
އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ފަށައިފިއެވެ.
ފޯރިގަދަ ކެމްޕޭނަކަށްފަހު މިއަދު ހެނދުނު 9:00 ގައި ފެށި މި އިންތިޚާބު މިއަދު ހަވީރު 04:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.
އެޕާޓީގެ ޗެއަރޕަރސަން އިންތިޚާބު ކުރުމާއި އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ލީޑަރުން ކަނޑައެޅުމަށް ބާއްވާ އިންތިޚާބުގައި 272 ވޯޓް ފޮށި ބަހައްޓާފައިވާއިރު، ވޯޓު ދިނުމުގެ ހައްޤު އެމްޑީޕީގެ ދަފްތަރުގައިވާ 94،000 އަށް ވުރެ ގިނަ މެންބަރުންނަށް ވަނީ ލިބިފައެވެ.
އެމްޑީޕީގެ ޗެއަރޕަރސަންގެ މަޤާމަށް ވާދަކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި ރައީސް ޞާލިހުގެ ފެކްޝަނުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
މި އިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
މި އިންތިޚާބުގައި ރައީސް ނަޝީދާއި ރައީސް ސާލިހާއި ޗެއަރޕަރސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ. އަދި ގިނަ ޢަދަދެއްގެ މެމްބަރުން ވެސް އަންނަނީ ވޯޓު ލަމުންނެވެ.