
ވިސާނެތި، ކަޒަކްސްތާނުގައި 30 ދުވަހު ދިވެހިންނަށް ތިބެވޭނެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް ކަޒަކްސްތާނަށް ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް އެވެ. އަދި ކަޒަގިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ކަޒަކްސްތާނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ނޫރްލާން ޝަލްގަސްބަޔޭވް އެވެ.
"އެގްރިމެންޓް އޮން މިއުޗުއަލް އެގްޒެމްޝަން އޮފް ވިސާ ރިކުއަޔަރމަންޓްސް" ގެ ދަށުން ދެޤައުމުގެ ރައްޔިތުން އަނެއް ޤައުމަށް ދަތުރުކުރުމުގައި، ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެއެވެ. އަދި ޓްރާންސިޓްކުރުމުގައި ވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.
ސްޓޭޓް މިނިސްޓަރ ޚަލީލް ވިދާޅުވީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަޒަކްސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ސޮއިކުރެވުނު ވިސާ ވެއިވަރ އެގްރިމެންޓާއިއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު އައި ފަހުން ތައިލެންޑް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ޗައިނާއަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.