ޔޫއޭއީގައި އިސްލާމީ ޕާސަނަލް ލޯ އަށް ބޮޑެތި ބަދަލުތައް ގެނެސްފި

ޔޫރަޕުގެ އާއިލާއެއް ޔޫއޭއީގެ ގޮނޑުދޮށެއްގައި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިސްލާމީ ޕާސަނަލް ލޯ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައި، އެ ގައުމުގެ ސަރުކާރުން އިއްޔެ އެކަން އިއުލާންކޮށްފިއެވެ. މިއީ އާއްމުންގެ ދިރިއުޅުމުގައި ދުވަހުން ދުވަހަށް ދިމާވާ ކަންކަމުގައި ފަސޭހަ ގޮތް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމުގައި ޔޫއޭއީގެ ނޫސްތަކުން ބުނެފައި ވެއެވެ. އިއުލާންކުރާ ދުވަހުން ފެށިގެން މި ބަދަލުތަކަށް އަމަލުކުރަން ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި ކައިވެނި ނުކޮށް އެކުގައި ދިރުއުޅުމުގެ ހުއްދަ ދިނުމާއި ރާ ވިއްކުމުގެ އުސޫލުތަކަށް ދޫދިނުމާއި، އަމިއްލައަށް މަރުވާން އުޅުމަކީ ކުށެއް ނޫންކަމަށް ނިންމުން ހިމެނެއެވެ.

މި ގާނޫނުތަކަށް ބަދަލު ގެނައިއިރު، ޔޫއޭއީ އަކީ ފައިސާވެރިން، ޚާއްސަކޮށް ހުޅަނގުގެ މުއްސަނދިން އައިސް ވަޒަންވެރިވެގެން ދިރިއުޅޭ، އެމީހުންނަށް ހިތް ފަސޭހަ ތަނެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ގައުމެކެވެ. ހިތްގައިމު ގޮނޑުދޮށްތަކާއު، އެންމެ ޒަމާނީ އެޕާޓްމަންޓުތަކާއި، މަތީ ފެންވަރުގެ ގެތަކާއި، ވިޔަފާރި މަރުކަޒުތައް ހަދައި ގައުމަށް ބޭރު ގައުމުތަކުގެ މުއްސަނދިން ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

އިސްލާމީ ޕާސަނަލް ލޯ (ޤާނޫނުލް އަޙްވާލިއް ޝަޚްޞިއްޔާ) އަށް ގެނައި ބަދަލަކީ އެގައުމުގައި އުޅޭ ބޭރު މީހުންނަށް އަމާޒުކޮށް ގެނައި ބަދަލުތަކެއްކަން ޔޫއޭއީގެ ނޫސްތަކުން ފާހަގަކުރާއިރު، އެ ގައުމުގެ އާބާދީގެ 8 މިލިއަން މީހުންގެ ތެރޭގައި ތިބީ އެ ގައުމުގެ ރަށްވެހިންގެ އެއް މިލިއަން ހަމަ ނުވާ އަދަދެކެވެ. (9 ލައްކަ 48 ހާސް މީހުންނެވެ.) ބާކީ ތިބި 7 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރޭގައި 100 އަށްވުރެ ގިނަ ގައުމަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

މި ގެނައި ބަދަލު ތަކުގެ ތެރޭގައި އެމިރޭޓްސްގެ ރަށްވެހިން ނޫން ޣައިރު މުސްލިމު މީހުންގެ ފަރުދީ ކަންކަން އެމީހުން ގައުތަކުގައި އޮންނަ އުސޫލުން އެމީހުންގެ ދީނާ އެއްގޮތަށް ނިންމުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. މީގެ ތެރޭގައި ކައިވެނިކުރުމާއި، ވަރިކުރުމާއި. ވާރުތަ މުދާ ބެހުން ފަދަ ކަންކަން ހިމެނެއެވެ. ކުރިން މިކަންކަން ނިންމަމުން އައީ އިސްލާމީ ޝަރީއަތާ އެއް ގޮތަށް ނަމަވެސް، މީގެ ފަހުން ނިންމާނީ އެ ބަޔަކު ނިސްބަތްވާ ގައުމެއްގެ ގާނޫނާ އެއްގޮތަށެވެ.

މީގެ ކުރިން ކައިވެނިނުކޮށް ދެ މީހަކު އެކުގައި އުޅުމަކީ މަނާ ކަމެއް ކަމުގައި ވިޔަސް މިހާރު ކައިވެނި ނުކުރިއަސް ދެމަފރިން އުޅޭހެން އެކުގައި އުޅުން އެއީ ހުއްދަ ކަމަކަށް ވީއެވެ. މި ގާނޫނަށް ބަދަލު ގެނައުމުގެ ކުރިންވެސް މިފަދައިން ދިރިއުޅެމުން އައި މީހުންނާ މެދު މާ ބޮޑު އަޅާލުމެއް ކަމާ ބެހޭ އިދާރާތަކުން ބަހައްޓާފައި ނެތަސް ބޭނުންވެއްޖެ ހިނދެއްގައި ފިޔަވަޅު އެޅުމުގެ ބިރު އޮތެވެ.

ގާނޫނަށް ގެނައި އައު ބަދަލާއެކު ރާބުއިމަކީ މިހާރު ކުށެއް ނޫނެވެ. ރާ ނުވަތަ ރަލުގެ ބާވަތްތައް ވިއްކާ ސަރަހެއްދައި މީހަކު ރާބޯން ހުއްޓަސް އައު ގާނޫނުގެ ދަށުން އޭނާ ކުށްވެރި ނުވާނެއެވެ. މީގެ ކުރިން ރާ ބޮވޭނި އެކަމަށް ވަކި ހުއްދައެއް ނަގައިގެންނެވެ. މި ގޮތަށް ރާ ބުއިމުގެ ހުއްދަ ދީފައި ވަނީ 21 އަހަރުން މަތީގެ މީހުންނަށެވެ.

މި ބަދަލުތައް ގާނޫނަށް ގެނެސްފައި މިވަނީ ޔޫއޭއީއާއި އިސްރާއީލު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް، މަދަނީ ވައިގެ ދަތުރުތައް ފެށިތާ ގިނަ ދުވަހެއް ނުވެކަން ފާހަގަކޮށްލަން ޖެހެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.