ފޭސްބުކް، ވަޓްސްއަޕް އަދި އިންސްޓަގްރާމްގެ ޚިދުމަތް 6 ގަޑިއިރުގެ މެދުކެނޑުމަކަށްފަހު އަލުން ލިބެން ފަށައިފި

މީސް މީޑިޔާގެ އެންމެ ބޮޑު ޕްލެޓްފޯމް ފޭސްބުކާއި ފޭސްބުކުން ހިންގާ ވަޓްސްއަޕާއި އިންސްޓަގްރާމްގެ ޚިދުމަތް ދުނިޔޭގެ ކަންކޮޅުތަކުގައި ކުއްލިގޮތަކަށް މެދުކެނޑުމަށް ފަހު، 6 ގަޑިއެއްހާ އިރު ފަހުން ޚިދުމަތް ލިބެން ފަށައިފިއެެވެ.

އިންޓަނެޓް މެދުވެރިކޮށް ދޭ ތަފާތު ޚިދުމަތްތައް މެދުކެނޑުން ބަލާ ޑައުންޑިޓެކްޓަރ.ކޮމް އިން ބުނި ގޮތުގައި ފޭސްބުކާއި، އިންސްޓަގްރާމް އަދި ވަޓްސްއަޕްގެ ޚިދުމަތް ބޭނުންކުރާ އެތައް މިލިއަން ބަޔަކަށް ދުނިޔޭގެ ކަންކޮޅުތަކުގައި މި ތިން އެޕްލިކޭޝަންގެ ޚިދުމަތް ލިބިގަތުމުގައި އުުނދަގޫތައް ކުރިމަތިވެފައި ވެއެވެ. އެ ވެބްސައިޓުން ބުނެފައިވާ ގޮތުގައި ހޯމަދުވަހުގެ ހަވީރު ޖީއެމްޓީ ގަޑިން 3:45 (ރާއްޖޭ ގަޑިން ހޯމަދުުވަހުގެރޭ 8:45) އިން ފެށިގެން ގިނަ ގައުމުތަކެއްގެ 10.6 މިލިއަން މީހުންނަށް މައްސަލަތައް ކުރިމަތިވެގެން ރިޕޯޓުކޮށްފައި ވެއެވެ.

ހޯމަދުވަހުގެރޭ ކުރި ޓުވީޓެއްގައި ފޭސްބުކުން ބުނެފައިވަނީ 3 އެޕްލިކޭޝަންގެ ޚިދުމަތްވެސް މިހާރު މަޑުމަޑުން އިއާދަވާން ފަށާފައިވާ ކަމަށެވެ. އެކުންފުނިން ވަނީ ޚިދުމަތް ހޯދާ ފަރާތްތަަކަށް ކުރިމަތިވި ދަތިތަކަށް މާފަށް އެދިފައެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ޚަބަރުދީފައި ވާގޮތުގައި އެޕްލިކޭޝަންތަކުގެ ޚިދުމަތްތައް މެދުކެނޑުމުގެ އިތުރަށް ކުންފުނީގެ އެތެރޭގެ ގުޅުންތައްވެސް ވަނީ ކެނޑިފައެވެ. ވަޓްސްއަޕްގެ އޮފިޝަލަކު ނޫހަކަަށް މައުލޫމާތުދެމުން ބުނެފައިވާ ގޮތުގައި ފޭސްބުކްގެ މައި އޮފީހުގައި އީމޭލް ފިޔަވައި އެހެން ޚިދުމަތެއް މަސައްކަތް ނުކުރެއެވެ.

ޚިދުމަތްތައް މިގޮތަށް މެދުކެނޑުމަކީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ފޭސްބުކް ކުންފުންޏަށް ކުރިމަތި ދެވަނަ މައްސަލައެވެ. ފޭސްބުކް ކުންފުނީގައި ޕްރޮޑަކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި މީހަކު އާދިއްތަ ދުވަހު ހާމަކުރި މައުލޫމާތުތަކެއްގައި ވަަނީ ފޭސްބުކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ ބުނި ގޮތުުުގައި ފޭސްބުކުން މަސައްކަތްކޮށްފައި ވަނީ ޚިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަމަށްވުރެ ވިޔަފާރިން ލިބޭ ފައިދާއަށް އިސްކަން ދީގެންނެވެ. އަދި ނަފުރަތު ފަތުރާ ވާހަކަތަކާއި، ދޮގު މައުލޫމާތު ހުއްޓުުވުމަށް ވުރެ ބޮޑަށް ލިބޭ ފައިދާއަށް އިސްކަންދީގެންނެެވެ.

2 ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ފޭސްބުކަށް ދިމާވި މި މައްސަލަތަކާއި ގުޅިގެން ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގުވަނީ ދަށަށް ގޮސްފައެވެ. ހޯމަ ދުވަހު ހަވީރު ހިއްސާގެ ވިޔަފާރީގައި ފޭސްބުކްގެ ހިއްސާ ވަނީ %4.9 ދަށަށް ގޮސްފައެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަަގަންއިން ބުނި ގޮތުގައި އެ ވުޒާރާއިން ދަނީ އިއްޔެ ފޭސްބުކަށް ދިމާވި މައްސަަަލައިގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ހިނގާފައި ވޭތޯ ބަލަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.