ދަންމަރު: ކާއިނާތުގެ މެޝިން

1965 ވަނަ އަހަރު ދެ ޤައުމެއްގެ މެދުގައި ހަނގުރާމައެއް ހިނގިއެވެ. އެއްބައެއްގެ އަތުގައި ހުރީ ދެރަ ހަތިޔާރެވެ. އަނެއްބައެއްގެ އަތުގައި މޮޅު ހަތިޔާރެވެ. އެއްބަޔަކު ބޭނުން ކުރީ އަމިއްލަ ރަށުގައި ހަދާފައި ހުރި ތަކެއްޗެވެ. އަނެއްބަޔަކު ބޭނުންކުރީ އިނގިރޭސިވިލާތުގައި ހަދާފައި ހުރި ތަކެއްޗެވެ. އެއްބަޔަކު ބޭނުން ކުރަނީ ވަރަށް އާދައިގެ މަތިންދާ ބޯޓެވެ. އަނެއް ބަޔަކު ބޭނުން ކުރީ ފަރަންސޭސިވިލާތުގެ މޮޅު މަތިންދާބޯޓެވެ. އެހެންނަމަވެސް މި ހަނގުރާމައިގައި މޮޅުވީ ދެރަ ހަތިޔާރު ބޭނުންކުރި ޤައުމެވެ.

މީގެ ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ މޮޅުވީ މީހުން އެމީހުންގެ އަމިއްލައަށް ހަދާފައިވާ ހަތިޔާރުގެ ބޭނުން ކުރި ކަމެވެ. އެތަކެތި ބޭނުންކުރާނެ ގޮތް ރަނގަޅަށް އެނގޭކަމެވެ. ދެރަވީ މީހުން ބޭނުން ކުރި ހަތިޔާރު ހަދާފައިވަނީ އެހެން ޤައުމެއްގައެވެ. ވުމާއެކު އެތަކެތީގެ ބޭނުންކުރާނެގޮތް މާ ރަނގަޅަކަށް ނޭނގެއެވެ. އެމީހުން ބަލިވެ އިނދަޖެހުނު ސަބަބަކީ މިއީއެވެ. ހަނގުރާމައިގެ ޚަބަރުތައް ލިޔާ މީހަކު މި ހަނގުރާމައިގެ ވާހަކަ ލިޔަމުން ބަޔާންކޮށްފައި ވެއެވެ.

"ހަނގުރާމައިގައި ބޭނުން ކުރާ އިންތިހާ ދަރަޖައިގެ މޮޅު އާލާތްތައް ބޭނުންކުރުވެނީ ހަނގުރާމަވެރިން ލައްވައެވެ. ވުމާއެކު ހަނގުރާމައިގައި އެތަކެތި ބޭނުން ކުރެވޭ ގޮތުގެ ރަނގަޅާއި، ނުބައި ބިނާވެފައި އޮންނަނީ ބޭނުންކުރާ މީހެއްގެ ހުނަރާއި، ތަމްރީނާއި، ކެރުމާއި، ރޭވުންތެރިކަމުގެ މައްޗަށެވެ. އެވޭލާ ޒަމާނުގައި ބަޑިޖަހާ މީހުންނަށް ދެވުނު އަހުމިއްޔަތުކަން އަދިވެސް އޮތީ އޮތްގޮތަށެވެ. ގޮބަކަށް ފިތާލައިގެން ކުރާ ހަނގުރާމައިގެ ޒަމާނުގައިވެސް މެއެވެ." (ޓައިމްސް އޮފް އިންޑިއާ، 2 ފެބްރުއަރީ 1984)

މަތީގައި ދެންނެވުނު ޙާދިސާތަކުން ހާމަވަނީ ކާއިނާތޭ މިކިޔާ މެޝިނުގެ ޙަޤީޤަތެވެ. އަޅުގަނޑުމެން އީޖާދު ކުރާ މެޝިންތައް ހިންގަން އަބަދުވެސް "އިންސާނަކު" ބޭނުންވެއެވެ. ވުމާއެކު ކާއިނާތުފަދަ ވަރުގަދަ މެޝިނެއް ހިނގަމުން މިދަނީ އެއްވެސް ފަރާތެއްގެ ބާރަކާނުލައި އަމިއްލައަށް ކަމަށް ބުނެވޭނީ ކޮންފަދައަކުންތޯއެވެ؟ މި ޚިޔާލަށް ބާރު ލިބޭނޭ އެއްވެސް ހެއްކެއްނެތެވެ. ސައިންސްވެރިން ބުނާ ފަދައިން ކާއިނާތަކީ ވަރުގަދަ މެޝިނެއް ކަމަށް ޤަބޫލު ކުރި ނަމަވެސް އެ މެޝިނު ހިންގާނޭ "ވަރުގަދަ ފަރާތެއް" ބޭނުންވާނެއެވެ. ﷲ ގެ އެއްކައުވަންތަ ކަމަށް ހެކިވާން އިންސާނާއަށްވަނީ މަޖުބޫރުވެފައެވެ. ދީނީ ހަމަތަކުން ކަލެއްކަމަށާއި، ވެރިއެއްކަމަށް ނުވަތަ ސައިންސްގެ ބަހުރުވައިން ނަމަ މެޝިނެއް ހިންގާ އިންޖިނިއަރެއްގެ ޙައިސިއްޔަތުން ނަމަވެސް އިންސާނާއަށް ޖެހޭނީ "މަތިވެރި އިލާހު" ގެ ވުޖޫދަށް އީމާންވާށެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.