ދަންމަރު: އެކީގައި މަސައްކަތް ކުރުން

މުއިމިނުންގެ ކިބައިގައި ހުންނާން ޖެހޭ ޚާއްސަ ސިފައެއް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައި ވެއެވެ. އެއީ ކީރިތި ރަސޫލާގެ އަރިހުގައި ނުވަތަ މުސްލިމުންގެ ކަންތައް ބެލެހެއްޓުމާ ހަވާލުވެފައިވާ ޒިންމާދާރު ވެރިއެއްގެ އަރިހުގައި ތިބެފައި އެ ވެރިއެއްގެ އިޒުނައާ ނުލައި ޖަމާއަތުން ވަކިވެގެން ނުދިއުމެވެ. އަންނޫރް ސޫރަތުގެ 62 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވައިފައި ވެއެވެ. [މުއުމިނުން ވާކަން ކަށަވަރީ، ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވި މީހުން ކަމުގައެވެ. އަދި އެއްވުމަކަށްވާ މުހިންމު ކަމެއްގައި، އެކަލޭގެފާނުގެ އަރިހުގައި އެއުރެން ވެއްޖެނަމަަ، އެކަލޭގެފާނުގެ އަރިހުން  އިޒުނަ ލިބިއްޖައުމަންދާނދެން އެއުރެން ނުދެއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަރިހުން އިޒުނައަށް އެދޭމީހުން (ދަންނާށެވެ!) އެއުރެންނީ، ﷲއަށާއި އެކަލާނގެ ރަސޫލާއަށް އީމާންވާ މީހުންނެވެ. ފަހެ، އެއުރެންގެ ބައެއް ކަންތަކަށްޓަކައި ކަލޭގެފާނުގެ އަރިހުން އެއުރެން އިޒުނައަށް އެދިއްޖެނަމަ، އެއުރެންގެ ތެރެއިން ކަލޭގެފާނު ގަސްތުކުރެއްވި މީހަކަށް އިޒުނަ ދެއްވާށެވެ! އަދި އެއުރެންނަށް ފާފަ ފުއްސެވުމަށް ﷲގެ ހަޟްރަތުން އެދިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.] މި އާޔަތުގައި އެއްވުމަކަށްވާ މުހިއްމު ކަމެކޭ އަންގަވައިފައި މިވަނީ ގިނަ ބަޔަކު އެކުވެގެން އެކީގައި ކަމެއް ކުރުމުގެ މާނައިގައެވެ. [އިޒުނަ ލިބިއްޖައުމަށް ދާންދެން] އިޝާރާތް ކުރަނީ އެ ކުރާ މަސައްކަތެއްގެ ރޫހުގެ މައްޗަށެވެ. އެއީ މީހަކު އޭނާ ބައިވެރިވާ މަސައްކަތަށް ދޭ ސަމާލުކަމާއި ޝައުގުވެރިކަމެވެ.

އަމިއްލަ މަސައްކަތެއް ނަމަ މަސައްކަތް މުޅީން ނުނިމެނީސް އެ މަސައްކަތާ ދުރަށް ނުގޮސް ފުރިހަމަ އިޚުލާސްތެރިކަމަކާއެކު ދެމިހުރުމަކީ ވަރުގަދަ ޝައުގުވެރިކަމެއް ހުރެގެން ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. މިފަދަ ބޮޑު ޝައުވެރިކަމެއް އަށަގަންނާނީ އަމިއްލަ ފައިދާތަކެއް ހުރީމައެވެ. މަސައްކަތް ނިންމުމަކީ އެމީހަކަށް ފައިދާ ކުރުވަނިވި ކަމަކަށް ވާތީ އެ ކަމެއްގައި ދެމިހުންނަނީއެވެ. ޒާތީ ޝައުގުވެރިކަމެއް ބަހައްޓައިގެން މަސައްކަތް ކުރާނީ އޭނާ ނުކުރާ ނަމަ އެހެން މީހަކު އެ މަސައްކަތެއް ނުކުރާނެކަންވެސް އެނގޭތީއެވެ. އެކަމަކު ޖަމާއަތެއްގެ ތެރޭގައި އެހެން ބަޔަކާއެކު ކުރާ މަސައްކަތެއް ނަމަ އެހެން މީހަކު ކުރާނެކަމަށް ބަލާފައި ފަރުވާ ކުޑަ ކޮށްލުމަކީ ގިނަ ފަހަރަށް ވާ ކަމެކެވެ. އަހަރެން ނުކޮށްފިއްޔާ މިކަން ކުރާނޭ އެތައް ބަޔަކު އެބަތިއްބޭވެސް ހިތަށް އަރާނެއެވެ. މަސައްކަތަކީ އަމިއްލަ ފައިދާއެއް ނެތް ކަމެއް ކަމުގައި ދެކި، އެހެން މީހުންގެ ބޮލަށް ޖަހައިލެވޭގޮތް ވެއެވެ. ޖަމާއަތުގެ މަސައްކަތަކަށް މީހަކުގެ ހިތުގައި ބޮޑު ޝައުގުވެރިކަމެއް އުފެދޭނީ ޖަމާއަތުގެ ފައިދާއަކީ ޚުދު ތިމާގެވެސް ފައިދާ ކަމުގައި ދެކޭން ފެށީމައެވެ. މިފަދަ ގޮތަކަށް ބެލެވޭނީ އިޖުތިމާއީ ބުއްދިއެއް ހުރެގެންނެވެ. އެފަދަ މީހަކު ނަމަ އަމިއްލަ ފައިދާއާއި މަސްލަހަތަށް ބަލާ މިންވަރަށް މުޖުތަމައުގެ ފައިދާއާއި މަސްލަހަތަށް ބަލާނެއެވެ.

މުސްލިމަކު ނަމަ މި ދެންނެވުނު ފަދަ އިޖްތިމާއީ ބުއްދިއެއް ހުންނާން ވާނެއެވެ. އޭނާގެ ކިބައިން އެދެވިއްޖެ ކޮންމެ ފަހަރަކު އިސްލާމީ މަސައްކަތުގައި ބައިވެރިވުމުގެ ވިސްނުން ހިތާއި ރޫޙުގައި އަށަގެންފައި ހުންނާން ވާނެއެވެ. މިފަދަ ކަމެއްގައި ބައިވެރި ވެއްޖެނަމަ އެކަމެއް މުޅީން ނިމޭންދެން އެކަމެއްގައި ދެމިހުންނާން ވާނެއެވެ. އެ މަސައްކަތެއްގެ އިސް މީހަކަށް ހުރިމީހާގެ އިޒުނަޔާއެކު ދުރަށް ޖެހިލީނަމަވެސް އެއީ މުޅި މަސައްކަތާ ދުރަށް ދިޔައީ ކަމުގައި ހަދައިގެން ނުވާނެއެވެ. ދުރަށް ޖެހިލާން ވާނީ އެކަށީގެންވާ މަގުބޫލު ސަބަބެއް އޮވެގެންނެވެ. އަދި ވަގުތާއި ހާލަތު ތަންދިންހައި އަވަހަކަށް މަސައްކަތަށް އެނބުރި އަންނާން ވާނެއެވެ. އުޒުރެއް އޮވެގެން ދުރަށް ޖެހިލާ މީހާއަށް ހުއްދަ ދޭން ކީރިތި ޤުރްއާނުގައި އަންގަވައިފައި ވަނީ އެހެން ވެގެންނެވެ. މިފަދަ ހާލަތެއްގައި ހުއްދަ ދޭން ވާނީވެސް އަދި ހުއްދައަށް އެދޭން ވާނީވެސް ހިތްހެޔޮކަމާއެކު އިސްލާމީ ރޫޙެއްގައެވެ. ހުއްދަ ދިންމީހާއާއި ހުއްދައަށް އެދުނު މީހާޔާ ދެމީހުންވެސް އެކަކު އަނެކަކަށްޓަކައި ހެޔޮ ދުޢާ ކުރާން ވާނެއެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.