އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ތަކެތި މީސްމީޑިޔާ ބޮޑެތި ކުންފުނިތަކަށް ހުއްޓުވިފައި ނުވޭ: ރިޕޯޓު

މުސްލިމުންނާ މެދު ނަފުރަތު އުފައްދައި، އިސްލާމްދީނަށް ފުރައްސާރަކޮށް މީސްމީޑިޔާގެ ބޮޑެތި ޕްލެޓްފޯމްތަކަށް ލާ ލިއުންތަކާއި، ފޮޓޯތަކާއި، ވީޑިއޯތަކާއި، އެހެނިހެން ތަކެތީގެ %89 އެ ކުންފުނިތަކުން ހުއްޓުވާފައި ނުވާ ކަމަށް ދިރާސާ ރިޕޯޓަކުން ދައްކައިފިއެވެ.

"މީސްމީޑިޔާ ކުންފުނިތައް، އޭގެ ތެރޭގައި ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް، ޓުވިޓާ، ޔޫޓިއުބް ހިމެނޭހެން، މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފައްދުމާއި އިސްލާމްދީނަށް ފުރައްސާރަކުރުން ހިމެނޭ ތަކެތީގެ %89 އާ މެދު ފިޔަވަޅުއެޅުމުގައި ފޭލްވެފައިވާކަން މި ރިޕޯޓުން ވަނީ ހާމަވެފައި." މީސްމީޑިޔާގައި ވަކި ބަޔަކާ ދެކޮޅަށް ނަފުރަތު އުފެއްދުން ހުއްޓުވުމަށް މަަސައްކަތްކުރާ  ސެންޓަރ ފޯ ކައުންޓަރިންގ ޑިޖިޓަލް ހޭޓް (ސީސީޑީއެޗް) ގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

2019 ވަނަ އަހަރުގެ މާރިޗު މަހު ނިއުޒީލޭންޑްގެ ކްރައިސްޓްޗާޗުގައި ދެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާގައި ގިނަ އަދަދެއްގެ މުސްލިމުން މަރާލި ޖަރީމާ ފޭސްބުކން ލައިވްކޮށްފައިވާތީ، އެފަދަ ނަފުުރަތުގެ އަމަލުތަކާ ބެހޭ ތަކެތި މީސްމީޑިޔާއަށް ލުން ހުއްޓުވުމާ ބެެހޭ 'ކްރައިސްޓްޗާޗް ކޯލް' އަށް ތާއިދުކޮށް 2019 ވަނަ އަހަރު މެޓާ (އޭރު ފޭސްބުކް)، ޓުވިޓާ އަދި ގޫގްލްއިން ގުޅިފައިވާ ބަޔާނެއް ނެރެފައިވީ ނަމަވެސް އަމަލީގޮތުން އެކަން ތަންފީޒުކުރެވިފައިނުވާކަން ސީސީޑީއެޗްގެ ރިޕޯޓުން އެނގެއެވެ.

"ޓެރަރިސްޓް އަނިޔާވެރި އަމަލުތަކަށް މަގުފަހިކުރާ ނަފުރަތާއި ހަނގުރާމަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަޒުމުކަނޑައަޅާއިވާ ކަމަށް" މީސްމިޑިޔާގެ ބޮޑުން އޭރު ބުނެފައި ވެއެވެ.

"އަނެއްކާވެސް އެ ބަޔާނަކީ ނުފުއްދާ ވައުދު ނޫން އެހެން އެއްޗަކަށް ނުވި." ރިޕޯޓުގައި ވެއެވެ.

މުސްލިމުންނާ ދެކޮޅު ނަސްލީ ގޮތުން ތަފާތުކުރާ ކާޓޫނުތަކާއި، ނުބައި ރޭވުންތަކާއި، ހަގީގަތެއް ނެެތް ވާހަކަތައް ހިމެނޭ 350 ޕޯސްޓު ސީސީޑީއެޗްގެ އެނަލިސްޓުންނަށް ފެނިފައި ވެއެވެ.

މި ޕޯސްޡޓުތައް 25 މިލިއަން ފަހަރު ބަލާފައި ވެއެވެ. ހުތުރު ބަހުން މުޚާޠަބުކޮށްފައިވާ މި ތަކެތި ފަސޭހައިން ދެނެގަނެވުނު ނަމަވެސް އެެއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

އިންސްޓަގްރާމާއިި، ޓުވިޓާއާއި، ޓިކްޓޮކުން #deathtoislam, #islamiscancer, #ragheadi ފަަދަ ހޭޝްޓެގްތައް ބޭނުންކުރުމަށް ހުރަސްއަޅާފައި ނުވާއިރު މި ހޭޝްޓެގްތައް ބޭނުންކޮށްފައި ޕޯސްޓްތަކަށް 1.3 މިލިއަން މީހުން ޝުއޫރުފާޅުކޮށްފައި ވެއެވެ.

މީސްމީޑިޔާއަށް ލާ މިފަދަ ލިއުންތަކާއި، މަންޒަރުތަކުން "އިޖްތިމާއީ ބައިބައިވުންތައް އުފައްދައި، އާއްމު މިންގަޑުތަކާ ޚިލާފު ސުލޫކަކީ އާދައިގެ ކަމެއްގެ ގޮތުގައި ދައްކައި، ހަގީގީ ދުނިޔޭގައި މީހުންނަށް ހަމަލާދިނުމަށް މަގުފަހިކުރާތީ މި ތަކެތި އަމާޒުވާ މުޖުތަަމައުތައް ނުރައްކަލަށް ހުށަހެލީގެން ދާކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

"(މީސްމީޑިޔާގެ ބޮޑެތި ކުންފުނިތަކުގެ) މިއަމަލު އިތުރަށް ނުބައިވެންދަނީ، ނަފުރަތު އުފައްދާ ޕޯސްޓްތަކުން އެކުންފުނިތައް ފައިދާ ހޯދާތީ.... އެމީހުނަށް ނަފުރަތު އުފެއްދުން ވަނީ ފައިދާހުރި ވިޔަފާރިއަކަށް ވެފައި." ސީސީއެޗްޑީގެ ރިޕޯޓުގައި އިތުރަށް ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.