްޕެއިން ކުރިއަށްދިޔަ އިންތިޚާބެވެ.