ރޭގެ މުޒާހަރާތަކަށް ފަހު ސްރީލަންކާގައި ހިންގި ކާފިއު އުވާލައިފި

ރޭގެެ މުޒާހަރާގައި ބަހެއްގައި ރޯކޮށްލާފައި

ސްެރީލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް އިތުރުވަމުންދާތީ ގިނަ ބަޔަކު ރައީސު ގޮތާބޭ ރާޖަޕަކްސާގެ ގެކޮޅުގެ ކައިރިއަށް އެއްވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ރޭ ކުރި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވުމާ ގުޅިގެން ކޮލޮމްބޯގެ ބައެއް ސަރަހައްދު ތަކުގައި ހިންގި ކާފިއު މިއަދު ފަތިހު އުވާލައިފިއެވެ.

"ކާފައު ވަނީ މިއަދު (ފަތިހު) 5 ޖެހިއިރު އުވާލާފައި." ފުލުހުންގެ ތަރުޖަމާނު ސީނިއަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނިހާލް ތަލްޑުވާއާ ހަވާލާދީ ސްރީލަންކާގެ ބައެެއް ނޫސްތަކުން މިއަދު ބުނެފައި ވެއެވެ.

އިއްޔެ ކާފިއު ހިންގާފައިވަނީ ކޮލޮމްބޯގެ އުތުރު، ދެކުނު، މެދުތެރެ، ނުގޭގޮޑާ، މައުންޓް ލެވިނިޔާ އަދި ކެލާނިޔާގައެވެ.

ފުލުހުން ބުނި ގޮތުގައި މިރިހާނާގައި ރައީސު ރާޖަޕަކްސާ ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދަށް އެއްވެ އަޑުއުފުލި މީހުންގެ ތެރޭން 45 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.

މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ހިނގި ކުރިމަތިލުމުގައި 50 އެއްހާ މީހުންނަށް އަނިޔާވެފައި ވެއެވެ. އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާހޯދި މީހުންގެ ތެރޭގައި ފުލުހުންގެ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ގެ ބައެއް މެންބަރުންނާއި، ނޫސްވެރިންވެސް ހިމެނެއެވެ.

ފުލުހުންގެ ތަރުޖަމާނު ތަލްޑުވާ ވިދާޅުވި ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ބައެއް އުޅަނދުތަކުގައި ރޯކޮށްލާފައެވެ. އޭގެ ތެރޭގައި ސިފައިންގެ ބަހަކާއި، ޖިޕަކާއި، އޮޓޯއަކާއި، ފުލުހުންގެ ދެ ސައިކަލު ހިމެނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ސްރީލަންކާއަށް ބޭރު ފައިސާ ވަންނަ އެންމެ ބޮޑު އިގުތިސާދީ ހަރަކާތް ކަމުގައިވާ ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ގައުމުގެ އިގުތިސާދު ވަނީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ބޭރު ފައިސާގެ ރިޒާވް ދަށްވެ އަސާސީ ބޭނުންތަކަށް މުދާ އެެތެރެކުރުންވެސް ވަނީ ދަތިވެފައެވެ.

ކަރަންޓަށް ކުރާ ހޭދަ ކުޑަކުުރުމުގެ ގޮތުން ދުވާލަކު 10 ވަރަކަށް ގަޑިއަށް ކަރަންޓު ކަނޑަމުން ދާއިރު، ރެއިން ފެށިގެން މަގުބައްތި ނުދިއްލަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.