ޔޫއޭއީގެ ރައީސު އަަވަހާރަވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސު ޝޭޚް ޚަލީފާ ބިން ޒާޔިދް އާލްނަހްޔާން އަވަހާރަވެއްޖެއެވެ.

"ޔޫއޭއީގެ ރައީސު ހިޒް ހައިނެސް ޝޭޚް ޚަލީފާ ބިން ޒާޔިދް އާލްނަހްޔާން އަވަހާރަވުމާ ގުޅިގެން މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒްއިން ޔޫއޭއީގެ ރައްޔިތުންނާއި، އަބަރި އަދި އިސްލާމީ އުއްމަތަށާއި، މުޅި ދުނިޔެއަށް ތައުޒިޔާކިޔަން." މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއާޒްއާ ހަވާލާދީ ޔޫއީއީގެ ރަސްމީ ނިއުސް އެޖެންސީން 'ވާމް' އިން ކޮށްފައިވާ ޓުވީޓެއްގައި ވެއެވެ.

އުމުރުފުޅުން 73 އަހަރުފުޅުގައި ޝޭޚް ޚަލީފާ އަވަހާރަވެފައި މިވަނީ ދިގު މުއްދަތަކަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގަތް ފަހުން އޭނާ ވަނީ އަމަލީގޮތުން ދައުލަތް ހިންގުމާ ދުރަށް ޖެހިވަޑައިގެން އޭނާގެ ކޮއްކޯފުޅު އަދި އަބޫދާބީގެ ވަލީއަހުދު ޝޭޚް މުޙައްމަދު ބިން ޚަލީފާއާ ދައުލަތް ހިންގުން ހަވާލުކުރައްވާފައެވެ. އެހެންކަމުން، އެެދުވަހުއްސުރެ އޭނާއަކީ ރަމްޒީ ގޮތެއްގައި ޔޫއޭއީގެ ރައީސަކަށް ހުންނެވި ބޭފުޅެކެވެ.

އޭނާ އަވާރަވުމަށް ފަހު ޔޫއޭއީގެ ރައީސުކަމާ ދެން ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު އަދި އިއުލާންކޮށްފައި ނުވެއެވެ.

އަރަބި ގަލްފު (ޕާޝިއަން ގަލްފް) ގެ ކުޑަ ހަތް އެމިރޭޓެއް ގުޅިގެން 1971 ވަނަ އަހަރު ވުޖޫދަށް އައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފުރަތަމަ ރައީސަކީ މިއަދު އަވަހާރަވި ޝޭޚް ޚަލީފާގެ ބައްޕާފުޅު ޝޭޚް ޒާޔިދް ބިން ސުލްޠާން އާލްނަހްޔާންއެވެ. 33 އަހަރުގެ ވެރިކަމަކަށް ފަހު 2004 ވަނަ ޝޭޚް ޒާޔިދް އަވަހާރަވުމުން ޔޫއޭއީގެ ރައީސުކަމަށް ވަޑައިގަތީ އޭނާގެ އެންމެ ދޮށީ ދަރިކަލުން ޝޭޚް ޚަލީފާ ބިން ޒާޔިދްއެެވެ.

ޝޭޚް ޚަލީފާ އަވަހާރަވުމުގެ ހިތާމައިގައި މިނިސްޓްރީ އޮފް ޕްރެޒިޑެންޝަން އެފެއާޒްއިން ވަނީ 40 ދުވަހުގެ ގައުމީ ހިތާމަ އިއުލާންކޮށްފައެވެ. މި މުއްދަތުގައި އެ ގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާއިރު، ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އަމިއްލި އޮފީސްތަކަށް ތިން ދުވަހަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

ވަރަށް ތުއްޕުޅު އިރުއްސުރެ އޭނާގެ ބައްޕާފުޅުގެ އަރިހުގައި ހުންނަވައިގެން ދައުލަތް ހިންގުމުގެ ގިނަ ކަންކަން ގާތުން ދެކެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތް ޝޭޚް ޚަލީފާގެ ވެރިކަމުން ޔޫއޭއީ ވަނީ ތަރައްގީ ވަމުން އަންނަ މެދު ފަންތީގެ ގައުމަކުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމަށް ވެފައެވެ.

އަވަހާރަވީއިރު ދުނިޔޭގެ އެންެމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޚަލީފާ ބިން ޒާޔިދްއަކީ އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ މިލްކިއްޔާތު ހުރި އަބޫދާބީ އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.